ތިމާވެށި

އިޔާދަކުރަނިވި ހަކަތައާ ގުޅޭ ބިލެއް މަޖިލީހަށް ހުށަހަޅުއްވަނީ


އިޔާދަކުރަނިވި ހަކަތައާއި ގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ނިމިފައިވާކަމަށް އެންވަޔަރަމެންޓް މިނިސްޓަރ ތާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ. 

އެންވަޔަރަމެންޓް މިނިސްޓަރ ވިދާޅުވީ މިއަދު ސްޓެލްކޯގައި ބޭއްވެވި "އައިލެންޑް ސްޓްރެޓެޖީ ޑޭޓާ ބުކް 2016" އަދި "މޯލްޑިވްސް އެނާޖީ ޕޮލިސީ އެންޑް ސްޓްރެޓެޖީ 2016" އިފްތިތާޙްކުރެއްވުމަށްޓަކައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މިރަސްމިއްޔާތުގައި ވަހާކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ތެލުގެ ބަދަލުގައި އަވިން ނުވަތަ އެހެނިހެން ގޮތްގޮތުން ހަކަތަ އުފެއްދުމުގެ ގިނަ މަޝްރޫއުތަކެއް ކުރިއަށްގެންދެއްވުމަށް ނިންމަވާފައިވާކަމަށެވެ.

އެންވަޔަރަމަންޓް މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުގެ ދަށުން ސައުވީސް ގަޑިއިރު ކަރަންޓުގެ ޚިދުމަތް މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފޯރުކޮށްދެވިފައިވީ ނަމަވެސް، މި މަޝްރޫއު އިތުރަށް ތަރައްޤީކުރެއްވުމުގެ ގޮތުން ޖަނަރޭޓަރުތަކާއި ރަށްރަށުގައި ހުރި ނެޓުވޯކުތައް ރަނގަޅު ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އެ ގޮތުން ރާއްޖޭގެ ކޮންމެ ރަށެއްގައި ސިންކްރޮނައިޒް ޕެނަލް ސިސްޓަމެއް ގާއިމް ކުރެވިގެންދާނެ ކަމަށްވެސް މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ.