ތަރައްްޤީ

އެމްޓީސީސީން 5 އެއަރޕޯޓެއް އެޅުމުގެ ޝައުޤުވެރިކަން ފާޅުކޮށްފި


ފަސް އެއަރޕޯޓެއް އެޅުމުގެ ޝައުޤުވެރިކަން ފާޅުކޮށް ސަރުކާރަށް ހުށަހަޅާފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީގެ ސީއީއޯ އިބްރާހީމް ޒިޔަތު ވިދާޅުވީ، ބިން ހިއްކައިގެން 5 ރަށެއްގައި އެއަރޕޯޓް އެޅުމަށް މިހާރު ޕްރޮޕޯސަލް ހުށަހަޅާފައިވާކަމަށެވެ.

އެމްޓީސީސީން ބިން ހިއްކައިގެން އެއަރޕޯޓް އެޅުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ހދ. ކުޅުދުއްފުށްޓާއި، ގދ. ފަރެސްމާތޮޑާއާއި، ށ. ފުނަދޫއާއި ރ. ފައިނުގެ އިތުރުން ޅ.ފެލިވަރުގައެވެ. މީގެ ތެރެއިން 3 ރަށެއްގެ އެއަރޕޯޓް އެޅުމުގެ މަޝްރޫޢު 2017 ވަނަ އަހަރުގެ ބަޖެޓްގައި ސަރުކާރުން ހިމަނުއްވާފައިވެއެވެ. އެގޮތުން ހދ. ކުޅުދުއްފުށީގެ ބިން ހިއްކުމާ އެކު އެއާރޕޯޓު އެޅުމަށް 157 މިލިޔަން ރުފިޔާ، ށ. ފުނަދޫގެ ބިން ހިއްކުމާއެކު އެއާރޕޯޓު އެޅުމަށް 150 މިލިޔަން ރުފިޔާ އަދި ގދ. ފަރެސްމާތޮޑާގެ ބިން ހިއްކުމާއެކު އެއާރޕޯޓު އެޅުމަށް 147 މިލިޔަން ރުފިޔާ ބަޖެޓްގައި ހިމަނުއްވާފައިވެއެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުންވެސް ލޯންޗެއްގައި 30 މިނެޓުން ދެވޭ ހިސާބުގައި އެއަރސްޓްރިޕެއް ޤާއިމް ކުރުމެވެ. މި އަމާޒަށް ވާސިލްވުމަށްޓަކައި މިއަހަރުގެ ތެރޭގައިވެސް ބައެއް އެއަރޕޯޓްގެ މަސައްކަތްތައް ނިންމައި ޚިދުމަތް ދެއްވަން ފައްޓަވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.