ތިމާވެށި

މެޓް އޮފީހަށް އައި.އެސް.އޯ ސެޓްފިކެޓް ލިބިއްޖެ


މޯލްޑިވްސް މީޓްރޮލޮޖިކަލް ސަރވިސްއަށް އައިއެސްއޯ ސެޓްފިކެޓް ލިބިއްޖެއެވެ. 

އައިއެސްއޯ އެނެކްސް 3 އާ އެއްގޮތަށް މޯލްޑިވްސް މީޓްރޮލޮޖިކަލް ސަރވިސްގެ ކޮލެޓީ މެނޭޖްމަންޓް ސިސްޓަމެއް ޤާއިމްކުރުމާ ގުޅިގެން ވަނީ އައިއެސްއޯގެ ނުވަހާސް އެކެއްގެ ދެހާސް އަށެއް ސެޓްފިކެޓް ލިބިފައެވެ. މި ސެޓްފިކެޓް ލިބިވަޑައިގަތީ މި މިމަހުގެ 5 ވަނަ ދުވަހު ކަމަށް މޯލްޑިވްސް މީޓްރޮލޮޖިކަލް ސަރވިސްއިން ވިދާޅުވެއެވެ.

މޯލްޑިވްސް މީޓްރޮލޮޖިކަލް ސަރވިސްގައި ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ، މިއީ އެ އިންސްޓިޓިއުޝަންގެ ދިގު ތާރީޚުގައިވެސް މިފަދަ ކޮލެޓީ މެނޭޖްމަންޓް ސިސްޓަމެއް ޤާއިމްކުރެވުނު ފުރަތަމަ ފަހަރު ކަމަށެވެ. މި ސިސްޓަމް ޤާއިމް ކުރެއްވުމަށްޓަކައި ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

img:http://s4.psmnews.mv/images/660x400/14797425023269.jpg|މެޓް އޮފީހުގައި ބޭނުންކުރާ ބައެއް އިކުއިޕްމަންޓްތައް / ފޮޓޯ: ޕީއެސްއެމް

މެޓް އޮފީހުގައި ހުރި ވަޞީލަތްތައް އައު ކުރެއްވުމާއި އެތަނުގައި ހުރި ބައެއް ވަޞީލަތްތަކުގެ ބޭނުން ކުރެވެނީ އެންމެ ރަނގަޅަށްތޯ ބެއްލެވުމުގެ މަސައްކަތް ކުރައްވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އައިއެސްއޯ ޤަބޫލުކުރާ ސިސްޓަމެއް ޤާއިމްކޮށް ސެޓްފިކެޓް ލިބުމުން، ތަނުގެ މަސައްކަތުގެ ކޮލިޓީ، އަހަރަކު ދެ ފަހަރު ބޭރުގެ އޮޑިޓަރުން ރާއްޖެ އައިސް ބަލާނެއެވެ. އެ އޮޑިޓުންގެ ބެލުންތަކަށްފަހު ލިބޭ ޕޮއިންޓް 75 އިންސައްތަ އަށްވުރެ ދަށްނަމަ، ސެޓްފިކެޓް އަނބުރާ އަތުލާނެއެވެ. ކޮލެޓީ މެނޭޖްމަންޓް ސިސްޓަމްގެ އަމާޒުތަކުގެ ތެރޭގައި ދަތުރުފަތުރުގެ ބޭނުންތަކަށް ދޭ މަޢުލޫމާތުގެ ޚިދުމަތްތައް ތަރައްޤިކުރުމާއި މަތީ ފެންވަރެއްގައި ޚިދުމަތް ފޮރުކޮށްދެއްވުން އަބަދުވެސް މަސައްކަތްކުރައްވާނެ ކަމަށް މޯލްޑިވްސް މީޓްރޮލޮޖިކަލް ސާރވިސްއިން ވިދާޅުވެއެވެ.