ޚަބަރު

އައިިޖީއެމްއެޗްގައި 2 ޑިޕާރޓްމަންޓެއްގެ ޖާގަ އިތުރުކުރައްވަނީ


އައި.ޖީ.އެމް ހޮސްޕިޓަލްގައި މުހިންމު ދެ ޚިދުމަތެއް ދެއްވާ، ދެ ޑިޕާޓްމަންޓެއްގެ ޖާގަ އިތުރުކުރައްވައި، އެތަންތާނގެ ޚިދުމަތް ފުޅާކުރެއްވުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެކަމަށް އެ ހޮސްޕިޓަލުން ހާމަކުރައްވައިފިއެވެ. އެ ދެ ޑިޕާޓްމަންޓަކީ، ރޭޑިއޮލޮޖީ ޑިޕާޓްމެންޓާއި ކުއްލި ޙާލަތުގައި ބަލިމީހުން ބަލައި ޚިދުމަތްދޭ ބައެވެ.

ރާއްޖޭގެ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތްދެއްވާ މައި ހޮސްޕިޓަލް ކަމަށްވާ އައިޖީއެމްއެޗްގެ ޖާގަ ތަނަވަސް ކުރައްވާ، ފެންވަރު މަތިކުރައްވާ، ރައްޔިތުންނަށް ދެއްވާ ޚިދުމަތްތައް ރަނގަޅު ކުރެއްވުމަށް ކުރައްވާ މަސައްކަތުގެ ތެރޭގައި ރޭޑިއޮލޮޖީ ޑިޕާޓްމެންޓްގެ ސަރަޙައްދާއި ކުއްލި ޙާލަތުގައި ބަލިމީހުން ބަލައި ޚިދުމަތްދެއްވާ ސަރަޙައްދު ބޮޑުކުރައްވައި ފުޅާކުރެއްވުން ހިމެނެއެވެ. އެހޮސްޕިޓަލްގެ ޑިރެކްޓަރ އަޙްމަދު މަޢުސޫމް ވިދާޅުވީ، މީގެތެރެއިން ރޭޑިއޮލޮޖީ ޑިޕާޓްމެންޓްގެ ޖާގަ ފުޅާކުރެއްވުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށެވެ.

"ރޭޑިއޮލޮޖީ ސާރވިސް ތަރައްޤީ ކުރުމަށް ނިންމައި، ކުރެހުންތައް ނިމި ވަރަން އަވަހަށް މިތަނުގެ މަސައްކަތް ފަށާނެ، މިތަން ނިމިގެންދާއިރު މިތަނުގެ ތެރޭގައި ހުރިހާ ސްކޭން ރޫމްތަކެއް ހުންނާނެ، އަދި ރަގަޅު ވެއިޓިން އޭރިޔާއެއްވެސް ޤާއިމް ކުރެވިފަ ހުންނާނީ، ކައުންޓަރުން ހުރިހާ ޚިދުމަތެއް ލިބޭނެ ގޮތަށް ކައުންޓަރ ޑިޒައިންކޮށް އެކްސްރޭ ރޫމުވެސް އިތުރުކޮށްގެން ޚިދުމަތް ދިނުމަށް ނިންމާފައިވަނީ" އައިޖީއެމްއެޗްގެ ޑިރެކްޓަރ އަޙްމަދު މަޢުސޫމް ވިދާޅުވިއެވެ.

އައި.ޖީ.އެމް ހޮސްޕިޓަލްގެ އެމަރޖެންސީ ޚިދުމަތް ދެއްވާ ސަރަޙައްދަށް ގެންނަވަން ހަމަޖެހިފައިވާ ބަދަލުތައް ފާހަގަކުރައްވާ، އެ ބަދަލްތައް ގެންނެވުމުން، ކުއްލި ޙާލަތުގައި ޚިދުމަތް ހޯދާ މީހުންނަށް ޚިދުމަތް ލިބުމުން އަވަސްވެ، އެފަދަ މީހުންނަށް ބޭނުންވާ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެހިގެން ދާނެކަމަށް މަޢުސޫމް ވިދާޅުވިއެވެ.

"އިމާރޖެންސީ ސަރަޙައްދަށްވެސް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމާފަވަނީ. އެގޮތުން ޕްލޭންކޮށް މަސައްކަތްތައް މިހާރު ފެށުމާ ގާތަށް ގޮސްފަވަނީ. އޭރުން އިމަޖެންސީ ރޫމުގެ ޖާގަ ބޮޑުވެގެންދާނެ. މިހާރު މަސައްކަތް ކުރާ 3 ޒޯން، ގްރީން، ރެޑް، ޔެލޯ މި ޒޯންތައް މިއަށްވުރެ ރަނގަޅަށް ބެހިގެންގޮސް، އެނދުތައް އިތުރުކުރެވި، އަންނަ ބަލިމީހުން ސީދާ ދާންޖެހޭ ދިމާލަކަށް ދެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ." މަޢުސޫމް ވިދާޅުވިއެވެ.

ރާއްޖެއިން ކުރިން ލިބެންނެތް ޚިދުމަތްތައް އައި.ޖީ.އެމް ހޮސްޕިޓަލުން މިހާރު ލިބެން ހުރިއިރު، އެ ހޮސްޕިޓަލްގެ ޚިދުމަތް މި ސަރަޙައްދުގެ އެހެން ޤައުމުތަކުގެ ހޮސްޕިޓަލްތަކުގެ ޚިދުމަތަކާއި އެއް ފެންވަރަކަށް ގެންނަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.