ޚަބަރު

ލޯކަލް ކައުންސިލް އިންތިޚާބް ފަސްކުރެއްވުމަށް ކުރެއްވި ހުކުމް


ލޯކަލް ކައުންސިލް އިންތިޚާބް ފަސްކުރެއްވުމަށް ސިވިލް ކޯޓުން އިލެކްޝަންސް ކޮމިޝަންސްގެ މައްޗަށް ކުރެއްވި ޙުކުމް އިސްތިޢުނާފް ކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހައިކޯޓަށް ހުށަހެޅުއްވި މައްސަލަ އަނބުރާ ނެންގެވުމަށް، އެކޮމިޝަނަށް ލަފާދޭ ޤައުމީ ކޮމެޓީން ކޮމިޝަނަށް ލަފާ އަރުއްވައިފިއެވެ. ޤައުމީ ލަފާދޭ ކޮމެޓީން އިލެކްޝަންސް ކޮމިޝަނަށް ލަފާ އެރުއްވީ މިއަދު ބޭއްވެވި އެ ކޮމެޓީގެ ބައްދަލުވުމެއްގައި ކޮމެޓީއަށް ޙާޟިރުވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުންނެވެ.

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބް 2 މަސް ދުވަހަށް ފަސްކުރެއްވުމަށް ސިވިލް ކޯޓުން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ޙުކުމްކުރެއްވީ މި މަހުގެ 1 ވަނަ ދުވަހުއެވެ. ސިވިލް ކޯޓުން ކުރެއްވި ޙުކުމްގައި ވިދާޅުވީ، ސިވިލް ކޯޓުން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ކުރައްވާފައިވާ ޙުކުމްގައި ވިދާޅުވެފައިވަނީ އަންނަ އަހަރު ބޭއްވެވުމަށް ނިންމަވާފައިވާ ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށާއި އެ އިންތިޚާބުގައި ވާދަކުރައްވާ ފަރުދުންނަށް އިންތިޚާބީ ޙައްޤުގައި ކުރަންޖެހޭ މަސައްކަތް ކުރެއްވުމަށް މަގުފަހިވެ، އިތުރު ވަގުތު ލިބިގެންދާނެ ކަމެއްކަން އެނގެން އޮންނާތީ މިގޮތުގެ މައްޗަށް އަންނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވެވުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅުއްވާފައިވާ ތާރީޚަށް ބަދަލު ގެންނަވަންޖެހޭ ކަމަށެވެ.

ސިވިލް ކޯޓުން އެގޮތަށް ޙުކުމް ކުރެއްވުމުން، އިލެކްޝަންސް ކޮމިޝަނުން ވަނީ ސިވިލް ކޯޓުން ކުރެއްވި ޙުކުމް ހައިކޯޓުގައި އިސްތިޢުނާފް ކުރައްވާފައެވެ. އިންތިޚާބާގުޅޭ ކަންކަމުގައި ލަފާދެއްވާ ޤައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ކޮމިޝަނުން ހައިކޯޓަށް ހުށަހެޅުއްވި އިސްތިއުނާފްގެ މައްސަލަ މިހާރު ގޮސްފައިވާ ހިސާބު ކޮމެޓީގެ މެމްބަރުންނާ ޙިއްޞާ ކުރައްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަޙްމަދު އަކްރަމް ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ސިވިލް ކޯޓުން އިލެކްޝަންސް ކޮމިޝަންސްގެ މައްޗަށް ކުރެއްވި ޙުކުމް ހައިކޯޓުގައި އެ ކޮމިޝަނުން އިސްތިއުނާފް ކުރެއްވުމާއި ގުޅިގެން ޤާނޫނުގައި ބުނެފައިވާ މުއްދަތުތައް ޕާޓީތަކަށް ދެވެން ނެތް ކަމަށް ޤައުމީ ލަފާދޭ ކޮމެޓީގައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ވިދާޅުވި ކަމަށެވެ.

އަކްރަމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން މިގޮތަށް ކޮމެޓީގައި ވާހަކަދެއްކެވުމުން، ކޮމެޓީގެ މެމްބަރުންގެ އިއްތިފާޤުން ނިންމެވީ ހައިކޯޓަށް އިލެކްޝަނުން ހުށަހެޅުއްވި އިސްތިޢުނާފް މައްސަލަ އަނބުރައި ނެންގެވުމަށްފަހު، ކައުންސިލް އިންތިޚާބު ބާއްވާނެ، ދެ މަސް ދުވަސް ފަހުގެ ތާރީޚެއް އަލުން އިޢުލާން ކުރެއްވުމަށް ކަމަށެވެ.

ޤައުމީ ލަފާދޭ ކޮމެޓީގައި ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން 4 ޕާޓީއެއްގެ މެންބަރުން ތަމްސީލްކުރައްވައެވެ. ކުރިޔަށް އޮތް އިންތިޚާބާ ބެހޭގޮތުން ބޭއްވި ޤައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުމުގައިވެސް އެމްޑީޕީއާ ޖުމްހޫރީ ޕާޓީއާ ޕީޕީއެމްގެ އިތުރުން އަދާލަތު ޕާޓީގެ މަންދޫބުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.