ޚަބަރު

ރައީސް ޔާމީން ސްރީލަންކާގެ ރައީސަށް ތަޢުޒިޔާ ވިދާޅުވެއްޖެ


ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު ރަތުނަސިރީ ވިކްރަމަނައިކެ އަވަހާރަވުމާއި ގުޅިގެން، ސްރީލަންކާގެ ރައީސް މައިތުރިޕާލަ ސިރިސޭނާއަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ތަޢުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ރަތުނަސިރީ ވިކްރަމަނައިކެ އަވަހާރަވުމުގެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެފައިވެއެވެ. އަދި، ސިޔާސީ ބޭފުޅެއްގެ ގޮތުން ސްރީލަންކާގެ ކުރިއެރުމާއި، ތަރައްޤީއަށް ރަތުނަސިރީ ވިކްރަމަނައިކެ ކުރައްވާފައިވާ އަގުހުރި ޚިދުމަތްތައް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ސްރީލަންކާގެ ސަރުކާރަށާއި، ރައްޔިތުންނަށާއި، އަދި ޚާއްޞަގޮތެއްގައި ރަތުނަސިރީ ވިކްރަމަނައިކެގެ ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވާފައިވެއެވެ.