ޚަބަރު

ބްރިޖްގެ ތަނބުތަކަށް ޖަހަންޖެހޭ ހުރިހާ ހޮޅިތައް ޖަހާ ނިންމައިފި


ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ތަނބުތައް ނިންމުމަށްޓަކައި ޖަހަންޖެހޭ ހުރިހާ ހޮޅިތައް ޖަހާ ނިމިފައިވާ ކަމަށް، ހައުސިންގ މިނިސްޓްރީން މިއަދު ވިދާޅުވެއްޖެއެވެ. ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގެ މައި ބްރިޖްގެ ތަނބުތައް ހެދުމަށް ޖަހަން ޖެހޭ 35 ހޮޅި ޖަހައި އެއްކޮށް ނިންމާލައްވާފައިވާ ކަމަށް ވިދާޅުވެފައިވެއެވެ. img:http://s3.psmnews.mv/images/660x400/14817248710717.jpg|ބްރިޖުގެ މަސައްކަތް ކުރިޔަށްދާގޮތުް މިނިސްޓަރ މުޢިއްޒު ބައްލަވާލައްވަނީ - ފޮޓޯ: ހައުސިންގ މިނިސްޓްރީ

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވެރިކަމަށް ވަޑައިގަތުމަށްފަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެއްޓެވި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކުގެ ތެރެއިން އެންމެ ފާހަގަކުރެވޭ އެއް މަޝްރޫޢަކީ، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަޝްރޫޢެވެ. ޗައިނާގެ ކޮމިއުނިކޭޝަންސް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ)އާ ޙަވާލުކޮށްގެން އަޅުއްމުން ގެންދަވާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގެ ދިގުމިނުގައި 1.39 ކިލޯ މީޓަރު އަދި ފުޅާ މިނުގައި 20 މީޓަރު ހުންނާނެއެވެ. img:http://s1.psmnews.mv/images/660x400/14688631207741.jpg|ބްރިޖުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދު - ފޮޓޯ: ޕީއެސްއެމް

ތިރީސް މަސްދުވަހުގެ ތެރޭގައި ނިންމައި 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބުރިޖް ހުޅުވުމަށް ނިންމާފައިވާއިރު، އެ އަހަރުގެ ޖުލައި މަހުގެ 26 އަށް ބްރިޖު މަސައްކަތް ނިންމުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.