ޚަބަރު

އެމްއެމްސީއަށް އައު ދައުރަކަށް މެމްބަރުން އިންތިޚާބު ކުރައްވައިފި


މޯލްޑިވްސް މީޑިއާ ކައުންސިލް، އެމްއެމްސީއަށް އައު ދައުރަކަށް މެމްބަރުން އިންތިޚާބު ކުރައްވައިފިއެވެ.

ހޯމް މިނިސްޓްރީގައި އިއްޔެ ބޭއްވެވި މީޑިއާ ކައުންސިލްގެ އިންތިޚާބުގައި ޖުމްލަ 86 މީޑިއާއަކުން ވޯޓުލާފައިވެއެވެ. މީޑިއާ ކައުންސިލްގެ އިންތިޚާބުގައި މީޑިއާއިން 6 މެންބަރުން އަދި އަމިއްލަ 6 މެމްބަރަކު އިންތިޚާބު ކުރައްވާފައިވާއިރު މީޑިއާ ފަޅިން އެމްއެމްސީއަށް އިންތިޚާބުވެފައިވަނީ "މިހާރު" ނޫހުން ކުރިމަތިލި މުޙައްމަދު ޙަމްދޫނެވެ. ހަމްދޫން ކައުންސިލަށް އިންތިޚާބުވެފައިވަނީ، ހިތާދޫ އޮންލައިނުން ވާދަކުރި އަޙްމަދު އާޒިފަށާއި ޙަމްދޫނަށް ލިބުނު ވޯޓުގެ އަދަދު އެއްވަރުވުމާގުޅިގެން އާޒިފް އޭނާގެ ނަން އަނބުރާ ގެންދިއުމާގުޅިގެންނެވެ.

އެމްއެމްސީ އިންތިޚާބުގައި މީޑިއާތަކުން ހޮވިވަޑައިގެން ބޭފުޅުންގެ ތެރޭގައި ވީ މީޑިއާގެ އަޙްމަދު ރިފާޢުއާއި ސަން މީޑިއާގެ އަޙްމަދު މުޖްތަބާއާއި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ ފަޔާޒް ޔޫސްފާ ބަހުރު މަޖައްލާގެ އަބްދުލް މުޢީދު ޙަސަންގެ އިތުރުން ވީއެފްޕީގެ މިސްބާޙް ޢައްބާސްއާއި އަސްދަނޑި މަޖައްލާގެ ޙަސަން ޝާކިރު މުޙައްމަދު ހިމެނިވަޑައިގަންނަވައެވެ.

އަމިއްލަ ގޮތުން މީޑިއާ ކައުންސިލަށް ހޮވިވަޑައިގެންނެވި ބޭފުޅުންނަކީ ޝައުފާ ޙުސައިން، މުޙަމަދު އާޒިމް ޢަބްދުލްހާދީ، އަންވަރު އިބްރާހީމް، މަރިޔަމް ޚަލީލް، އަޙްމަދު ޢަބީރު އަދި އަސްއަދު ޝަރީފުއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ އިތިންޚާބް އިއްޔެ ބާއްވާފައިވާއިރު ދައުރު ހަމަނުވާ ދެ މެންބަރުން މިހާރު ތިއްބެވުމުން އެ ދެ މެންބަރުންގެ މަޤާމަށް އެއްވެސް ބޭފުޅަކު އިންތިޚާބުކުރައްވާފައެއް ނުވެއެވެ. ނަމަވެސް އިއްޔެގެ ވަގުތެއްގައި މީޑިއާގެ ފަރާތުން އެ ކައުންސިލަށް ހޮވިވަޑައިގެން މުޙައްމަދު އަފްޒަލް ވަނީ އިސްތިޢުފާ ދެއްވާފައެވެ. އެހެންކަމުން އެ ގޮނޑިއަށްވެސް ބޭފުޅަކު އިންތިޚާބު ކުރަން މިހާރު ވަނީ ޖެހިފައެވެ. މީޑިއާ ކައުންސިލްގައި ޖުމްލަ ތިއްބަވަނީ 15 މެމްބަރުންނެވެ.