ޚަބަރު

ފޯރިގަދަ ހުށަހެޅުންތަކަކާއެކު ސަނީ ސައިޑް މިޔުޒިކް ފެސްޓިވަލް


ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްޕުޅުތަކުގެތުގެ ތެރެއިން، ޓޫރިޒަމް މިނިސްޓްރީން އިސްނަންގަވައިގެން ކޮންމެ އަހަރަކުވެސް ބާއްވަވަމުން އަންނަ މޯލްޑިވްސް ސަނީ ސައިޑް މިޔުޒިކް ފެސްޓިވަލް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރަސްމީކޮށްފަށްޓަވައިދެއްވައިފިއެވެ.

މި ޝޯވ ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންވެސް އަލިމަސްކާނިވަލަށް ވަޑައިގެންފައިވެއެވެ.

ރޭ ފެށި މި ފެސްޓިވަލްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ މަޝްހޫރު ފަންނާނުން ބައިވެރިވެއެވެ. މި ފެސްޓިވަލްގައި، އިންޑިއާގެ މަޝްހޫރު ލަވަކިއުންތެރިޔާ އަރްމާން މާލިކްވެސް ލަވަ ހުށަހަޅައިދީފައިވެއެވެ. "ކިންގް އޮފް ރޮމޭންޓިކް ސޯންގްސް"ގެ ނަމުން އާއްމުންގެ ތެރޭގައި ބޮޑު މަޤުބޫލުކަމެއް ހޯދަމުން އަންނަ އަރްމާން ވަނީ މިހާތަނަށް އިންޑިއާގެ 100 އަށްވުރެ ގިނަ ކޮމާޝަލް ފިލްމަށް ލަވަ ކިޔައިދީފައެވެ. އަދި ބޮލީވުޑްގެ 16 ފީޗަރ ފިލްމަކަށްވެސް އޭނާ ލަވަ ކިޔައިދީފައިވެއެވެ.

މި ޝޯވ ބަލާލުމުގެ ފުރުޞަތު އާންމުންނަށް ހުޅުވާލާފައިވާއިރު މީގެކުރީގެ އަހަރުތަކުގައި ބާއްވާފައިވާ މިފަދަ ޝޯވތަކަކީވެސް އާންމުންގެ ބޮޑު ތަރުޙީބެއް ލިބިފައިވާ ޝޯވތަކެކެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގެ މަޝްހޫރު އަދި ކުޅަދާނަ ފަންނާނުން ބައިވެރިކޮށްގެން ކުރިއަށްގެންދާ މި ފެސްޓިވަލް ސަރުކާރުން ވަނީ ވޭތުވެދިޔަ ތިންއަހަރު ދުވަހުވެސް ބާއްވާފައެވެ.