ޚަބަރު

ޑީއެސްޕީއޭ ސިސްޓަމްތަކެއް އެމްއެންޑީއެފްއަށް ހަދިޔާކޮށްފި


ޑީއެސްޕީއޭ އެރޯސަލް ޖެނެރޭޓަރ ނަމަކަށް ކިޔާ އަލިފާން ނިއްވާ އާލާތެއް އަމިއްލަ ކުންފުންޏެއް ކަމަށްވާ ސެވިއަރސް ޕްރައިވެޓް ލިމެޓެޑުން އެމްއެންޑީއެފްއަށް ހަދިޔާކޮށްފިއެވެ.

ސަތޭކަހާސް ރުފިޔާގެ އަގުހުރި މި ޕްރޮޑަކްޓް ސެވިއަރސް ކުންފުނީގެ ފަރާތުން އެމްއެންޑީއެފަށް ޙަވާލުކުރެއްވީ، މިއަދު ހެނދުނު ވިލިމާލޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. އެމްއެންޑީއެފްގެ ފަރާތުން އެ ޕްރޮޑަކްޓާ ޙަވާލުވެލެއްވީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްއެވެ. ސެވިއަރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ ޕްރޮޑަކްޓް އެމްއެންޑީއެފަށް ޙަވާލުކޮށްދެއްވީ، އެ ކުންފުނީގެ ޗެއަރމަން އަޙްމަދު ޝިމާއު އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ސަދީފްއެވެ.

img:http://s2.psmnews.mv/images/660x400/14814480236232.jpg|ޑީއެސްޕީއޭ ސިސްޓަމްއެއް

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ވިދާޅުވީ، އަލިފާން ނިއްވުމުގެ ޙާދިސާތަކުގައި މީގެކުރިން ޢަމަލުކުރަމުން އައިގޮތް މިހާރު ބަދަލުކުރަންޖެހޭ ކަމަށާއި ޒަމާން ބަދަލުވެ ޓެކްނޮލޮޖީ ކުރިއަރަމުން އަންނައިރު ފަހުގެ ވަޞީލަތްތައް އަލިފާން ނިއްވުމުގައިވެސް ބޭނުން ކުރަންޖެހޭ ކަމަށެވެ.

ޑީއެސްޕީއޭ އެރޯސަލް ޖެނެރޭޓަރ ނަމަކަށް އަލިފާން ނިއްވާ އާލާތެއް އަމިއްލަ ކުންފުންޏެއް ކަމަށްވާ ސެވިއަރސް ޕްރައިވެޓް ލިމިޓެޑްއިން އެމްއެންޑީއެފްއަށް މިއަދު ހަދިޔާކޮށްފައިވާއިރު، ދާދިފަހުން މާލޭގައި ވަނީ އަލިފާނުގެ ދެ ޙާދިސާއެއް ހިނގާފައެވެ. މި ދެ ޙާދިސާގެ ތެރެއިން މއ. ކަފިދޫގޭގައި ހުރި ބްރަދަހުޑް ޕްރައިވެޓް ލިމިޓެޑްގެ ގުދަނުގައި ރޯވި އަލިފާނުގެ ސަބަބުން އެ ގުދަން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާހުލިވެފައެވެ.