ޚަބަރު

އެންއައިސީގެ ރައީސް ކަމަށް މުޙައްމަދު މާނިޢު ޢައްޔަންކުރައްވައިފި


ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވި، މުޙައްމަދު ފަރުޙާދު އެ މަޤާމުން ދުރުކުރައްވާ، އެ މަޤާމަށް އެ ކޮމިޝަނުގެ ނާއިބު ރައީސްގެ މަޤާމުގައި ހުންނެވި، މުޙައްމަދު މާނިޢު، ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް ޢައްޔަން ކުރައްވައިފިއެވެ. މާނިޢު އެ މަޤާމަށް ޢައްޔަން ކުރެއްވީ މިއަދުގެ ވަގުތެއްގައެވެ. ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ ޤާނޫނު ބުނާގޮތުން ކޮމިޝަންގެ ރައީސްކަމަށް ބޭފުޅަކު ޢައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ކޮމިޝަނުގެ ނާއިބު ރައީސް ކަމަށް ބޭފުޅަކު ޢައްޔަން ކުރައްވާނީ ކޮމިޝަނުގެ މެމްބަރުންގެ މެދުގައި ނަންގަވާ ވޯޓަކުންނެވެ.

ނޭޝަނަލް އިންޓަގްރީ ކޮމިޝަން، އެންއައިސީގެ ނާއިބު ރައީސްކަމުގައި ހުންނެވި މާނިޢު އެ ކޮމިޝަނުގެ ރައީސް ކަމަށް ރައީސް ޔާމީން ޢައްޔަން ކުރެއްވިކަން ޕީއެސްއެމް ނިއުސްއަށް މާނިޢު ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. އެ ކޮމިޝަނުގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ފަރުޙާދު އެ މަޤާމުން ވަކި ކުރެއްވި ނަމަވެސް އޭނާ ކޮމިޝަނުގެ މެމްބަރުކަމުން ވަކި ކުރައްވާފައެއް ނުވެއެވެ. ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން އެންއައިސީގެ ރައީސްގެ މަޤާމަށް ރައީސް ޔާމީން މިއަދު ޢައްޔަން ކުރެއްވި މާނިޢު ވިދާޅުވީ، ނައިބު ރައީސް ހޮވުމުގެ މަސައްކަތް ވަރަށް އަވަހަށް ނިންމަވާނެ ކަމަށެވެ. އެންއައިސީ ޤާނޫނުގެ 9 ވަނަ މާއްދާގައި ވަނީ އެންއައިސީގެ މެމްބަރުކަމަށް 5 މެމްބަރުން ޢައްޔަން ކުރައްވަން ޖެހޭނެ ކަމަށެވެ. އަދި އެ ކޮމިޝަނަން މެމްބަރުން ޢައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތީން ރައީސުލްޖުމްހޫރިއްޔާ ކަމަށްވެސް އެ ޤާނޫނުގައި ވެއެވެ.

ނޭޝަނަލް އިންޓަގްރީ ޤާނޫނު ދައުލަތުގެ 4 މުއައްސަސާއެއްގެ މައްޗަށް ހިނގައެވެ. އެއީ ފުލުހުންނާއި މޯލްޑިވްސް އިމިގުރޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއެވެ. ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޤާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ޤާނޫނާ ޚިލާފު ޢަމަލުތައް ބައްލަވައި ތަޙްގީޤުކުރެއްވުން ހިމެނޭ. އަދި އެފަދަ ޢަމަލެއް ކަމަށް ތުހުމަތުކުރެވޭ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިފި ކަމަށް ނުވަތަ ހިންގަން އުޅޭކަމަށް ތުހުމަތުކޮށް އެފަދަ މައްސަލައެއް ހުށަހަޅައިފިނަމަ އެކަމެއްވެސް ބައްލަވައި ތަޙްގީޤު ކުރެއްވުން އެ ކޮމިޝަނަށް ޤާނޫނުން ލާޒިމުކޮށްފައިވެއެވެ.