ދުނިޔެ

އިންޑޮނީޝިއާއަށް އައި ބިންހެލުމުގައި 25 މީހުން މަރުވެއްޖެ


އިންޑޮނީޝިއާގެ ރަށެއް ކަމަށްވާ ސުމާޓްރާ ކައިރިއަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު 25 އަށް އަރައިފިއެވެ.

ރިކްޓަރ މިންގަނޑުން 6.5 ގައި ރެކޯޑް ކުރެވިފައިވާ މި ބިންހެލުން އައިސްފައިވަނީ އަޗޭ ޕްރޮވިންސް ކައިރި ސަރަޙައްދަކަށެވެ. މި ބިންހެލުމާއި ގުޅިގެން އެ ސަރަޙައްދުގެ ރަށެއް ކަމަށްވާ މުއެރެއުދޫއަށް އެރި ލޮޅުންތަކުގައި ގިނަ އަދަދެއްގެ ޢިމާރާތް ވެއްޓިފައިވެއެވެ. ނަމަވެސް، މި ބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރެއް ދީފައެއް ނުވެއެވެ.

މި ބިންހެލުމުގައި ލިބުނު ގެއްލުންތަކާއި ގުޅިގެން އެތައް ސަތޭކަ މީހަކު ޒަޚަމްވެފައިވާ ކަމަށް އެ ސަރަޙައްދުގެ ޑިޒާސްޓަރ އެޖެންސީގެ އިސް އޮފިޝަލެއް މަޢުލޫމާތު ދިނެވެ. މި ހާދިސާގައި ވެއްޓުނު ޢިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އޮފިޝަލުން މިހާރު ދަނީ ކުރަމުންނެވެ. މި ބިންހެލުމުގެ ލޮޅުންތަކުގެ އަސަރު އަޗޭ ޕްރޮވިންސުގެ ހުރިހާ ސަރަޙައްދަކަށް ކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.