ޚަބަރު

"ޕްރޮފެޝަނަލް އެކައުންޓިން ބޮޑީއެއް އޮތުމަކީ މުހިއްމު ކަމެއް"


ޕްރޮފެޝަނަލް އެކައުންޓިން ބޮޑީއެއް ރާއްޖޭގައި އޮތުމަކީ މުހިއްމު ކަމެއް ކަމަށް އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތު ވިދާޅުވެއްޖެއެވެ.

އޮޑިޓް އޮފީހުގެ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ސްޓްރެޓިޖިކް ޕްލޭނާއި އެ އޮފީހުގެ އައު ވެބްސައިޓް އިފްތިތާޙް ކުރެއްވުމަށް މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވެވި ޖަލްސާގައި ވާހަކަދައްކަވަމުން އޮޑިޓަރ ޖެނެރަލް ވިދާޅުވީ ޕްރޮފެޝަނަލް އެކައުންޓިން ބޮޑީއެއް އުފެއްދެވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އެފަދަ ޤާނޫނީ ޝަހުސެއް އުފެއްދުމުގެ މަސައްކަތް އެ އޮފީހުން ކުރައްވަމުން ގެންދަވާ ކަމަށެވެ. އޮޑިޓަރ ޖެނެރަލް ވިދާޅުވީ މަސައްކަތް ކުރުމުގައި އެ އޮފީހަށް ޤާނޫނީ ގޮތުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުން އަންނަ ކަމަށާއި އެހެންކަމުން ޤާނޫނީ ގޮތުން ހުރި ބައެއް ގޮންޖެހުންތަކަށް އިޞްލާޙް ގެނައުމުގެ މަސައްކަތް އެ އޮފީހުން ކުރައްވަމުން ގެންދަވާ ކަމަށެވެ.

މި ޖަލްސާގައި އޮޑިޓް އޮފީހުގެ އައު ވެބްސައިޓް ލޯންޗުކޮށްދެއްވީ ރައީސުލްޖުމްޙޫރިއްޔާގެ ނާއިބު އަބްދުﷲ ޖިހާދުއެވެ. އެމަނިކުފާނު ވަނީ ކުރިއަށް އޮތް ތިން އަހަރަށް އޮޑިޓް އޮފީހުން އެކުލަވާލައްވާފައިވާ ސްޓްރެޓިޖިކް ޕްލޭންވެސް އިފްތިތާޙް ކޮށްދެއްވާފައެވެ.

މި ސްޓްރެޓިޖިކް ޕްލޭންގައި ވަނީ ހަތަރު ލަނޑުދަނޑިއެއް ޙާސލްކުރުމަށް ނިންމަވާފައެވެ. ކުރިއަށް އޮތް ތިން އަހަރު އޮޑިޓް އޮފީހުން އެންމެ ބޮޑަށް އިސްކަންދީފައިވާ ލަނޑުދަނޑިތަކުގެ ތެރޭގައި އޮފީސް ހިންގުން ހަރުދަނާކުރެއްވުމާއި، އެ އޮފީހަށް ޤާނޫނުން ލާޒިމްކޮށްފައިވާ މަސްޢޫލިއްޔަތު އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރެއްވުން ހިމެނެއެވެ.