ތަރައްްޤީ

ހުޅުމާލޭ ބީޗްގައި ފަތުރުވެރިންނަށް ޚާއްސަ ސަރަޙައްދެއް


ހުޅުމާލޭގައި ފަތުރުވެރިންނަށް ޚާއްސަކޮށްގެން ތަރައްޤީކޮށްފައިވާ ބީޗް އޭރިއާ މާދަމާއިން ފެށިގެން ޢާންމުކޮށް ފަތުރުވެރިންނަށް ހުޅުވާލާނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން ބުނީ ހުޅުމާލެގައި ފަތުރުވެރިންނަށް ޚާއްސަކޮށްގެން ބީޗް އޭރިއާއެއް ތަރައްޤީކުރަން ނިންމީ ފަތުރުވެރިން މޫދަށް އެރި އުޅުމަށާއި އެފަދަ އެހެނިހެން ބޭނުންތަކުގައި ހުޅުމާލޭ ބީޗް ސަރަޙައްދުގައި ނިވާކަން ކުޑަ ހެދުމުގައި ހަރަކާތްތެރިވަމުންދާތީ އާއްމު ފަރާތްތަކުގެ ޝަކުވާތައް އެކުންފުންޏަށް ލިބެމުންދާތީކަމަށެވެ. އެހެންކަމުން މިމައްސަލައަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން އެކުންފުނިންގ ތަރައްޤީކޮށްފައިވާ ފަތުރުވެރިންނަށް ޚާއްސަ ބީޗް ސަރަޙައްދު މާދަމާ އިންފެށިގެން ފަތުރުވެރިންނަށް ބޭނުންކުރަން ހުޅުވާލާނެކަމަށެވެ.

މިސަރަހައްދު އޮޕަރޭޓްކުރުމުގައި ވަކި އުސޫލުތަކެއް އޮތުމަކީ މުޙިއްމުކަމެއްކަމުގައިވާތީ، އެތަން ބޭނުންކުރުމުގައި ޢަމަލުކުރަންޖެހޭ ގައިޑްލަނެއް އެކުލަވާލާފައިވާކަމަށް އެޗްޑީސީން ބުނެއެވެ. އަދި މިތަން ބޭނުންކުރުމުގައި ނިވާކަން ކުޑަ ބިކިނީ ފަދަ ހެދުމުގައި އުޅެވޭނީ ފެންސް ކުރެވިފައިވާ އެކަމަށް ޚާއްސަ ސަރަޙައްދުގައި އެކަނިކަން ފަތުރުވެރިންނަށް އެންގުމަށް ޚާއްސަ ސަލާމުކަމެއް ދިނުމަށް ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުން ސަމާލުކަން ދިނުމަށްވެސް އެޗްޑީސީން ވަނީ އެދިފައެވެ.

ފަތުރުވެރިންނަށް ޚާއްސަކޮށްގެން ކަނޑައަޅާފައިވާ ސަރަޙައްދަކީ ހުޅުމާލޭ ޔޫތް ޕާކް ސަރަޙައްދުން މޫދާ ދިމާލަށް ކަނޑައަޅާފައިވާ ސަރަޙައްދެވެ.