ޚަބަރު

ވިލިނގިލީގައި ޢިމާރާތްކުރާ ހައުސިންގ ޔުނިޓްތަކުގެ %99 ނިމިއްޖެ


ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގުރާމްގެ ދަށުން ހައުސިންޔުނިޓު ޢިމާރާތްކުރަމުންދާ ރަށްތަކުގެ ތެރެއިން ގއ.ވިލިނިގިލީގައި ޢިމާރާތްކުރައްވަނީ 52 ރޯ ހައުސްއެވެ. މީގެތެރެއިން އޭ ކެޓަގެރީގައި ހިމެނޭ 37 ހައުސިންގ ޔުނިޓާއި، ބީ ކެޓަގަރީގައި ހިމެނޭ 5 ހައުސިންގ ޔުނިޓަށް ކުރިމަތިލުމުގެ ފުރުޞަތު ވަނީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ހުޅުވާލައްވާފައެވެ. އޭ ކެޓަގަރީގައި ހިމެނޭ 37 ހައުސިންގ ޔުނިޓަކީ ވިލިނގިލީގެ ރައްޔިތުންގެ ތެރެއިން ހައުސިންގ ޔުނިޓް ބޭނުންވާ ޢާއިލާތަކަށް ދިގުމުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާ ޚަލާސްކުރާގޮތަށް، ދޫކުރެއްވުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓްތަކެކެވެ.

ބީ ކެޓަގަރީގައި ހިމެނޭ 5 ހައުސިންގް ޔުނިޓަކީ ވިލިނގިއްޔަށް ދިރިއުޅުން ބަދަލަކުރަން ބޭނުންވާ އެރަށުން ބޭރުގެ ފަރާތްތަކަށް ދިގުމުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާ ޚަލާޞްކުރާގޮތަށް ދޫކުރެއްވުމަށް ހަމަޖެހިފައިވާ ޔުނިޓްތަކެކެވެ.

ސީ ކެޓަގަރީގެ ދަށުން 10 ހައުސިންގ ޔުނިޓް ދޫކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ކެޓަގަރީގައި ހިމެނޭ ޔުނިޓްތަކަކީ ސަރުކާރުން ހިންގަވާ ރިއަލް އެސްޓޭޓް ނުވަތަ ގެދޮރުވެރިކަމުގެ ވިޔަފާރި އުޞޫލުގެ ދަށުން ވިއްކެވުމަށް ހަމަޖެހިފައިވާ ހައުސިން ޔުނިޓްތަކެކެވެ.

img:http://s1.psmnews.mv/images/660x400/14673386153546.jpg|ގއ. ވިލިނގިލި - ފައިލް ފޮޓޯ: ޕީއެސްއެމް

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިލިނގިލި ކައުންސިލް މެމްބަރ މުޙައްމަދު ފާރޫޤް ވިދާޅުވީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ ދަށުން އަޅަމުން ގެންދާ ހައުސިން ޔުނިޓްތައް ދިނުމުގައި ގެދޮރުގެ ދަތިކަން ހުރި ފަރާތްތަކަށް އިސްކަން ދެއްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެރަށުގައި އިމާރާތްކުރާ ހައުސިން ޔުނިޓްތަކުގެ ނުވަދިހަ ނުވައެއް، އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ.

ވިލިނގިލީގައި ސަރުކާރުން އިމާރާތް ކުރައްވާ 52 ހައުސިން ޔުނިޓްގެ އިތުރުން އެރަށުގެ އުތުރު ފަރާތު ފަޅުން ބޮޑުބައެއް ސަރުކާރުން ވަނީ ހިއްކަވާފައެވެ. އެގޮތުން ޖުމްލަ 44 ހެކްޓަރގެ ބިން އެރަށުގެ އުތުރު ފަރާތުން ވަނީ ހިއްކަވާފައެވެ.

ފާރޫޤް ވިދާޅުވީ ބިން ހިއްކި ސަރަޙައްދުން ގެދޮރު ދޫކުރުމުގެ މަސައްކަތް ކައުންސިލުން މިހާރު ކުރައްވަމުން ގެންދަވާ ކަމަށާ، ބައެއް މީހުންނަށް ގެދޮރު ދޫކޮށްފައިވާއިރު ގެދޮރު ލިބުން ބައެއްމީހުން އެސަރަޙައްދުގައި ގެތައް އަޅަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގއ.ވިލިނގިއްޔަކީ ސަރުކާރުން ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ކުރިއަށް ގެންދާ ރަށެކެވެ. އެގޮތުން ސަރުކާރުން އަންނަނީ އެރަށުގެ މަގުތަކުގައި ތާރަ އެޅުމުގެ މަސައްކަތް ވެސް ކުރަމުންކަން ފާހަގަކޮށްލެވެއެވެ.