ރާއްޖެއަށް އިންވެސްޓް ކުރަން އަންނަން ބޭނުންވާ ބޭރުގެ ފަރާތްތަކަށް އެނގޭނެ ގޮތަށް ދިވެހިރާއްޖޭގެ ޤާނޫނުތައް ފަރުމާކުރަން ޖެހޭކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ފޮތްބަޔާ ނޭޝަނަލް ހިއުމަން ރައިޓްސް ފްރޭމް ވަރކް އިފްތިތާޙް ކުރެއްވުމަށް ރޭ ދަރުބާރުގޭގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ސަޢީދު ވިދާޅުވީ ރާއްޖެއިން ބޭރުގެ ފަރާތްތައް ރާއްޖޭގައި އިންވެސްޓް ކުރުމަށް އަންނައިރު ރާއްޖޭގެ ޤާނޫނުތައް ކިޔަން އެނގޭނެ ފަދަ ބަހުރުވައަކުން ރާއްޖޭގެ ޤާނޫނުތައް ހުރުން މުހިއްމު ކަމަށެވެ. ސަޢީދު ވިދާޅުވީ އޭރުން ފޮރިން އިންވެސްޓްމަންޓަށް މިހާރު ރާއްޖޭގައި އޮތް އެޕެޓިއުޓް އެތައް ގުނައަކަށް ފުޅާވެގެން ދާނެ ކަމަށް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އިފްތިތާހް ކުރި ނޭޝަނަލް ހިއުމަން ރައިޓް ފްރޭމް ވަރކަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ރާއްޖޭގައި މަސައްކަތް ކުރާ ބައެއް ބިދޭސީންގެ ހައްޤާއި އަދި ދިވެހިންގެ ހައްޤު ގެއްލިފައިވާ ކަމަށެވެ. އެގޮތުން ބައެއް ބިދޭސީންނަށް މުސާރަ ނުދިނުމާ އަދި ބައެއް ދިވެހިންނަށް ސަރވިސް ޗާޗް ނުދޭ މައްސަލަތަކުގެ ޝަކުވާ އިކޮނޮމިކް މިނިސްޓްރީއަށް ލިބެމުން އަންނަ ކަމަށް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ސަޢީދު ވިދާޅުވީ މަސައްކަތް ތެރިންގެ ހައްގު ކަށަވަރުނުވެ، އިޤްތިސާދީ ގޮތުން ދުޅަހެޔޮ ވެއްޓެއް ގާއިމް ނުކުރެއްވޭނެ ކަމަށެވެ.