ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެއްވުމަށް ކުރައްވާ މަސައްކަތްތައް ވަރުގަދަކުރުމަށް، އެމްއެންޑީއެފުން އިތުރު ތިން އުޅަނދެއް ރާއްޖެ ގެނެސްފިއެވެ.
މިއީ ރާއްޖޭގެ އަސްކަރިއްޔާ ހަރުދަނާކޮށް ކުރިއެރުވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ދަށުން ގެނެސްފައިވާ އުޅަނދުތަކެކެވެ.
ޕީއެސްއެމް ނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ، މިއީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތައް ބެލެހެއްޓުމާއި ރާއްޖޭގެ ރައްޔިތުންގެ ފުރާނައާ މުދާ ސަލާމަތް ކުރުމަށް ކޯސްޓުގާޑުން ކުރާ މަސައްކަތްތައް ކުރުމުގެ ފުރިހަމަ ޤާބިލްކަން ލިބިފައިވާ އުޅަނދުތަކެއް ކަމަށެވެ. މި އުޅަނދުތަކުގެ ސަބަބުން، ކޯސްޓްގާޑުގެ މަސައްކަތްތަކަށް އިތުރު ލުއިތަކެއް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ރޭ ރާއްޖެ ގެނައި ތިން އުޅަނދުގެ އިތުރުން މިދިޔަ ނޮވެމްބަރ މަހުގެ ތެރޭގައި ވެސް ވަނީ އިތުރު ދެ އުޅަނދެއް ރާއްޖެ ގެނެސްފައެވެ. މި އުޅަނދުތަކާއެކު ވޭތުވެދިޔަ ދެމަސް ދުވަހުގެ ތެރޭގައި އެމްއެންޑީއެފުން މިވަނީ ކޯސްޓްގާރޑުގެ ފްލީޓަށް ޖުމްލަ ފަސް އުޅަނދެއް އިތުރުކުރައްވާފައެވެ.
ގަޑިއަކު 47 މޭލު ބާރު މިނުގައި ދުއްވުމުގެ ޤާބިލުކަން ލިބިފައިވާ މި ފަސް އުޅަނދަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބާރަށް ދުވާ ފަސް އުޅަނދުކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ. ޖުމްލަ 129 މިލިއަން ރުފިޔާ ޚަރަދު ކުރައްވައިގެން ރާއްޖެ ގެނެސްފައި މިވާ ފަސް އުޅަނދަކީ ކަނޑުމަތީގެ ހާއްސަ އޮޕަރޭޝަންތަކާއި ރެސްކިޔު އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ޚާއްސަ ކުރެވިފައިވާ އުޅަނދުތަކެކެވެ.
އެމްއެންޑީއެފް ކޯސްޓްގާރޑުގެ ޚިދުމަތަށް ނެރުއްވުމަށް ހަމަޖެހިފައިވާ، މި އުޅަނދުތަކަކީ ސްރީލަންކާގެ ސޯލާސް މެރިން ލަންކާ ޕްރައިވެޓް ލިމިޓެޑާއެކު ޑިފެންސް މިނިސްޓްރީން ވެވަޑައިގެންފައިވާ އެއްބަސްވުމުގެ ދަށުން ބަނދެފައިވާ އުޅަނދުތަކެކެވެ. މި އުޅަނދުތައް އުފެއްދެވުމުގެ އެއްބަސްވުމުގައި ސްރީލަންކާގެ ސޯލާސް މެރިން ލަންކާ ޕްރައިވެޓް ލިމިޓެޑާއެކު ޑިފެންސް މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވަނީ މިއަހަރުގެ ފެބުރުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ.