ތިމާވެށި

މެޓް އޮފީސް - ސަރަޙައްދީ ފެންވަރުގައި ފާހަގަކޮށްލެވޭނެ


ރާއްޖޭގެ މިޓްރޮލޮޖިކަލް ސަރވިސްއަކީ މި ސަރަޙައްދުގައި މޫސުމާބެހޭ މަޢުލޫމާތު ފެތުރުއްވުމުގެ އެންމެ ރަނގަޅު ޚިދުމަތްދެއްވާ ސެންޓަރަކަށް ހައްދަވަން މަސައްކަތްކުރައްވަމުން ގެންދަވާކަމަށް އެނަވަޔަރމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މޯލްޑިވްސް މީޓްރޮލޮޖިކަލް ސަރވިސްއަށް އައިއެސްއޯ ސެޓްފިކެޓް ލިބިވަޑައިގަތުމާ ގުޅިގެން އެ ސެންޓަރުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ އިދާރާގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރެއްވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން އެބަގެންދަވައެވެ. މީޓްރޮލޮޖިކަލް ސެންޓަރުގައި މިހާރު ހުރި ވެދަރ ރާޑަރ ސިސްޓަމް މަރާމަތުކުރައްވައި މި މަހުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު އަލުން ހުޅުއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

މި ރާޑަރ ސިސްޓަމް ބޭނުން ނުކުރައްވާ ހައެއްކަ އަހަރު ވެފައިވާއިރު، އެ ސިސްޓަމް މަރާމާތުކުރެއްވުމަށް ދިހަ މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ވިދާޅުވިއެވެ. ހަމައެހެންމެ 2018 ވަނަ އަހަރު ރާއްޖޭގައި ސާޅީހަށްވުރެ ގިނަ ރިމޯރޓް ވެދަރ ސްޓޭޝަންތައް ޤާއިމްކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ޕްރޮޖެކްޓެއްގެ ދަށުން ރާއްޖޭގެ 11 އެއަރޕޯޓެއްގައި ރިމޯޓް ވެދަރ އިންފޮމޭޝަން ސިސްޓަމް ޤާއިމްކުރުމުގެ އެއްބަސްވުމެއްގައި ނިމުނު ނޮވެމްބަރު މަހު ސޮއިކުރައްވައިފައިވާކަން ފާހަގަކޮށްލެވެއެވެ. 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދު ކުރައްވައިގެން ޤާއިމްކުރައްވާ މި ސިސްޓަމްތަކާއެކު ޖުމްލަ 24 ސިސްޓަމެއްގެ ބޭނުންކުރައްވައިގެން ރާއްޖޭގެ މޫސުމާގުޅޭ ކަންކަން ބައްލަވަމުން ގެންދަވާނެއެވެ.

މީޓްރޮލޮޖިކަލް ސަރވިސްގެ ޤާނޫނެއް ހެއްދެވުމަށްޓަކައި ބިލެއް ޑްރާފްޓްކުރައްވައި ދިރާސާކުރެއްވުމުގެ މަސައްކަތްވެސް ކުރިއަށް އެބަގެންދަވާކަމަށް މިނިސްޓަރ ޠާރިޤު ވިދާޅުވިއެވެ. އަންނަ އަހަރުގެ ކުރީކޮޅު، އެޓަރނީ ޖެނަރަލްގެ އޮފީހަށް އެ ބިލް ހުށައަޅުއްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.