ޚަބަރު

18 ވަނަ ޤައުމީ ކެޑޭޓް ކޭމްޕް ނިންމާލައިފި


ގިރިފުށި ޓްރޭނިންގ ސެންޓަރުގައި ބޭއްވި 18ވަނަ ޤައުމީ ކެޑޭޓް ކޭމްޕް ނިންމާލައިފިއެވެ. މިމަހުގެ 1 ން އިއްޔެގެ ނިޔަލަށް ކުރިއަށް ގެންދިޔަ މިކޭމްޕް ނިންމުމުގެ ރަސްމިއްޔާތު އޮތީ އިއްޔެ ހަވީރު ގިރިފުށީގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރެވެ. 

ގިރިފުށި ޓްރޭނިންގ ސެންޓަރުގައި ކުރިއަށް ގެންދިޔަ ޤައުމީ ކެޑޭޓް ކޭމްޕްގައި ރާއްޖޭގެ 35 ސްކޫލަކުން 137 ދަރިވަރަކު ބައިވެރިވިއެވެ. މި ކޭމްޕްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރި ވެވަޑައިގަތީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްގެ މުދައްރިބުންނާއި ނޭޝަނަލް ކެޑޭޓް ކޯގެ މުދައްރިބުންނެވެ.

ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ކެޑޭޓް ޕްރޮގްރާމުގައި ހަރަކާތްތެރިވާ ދަރިވަރުންނަކީ ރާއްޖެއަށް ރީތި ނަންތަކެއް ހޯދައިދީފައިވާ ދަރިވަރުންތަކެއް ކަމަށެވެ. އަދި ކެޑޭޓްގައި މަސައްކަތްކުރާ ދަރިވަރުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ އެ ޢަޒުމުގައި ކަމަށް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ކެޑޭޓް ޕްރޮގްރާމުގައި ބައިވެރިވެ، އަދި މިއަދު އެހެން ދާއިރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކަކީ ހަރުދަނާ ސިފަތަކެއް ލިބިފައިވާ ބައެއް ކަމަށެވެ.

ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ރާއްޖޭގެ ސްކޫލްތަކުންވެސް ކެޑޭޓް ޕްރޮގްރާމަށް ދެމުން ގެންދާ އަހައްމިޔަތު ފާހަގަކުރެވޭ ކަމަށެވެ. 18 ވަނަ ޤައުމީ ކެޑޭޓް ކޭމްޕްގައި ރާއްޖެއިން ބޭރުގެ ބައެއް ޤައުމުތަކުންވެސް ވަނީ ބައިވެރިވެފައެވެ. އެގޮތުން އަވަށްޓެރި ސްރީލަންކާއާ އިންޑިއާގެ އިތުރުން ބަންގްލަދޭޝް ހިމެނޭގޮތުން ޖުމްލަ 12 ބައިވެރިން މި ކޭމްޕްގައި ބައިވެރިވެފައިވެއެވެ.