ޚަބަރު

ބޫޓާންގެ ރަސްގެފާނަށް، ރައީސް ތަހުނިޔާ ފޮނުއްވައިފި


ބޫޓާންގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، ބޫޓާންގެ ރަސްގެފާނު ޖިގްމޭ ކޭސަރު ނަމްޔެލް ވަންޗުކްއަށާއި، ބޮޑުވަޒީރު ލިޔޮންކޮއިން ޝެރިންގ ޓޮބްގޭއަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ބޫޓާންގެ ރަސްގެފާނަށާއި ސަރުކާރަށާއި ރައްޔިތުންނަށް ހޫނު މަރްޙަބާއެއް ވިދާޅުވެ، ޤައުމީ ދުވަހުގެ ހެޔޮއެދުންތައް ފޮނުއްވާ، އުފާވެރި މުސްތަޤްބަލަކަށް އެދިވަޑައިގެންފައިވެއެވެ. އަދި ދެޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދު ކުރައްވާކަމަށާ ބޫޓާންގެ ރައްޔިތުންނަށް އިތުރު ފާގަތިކަމާއި ކުރިއެރުން ލިބުމަށް އެދިވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.