ސަރުކާރުގެ މާލިއްޔަތު ޤާނޫނާއި އެއްގޮތަށް ސިވިލް ސަރވިސްގެ މުވައްޒަފުން ޢަމަލު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދު އިލްތިމާސްކުރައްވައިފިއެވެ.
ނައިބު ރައީސް ޖިހާދު މިގޮތަށް އިލްތިމާސްކުރެއްވީ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ސްޓްރެޓިޖިކް ޕްލޭންއާ އެ އޮފީހުގެ އައު ވެބްސައިޓް ލޯންޗްކޮށްދެއްވުމުގެ ގޮތުން މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްޙޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިޙާދު ވިދާޅުވީ ސަރުކާރުގެ މާލިއްޔަތު ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތަށް ސިވިލް ސަރވިސް މުވައްޒަފުން ޢަމަލު ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި އެގޮތަށް މަސައްކަތް ކުރައްވަން ޖެހެނީ އޮޑިޓް އޮފީހުން ނެރުއްވާ އަހަރީ ޢާންމު ރިޕޯޓުތައް އަންނައިރު ވަކި މުވައްޒަފަކަށް އިނގިލި ދިއްކުރެވެން ނޯންނާނެތީ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ ރާއްޖޭގައި އެކައުންޓިން ބޮޑީއެއް އުފެއްދުމަކީ އެމަނިކުފާނުގެ އުއްމީދެއް ކަމަށެވެ. ރާއްޖޭގައި ޓެކްސްގެ ނިޒާމް ތަޢާރަފްވެ، އެ ނިޒާމުގެ ތެރެއިން މަސައްކަތް ކުރައްވަމުން އަންނައިރު އެކައުންޓިން ބޮޑީއެއް ރާއްޖޭގައި އުފެދިފައި އޮތުމަކީ ވަރަށް މުހިއްމު ކަމެއްކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ އެފަދަ ބޮޑީއެއް އުފެދިއްޖެނަމަ ދަޢުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ މަސައްކަތްތަކަށް ވެސް ފަސޭހަވެގެންދާނެ ކަމަށެވެ.
މި ޖަލްސާގައި ނައިބު ރައީސް ޖިހާދު ވަނީ ރާއްޖޭގެ އޮޑިޓް އޮފީސް ސަރަޙައްދުގެ އެއްވަނަ އޮޑިޓް އޮފީހަކަށް ހެއްދެވުމަށް އޮޑިޓް އޮފީހުގެ ވެރިންނާ މުވައްޒަފުންނަށް އިލްތިމާސްކުރައްވާފައެވެ. އޮޑިޓް އޮފީހުގެ މަސައްކަތް އެންމެ ފުރަތަމަ ފަށްޓަވާފައި ވަނީ 1948 ވަނަ އަހަރުގެ ތެރޭގައެވެ. ރާއްޖޭގައި އޮޑިޓް ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާތާ މިހާރު ވަނީ 68 އަހަރުވެފައެވެ.