ޚަބަރު

ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ފޮތްބައި ނެރެދެއްވައިފި


ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ފޮތްބައި ނެރެދެއްވައިފިއެވެ. ދަރުބާރުގޭގައި މިރޭ އޮތް ޚާއްސަރަސްމިއްޔާތެއްގައި މި ފޮތްބައި ނެރެދެއްވީ، ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރުއަލްއުސްތާޛު ޢަބްދުﷲ ސަޢީދެވެ.

ދިވެހިރާއްޖޭގެޤާނޫނުތަކުގެ ފޮތްބަޔަކީ ދިވެހިރާއްޖޭގައި ތަސްދީޤުކުރެވި އަދި މަޖިލީހުންއިސްލާހު ކުރައްވާފައިވާ ހުރިހާ ޤާނޫނެއް ހިމަނުއްވައިގެން އެކުލަވާލެވިފައިވާފޮތްބައެކެވެ.

މި ފޮތްބައިނެރުއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަ ނާއިބްއަލްއުސްތާޛް މުޙައްމަދު އަނިލް ވިދާޅުވީ ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ފޮތްބައި އިޞްލާޚްތަކާއި އެކު މިރޭ ނެރެވިގެން ދިޔައީ ޒަމާންތަކަކަށްފަހު ކަމަށެވެ. އަދި އިޞްލާޚްތަކާއި އެކު ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ފޮތްބައި އެންމެ ފަހުން ނެރެފައިވަނީ 2008 ވަނަ އަހަރުގައި ކަމަށެވެ. ބަންޑާރަ ނާއިބް އަނިލް ވިދާޅުވީ ދިވެހިރާއްޖޭގެ ޤާނޫނުތަކުގެފޮތްބައި އިޞްލާޙްތަކާއި އެކު ނެތުމުގެ ސަބަބުން ޝަރުއީ ދާއިރާއަށާއި ޤާނޫނީދާއިރާއަށް ގިނަ ދަތިތަކެއް ކުރިމަތިވެގެން ދިޔަ ކަމަށެވެ.

img:http://s3.psmnews.mv/images/660x400/14813932173913.jpg|ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ފޮތްބައި- ފޮޓޯ: ޕީއެސްއެމް

މިރޭ ނެރެވިގެން ދިޔަ ޤާނޫނީ ފޮތް ބަޔަކީ ޒަމާނާ އެއްގޮތަށް ނެރެވިގެން ދިޔަ ޤާނޫނީފޮތްބައެއް ކަން ބަންޑާރަ ނާއިބް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މި ފޮތްބައި މިރޭ ދަޢުލަތުގެ ކަމާގުޅޭ މުޢައްސަސާތަކަށް ފޯރުކޮށްދޭނެ ކަމަށާއި އަންނަ މަހުގެ ތެރޭގައި އާންމުންނަށް އެ ފޮތްބައި ލިބޭނެއިންތިޒާމް ހަމަޖެހިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގައި ތަސްދީޤް ކުރެވޭ ޤާނޫނުތައް އޮންލައިންކޮށް، ދިވެހި ބަހުންނާއި އިނގިރޭސިބަހުން ފަސޭހައިން ބަލާލެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ލެގްޒިސް މޯލްޑިވްސް އާއި ގުޅިގެން ކުރައްވަމުން ގެންދަވާކަންވެސް ބަންޑާރަ ނާއިބް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން މިފެށޭ 2017 ވަނަ އަހަރުގެ ކުރީކޮޅު އާންމުންނަށް އޮންލައިންކޮށް ޤާނޫނުތައް ބެލޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް ބަންޑާރަ ނާއިބް ވިދާޅުވިއެވެ.