ރިޕޯޓް

އަލްމަރުޙޫމް ޢަލީ މޫސާ ދީދީ


ހެންވޭރު ނަވާގަން އަލްމަރުޙޫމް ޢަލީ މޫސާދީދީ އައީ ލިއުންތެރިކަމާއި، ޅެންވެރިކަމާއި، ތާރީޚަށް ޚިދުމަތްކުރެއްވުމުގެ ދާއިރާއިން މަޝްހޫރު އަދީބެކެވެ.

ލިއުންތެރިކަމުގެ ދާއިރާއިން ނޫސްވެރިކަންވެސް އޭނާ ކުރައްވާފައިވެއެވެ. އަދި ތާރީޚީ މަޢުލޫމާތު އެއްކުރައްވައި ޝާއިޢުކުރެއްވުމުގެ މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. އެއީ ކުޅަދާނެ ވާހަކަދެއްކުންތެރިއެއްވެސް މެއެވެ. އަދި އަދަބީ ފަންނުތަކުގައި މަޤްބޫލް ބޭފުޅެކެވެ.  

ރާއްޖޭގެ ބައެއް ނޫސްތަކަށް އެތައް އަހަރެއްވަންދެން ލިޔުއްވާފައިވާ، މި ނޫސްވެރިޔާއަކީ، ޚިޔާލުފާޅުކުރުމާއި މަޢުލޫމާތު ފެތުރުމުގެ މަސައްކަތްކުރަން މީހުން ޖެހިލުންވި ދުވަސްވަރެއްގައި ކެރިވަޑައިގެން ސާބިތުކަމާއެކު ލިޔުއްވި ބޭފުޅެކެވެ. ސިޔާސީ ކަންކަމާގުޅޭގޮތުން ލިއުއްވި ލިއުއްވުންތަކުގެ ސަބަބުން އެތައްދުވަހެއް ޖަލުގައިވެސް ހޭދަކުރައްވަން ޖެހިވަޑައިގަތެވެ. ސިޔާސީ ކަންކަމަށް ފާޑު ވިދާޅުވުމު ތުހުމަތުގައި ސަތާރަވަރަކަށް އަހަރު އެކިފަހަރުމަތިން ޢަލީ މޫސާ ދީދީ ޖަލުގައި ދުވަސް ހޭދަކުރައްވަން ޖެހިވަޑައިގަތްކަމަށް އޭނާގެ ގާތްބޭފުޅުން ވިދާޅުވޭ. 

އެހެންނަމަވެސް އޭނާގެ ލިއުންތެރިކަމުގެ މަސައްކަތާއި، ޚިދުމަތްތެރިކަމަށް ބަދަލެއް ނާދެއެވެ. ޖަލުން ނުކުމެވަޑައިގެން ޢާއްމުންނަށް ދެއްވި ހަދިޔާއަކީ "ޖަލުގެ ދުނިޔެ" މިނަމުގައި ޢާއްމުކުރެއްވި ފޮތެކެވެ.

ޅެންވެރިކަމުގެ ރޮނގުން ބަލާއިރު ތަފާތު ރޮނގުތަކުން މޮޅު ޅެންތައް ހައްދަވައި އޭނާ ޢާންމުކުރައްވާފައިވެއެވެ. ޅެންފޮތްތައް ޝާއިޢުކުރައްވާ، ވާހަކަ ފޮތްތައް ލިޔުއްވާ ޢާއްމުކުރައްވާފައިވެއެވެ. ވާހަކަދެއްކުމުގެ މުބާރާތްތަކާއި ޅެންހެއްދެވުމުގެ މުބާރާތްތަކާއި މަޒުމޫން ލިޔުމާއި މި ނޫންވެސް އަދަބީ އެކި މުބާރާތްތަކުން އޭނާއަށް ވަނީ ތަފާތު ވަނަތައް ލިބިވަޑައިގެންފައެވެ.

img:http://s1.psmnews.mv/images/660x400/14821198554802.jpg|

img:http://s4.psmnews.mv/images/660x400/14821199794463.jpg|އަލްމަރުޙޫމް ޢަލީ މޫސާ ދީދީ ގެ ޅެމެއް

އޭނާ އެންމެ ފުރަތަމަ ނޫސްތަކަށް ލިޔުއްވަން ފައްޓަވާފައި ވަނީ 1957ވަނަ އަހަރުގެ ތެރޭގައެވެ. އޭނާ ލިޔުއްވި ނޫސްތަކުގެ ތެރޭގައި، އޭރު ރާއްޖޭގައި ނުކުތް ވަރުގަދަ ނޫސްތައްކަމަށްވާ އާފަތިސް ނޫހާއި، މިއަދު ނޫހާއި ހަވީރު ނޫސް ހިމެނެއެވެ. ޢަލީ މޫސާ ދީދީވަނީ 1991ވަނަ އަހަރު ހިޔަލަގެ ނަމުގައި އޭނާގެ އަމިއްލަ ނޫހެއް ވެސް ނެރުއްވަން ފައްޓަވާފައެވެ.

އޭނާގެ ޤައުމީ ޚިދުމަތުގެ ތެރެއިން އަދަބިއްޔާތަށް ކުރެއްވި ޚިދުމަތުގެ އަގުވަޒަންކުރައްވައި ހިއްވަރުދެއްވުމުގެގޮތުން ސަރުކާރުންވަނީ 2007 ވަނަ އަހަރު އޭނާއަށް ޤައުމީ އިނާމު ދެއްވާފައެވެ. އަދި ލިޔުންތެރިކަމުގެ ރަންގަލަން 1993ގައި އޭނާއަށްވަނީ ލިބިވަޑައިގެންފައެވެ.

img:http://s2.psmnews.mv/images/660x400/14821191966435.jpg|ކުރީގެ ރައީސް މައުމޫނު ޢަލީ މޫސާ ދީދީ އަށް ޢިނާމު ދެއްވަނީ - ފޮޓޯ ލިއުންތެރިންގެ ގުޅުން

ޢަލީ މޫސާ ދީދީއަކީ ސިޔާސީ ދާއިރާގައި ވެސް ޙަރަކާތްތެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ. އެގޮތުން ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރެއްގެ ގޮތުން ޤައުމަށް ޚިދުމަތްކުރައްވާފައިވެއެވެ.

ޢަލީ މޫސާ ދީދީ އަކީ އެއްރޮނގަށްވުރެ ގިނަ ރޮނގުރޮނގުން ޤައުމަށް ޚިދުމަތްކުރެއްވި އަގުހުރި ދަރިއެކެވެ.

ރާއްޖޭގައި އޭރު ކަރަންޓް ވަޔަރު ކުރުމުގެ ހުއްދަ ލިބިވަޑައިގެންނެވި މަދު ބޭފުޅުންގެ ތެރޭގައިވެސް ޢަލީ މޫސާ ދީދީ ހިމެނިވަޑައިގަންނަވައެވެ. އެގޮތުން 1981ވަނަ އަހަރުގެ މާރޗް މަހުގެ 24ވަނަ ދުވަހު ޑިޕާޓްމަންޓް އޮފް އިލެކްޓްރިސިޓީން ވަނީ ޢަލީ މޫސާ ދީދީއަށް އިލެކްޓްރިކްވަޔަރ ކުރުމުގެ ހުއްދަ ދެއްވާފައެވެ.

އޭނާ އަކީ ޤައުމީ ގޮތުން އަހަމިއްޔަތުކަން ދެވޭ މައްސަލަތަކާ މެދު މަޝްވަރާކޮށް ކަންކަން އިޞްލާޙް ކުރެއްވުމުގައި ކުރީގެ ރައީސް އަލްއުސްތާޒް މަޢުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި އުފެއްދެވި ރައީސުލްޖުމްޙޫރިއްޔާއަށް މަޝްވަރާ އަރުވާ މަޖިލީހުގައި ވެސް ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. އެގޮތުން 1990ވަނަ އަހަރު އަދި 1997ވަނަ އަހަރު އެ މަޖިލީހުގެ މެމްބަރުކަން އޭނާ ވަނީ ކުރައްވާފައެވެ.

ޢަލީ މޫސާ ދީދީއަށް އެކި ކާވެނިފުޅުތަކަށް އެތައް ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ. އޭނާގެ ބޭފުޅުންނަކީ ޤާބިލް އަދި ހުނަރުވެރި ބޭފުޅުންތަކެކެވެެ. ޢަލީ މޫސާ ދީދީގެ ބޭފުޅުންގެ ތެރޭގައި ކުރީގެ ޑިފެންސް މިނިސްޓަރ މޫސާ ޢަލީ ޖަލީލުވެސް ހިމެނިވަޑައިގަންނަވައެވެ.

ޢަލީ މޫސާ ދީދީ އުފަންވެވަޑައިގަތީ 1943 ގައެވެ. އަވަހާރަވީ ރޭ އިރާކޮޅުގެ ވަގުތެއްގައި ސްރީލަންކާގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ، 72 އަހަރެވެ.