 
										
			171 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރައްވައިގެން ގޮނޑުދޮށް ޙިމާޔަތްކުރެއްވުމުގެ 9 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ނިންމަވާފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.
 
ރާއްޖެއަކީ ތިމާވެށީގެގޮތުން ނާޒުކު ޤައުމަކަށްވެފައި، މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރެއްވުމަށް ޤައުމީ ފެންވަރުގައާއި ބައިނަލްއަޤްވާމީ ފެންވަރުގައި ސަރުކާރުން ގެންދަވަނީ ތަފާތު ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އެލަންސް އޮފް ސްމޯލް އައިލެންޑް، އެއޯސިސްގެ ޗެއަރގެ ޙައިސިއްޔަތުން ބައިނަލްއަޤްވާމީ މައިދާނުގައި މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ވަކާލާތުކޮށް، ދުނިޔޭގެ ސަމާލުކަމަށް އެފަދަ ކަންކަން ގެނައުމުގައި ރާއްޖެއަކީ މުހިއްމު ދައުރެއް އަދާކުރާ ޤައުމެކެވެ. ހަމައެހެންމެ ބޭރުގެ އެހީދޭ ތަފާތު ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އެހީތެރިކަމާއި، އަދި ދައުލަތުގެ ބަޖެޓުން ޚަރަދުކުރައްވައިގެން ރާއްޖޭގެ ތިމާވެށީގެ މައްސަލަތައް ޙައްލުކުރެއްވުމަށް ސަރުކާރުން މިއަހަރު ތެރޭގައި ވަނީ ތަފާތު ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. މީގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކީ، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުތަކެވެ.
 
އެގޮތުން މިއަހަރުގެ ތެރޭގައި ސަރުކާރުން ވަނީ 171 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރައްވައިގެން ގޮނޑުދޮށް ޙިމާޔަތްކުރެއްވުމުގެ 9 މަޝްރޫޢެއް ނިންމަވާފައެވެ.
 
މީގެތެރެއިން ވަކި ވަކި މަޝްރޫޢުތަކަށް ބަލާއިރު:
 
* ގދ. ފަރެސްމާތޮޑާގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް 37 މިލިއަނަށްވުރެ ގިނަ ރުފިޔާ،
 
* ނ. ހޮޅުދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް 25 މިލިއަނަށްވުރެ ގިނަ ރުފިޔާ،
 
* މ. ނާލާފުށީގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް 17 މިލިއަނަށްވުރެ ގިނަ ރުފިޔާ،
 
* ކ. މާފުށީގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް 14 މިލިއަނަށްވުރެ ގިނަ ރުފިޔާ،
 
* އއ. އުކުޅަހުގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް 10 މިލިއަނަށްވުރެ ގިނަ ރުފިޔާ،
 
* ހދ. ކުޅުދުއްފުށީގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް 32 މިލިއަނަށްވުރެ ގިނަ ރުފިޔާ،
 
* ގދ. ތިނަދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް 23 މިލިއަނަށްވުރެ ގިނަ ރުފިޔާ،
 
* ރ. ފައިނުގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް 4 މިލިއަނަށްވުރެ ގިނަ ރުފިޔާ،
 
* އަދި ބ. ތުޅާދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކުރައްވާފައި.
 
މީގެ އިތުރުން، 6 ރަށެއްގެ ގޮނޑުދޮށް ޙިމާޔަތްކުރެއްވުމުގެ މަޝްރޫޢު ސަރުކާރުން މިއަހަރުގެ ތެރޭގައި ފަށްޓަވާފައިވެއެވެ. މި މަޝްރޫޢުތަކަށް ގާތްގަނޑަކަށް 85 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތުން ޚަރަދުކުރައްވާފައިވެއެވެ.
 
މިއަހަރު ސަރުކާރުން ގޮނޑުދޮށް ޙިމާޔަތްކުރެއްވުމުގެ މަޝްރޫޢުތައް ފެށްޓެވި ރަށްރަށަށް ބަލާއިރު،
 
* ރ. ފައިނުގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް 4 މިލިއަނަށްވުރެ ގިނަ ރުފިޔާ،
 
* ހއ. ދިއްދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ،
 
* ނ. ވެލިދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް 10 މިލިއަނަށްވުރެ ގިނަ ރުފިޔާ،
 
* ގދ. ގައްދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް 20 މިލިއަނަށްވުރެ ގިނަ ރުފިޔާ،
 
* ގދ. މަޑަވެލީގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް 11 މިލިއަނަށްވުރެ ގިނަ ރުފިޔާ،
 
* ސ. ހުޅުދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް 22 މިލިއަނަށްވުރެ ގިނަ ރުފިޔާ،
 
ދިރާސާތަކުން ދައްކާގޮތުން ރަށްގިރުމުގެ މައްސަލަ ކުރިމަތިވާ މައިގަނޑު ސަބަބަކީ ރަށާ ގުޅިފައިވާ ޤުދުރަތީ ފަރަށް އެކި ބޭނުންތަކުގައި ގެންނަ ބަދަލުތަކެވެ. މީގެތެރޭގައި ރަށްރަށުގެ ބަނދަރުފަދަ ތަންތަން ހެދުމާއި ނެރުކެނޑުން ހިމެނެއެވެ. ހަމައެހެންމެ އެކި އެކި ބޭނުންތަކަށް ރަށްރަށުގެ އަތިރިމަތިން ވެލިނެގުންފަދަ ކަންކަން ހިމެނެއެވެ.
 
މިފަދަ ކަންތައްތަކުގެ ސަބަބަން ރަށުގެ ނުވަތަ ފަޅު ވަށައިގެން ދައުރުވާ ވެލިތައް ދައުރުވުމަށް ހުރަސްއެޅި ރަށް ގިރުމަށް މަގުފަހިވެއެވެ. މިއަހަރުގެ މިހާތަނަށް 70 އަށްވުރެ ގިނަ ރަށަކުން ރަށްގިރުމުގެ މައްސަލަ ރިޕޯޓް ކޮށްފައިވެއެވެ. އެންވަޔަރަމަންޓް މިނިސްޓްރީގެ ސާރވޭ ޓީމްތަކުން ދަނީ އެރަށްރަށަށް ވަޑައިގެން އެ ކަންތައްތައް ބެއްލެވުމުގެ މަސައްކަތް ކުރައްވަމުންނެވެ.