ޚަބަރު

އެންއައިސީގެ އައު ވެބްސައިޓް އިފްތިތާޙުކުރައްވައިފި


ފަސޭހަކަމާ އެކު މައްސަލަ ހުށައެޅުއްވޭނެ ގޮތަށް ނޭޝަނަލް އިންޓަގްރީ ކޮމިޝަން، އެންއައިސީގެ އައު ވެބްސައިޓް އިފްތިތާޙުކުރައްވައިފިއެވެ.

ވެބްސައިޓް އިފްތިތާޙުކޮށްދެއްވީ މިއަދު ހެނދުނު އެ ކޮމިޝަނުގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި ކޮމިޝަނުގެ ނާއިބު ރައީސް ޔޫސުފް މާނިޢު މުޙައްމަދެވެ.

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ އާ ވެބްސައިޓް ލޯންޗްކޮށްދެއްވުމަށް މިއަދު ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުން އެކޮމިޝަންގެ ނާއިބު ރައީސް ޔޫސުފް މާނިޢު މުޙައްމަދު ވިދާޅުވީ، މި އާވެބްސައިޓުގެ ޒަރިއްޔާއިން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި މީހަކަށްވެސް އެ ކޮމިޝަނަށް ޝަކުވާ ހުށައެޅުއްވޭނެ ކަމަށެވެ. އަދި ވެބްސައިޓު މެދުވެރިކޮށް އެކޮމިޝަނާ ގުޅޭ ތަފްސީލް މަޢުލޫމާތުވެސް ފަސޭހަކަމާއެކު ޢާންމު ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މާނިޢު ވިދާޅުވީ އެ ކޮމިޝަނުގެ މަސައްކަތްތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާ ކަމަށާ، ކޮމިޝަނަށް ހުށަހަޅާފައިވާ ބައެއް މައްސަލަތަކަކީ ތަހްޤީގުކޮށް މުޅިން ނުނިމޭ މައްސަލަތައް ކަމަށްވާތީ، ބައެއްފަރާތްތަކުން އެދުނުނަމަވެސް އެމައްސަލަތަކުގެ މަޢުލޫމާތު އަދި ހާމަކުރެވެން ނެތްކަމަށެވެ. އެހެންނަމަވެސް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ތަހުގީޤް ކުރައްވާ ނިންމަވާފައިވާ މައްސަލަތަޚާބެހޭ މަޢުލޫމާތު ހާމަކުރައްވަމުންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަކީ ރާއްޖޭގައި ކުރިންހުރި ހަތަރު އިންޓަގްރިޓީ ކޮމިޝަނެއް އެއްކޮށްލުމަށްފަހު މުޅިން އައު ޤާނޫނެއްގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވި 5 މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ.

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުން، ދަޢުލަތުގެ ހަތަރު މުއައްސަސާއެއްގެ އެތެރޭގެ ކަންކަން ބައްލަވާނެއެވެ. އެއީ މޯލްޑިވްސް ޕޮލިސް ސާވިސްއާއި، މޯލްޑިވްސް އިމިގްރޭޝަނާއި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްއެވެ.

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެތެރޭގައި، މި މުއައްސަސާތަކުގެ މުވައްޒަފުން ކުރާ ޤާނޫނާ ޚިލާފު ޢަމަލުތައް ބަލާ ތަހުގީޤު ކުރުން ހިމެނެއެވެ. އަދި މިމުއައްސަސާތަކުގެ ހިންގުން ހަރުދަނާކޮށް، އެ އިދާރާތަކާ ގުޅޭ މައްސަލަތައް ބަލާނެ އުސޫލުތައް ކަނޑައެޅުމާއި އެފަދަ މައްސަލަތަކާ ގުޅޭ ގޮތުން ފިޔަވަޅު އެޅުމާ ބެހޭ ކަންކަން ތަންފީޒު ކުރުން ހިމެނެއެވެ.