ތަރައްްޤީ

ސްޕޯޓްސް އެރީނާތައް ތަރައްޤީކުރުން ބާރު ދުވެލީގައި ކުރިއަށް


ރާއްޖޭގައި މީހުންދިރުއުޅޭ ހުރިހާ ރަށެގައި ސްޕޯޓްސް އެރީނާތައް ތަރައްޤީކޮށް ދެއްވުމަށްޓަކައި ސަރުކަރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްޕޯޓްސް އެރީނާތައް ތަރައްޤީކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ދަނީ ކުރިޔަށެވެ. 

ރައީސް ޢަބްދުﷲ ޔާމީން ޢަބުދުލްޤައްޔޫމްގެ ސަރުކާރުގެ މި ފަސް އަހަރުގެ ދައުރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސްޕޯޓް އެރީނާ ތަރައްޤީކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ޔޫތް މިނިސްޓްރީން ވިދާޅުވެއެވެ. ޒުވާނުންނަށް ޚާއްސަކުރައްވައިގެން ތަރައްޤީކުރައްވާ ސްޕޯޓް އެރީނާތަކާ ގުޅޭގޮތުން ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ ޒުވާނުންގެ ތަރައްޤީއާއި ކުރިއެރުމާއި ވަޞީލަތްތައް ޤާއިމްކޮށްދެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ގާތްގަނޑަކަށް 600 މިލިޔަން ރުފިޔާ ޚަރަދު ކުރައްވާފައިވާކަމަށެވެ. އަދި 67 ރަށެއްގައި ސްޕޯޓްސް އެރީނާއާއި ފްޓްސަލް ދަނޑު އެޅުމަށްޓަކައި ގާތްގަޑަކަށް 50 މިލިޔަން ރުފިޔާ ޚަރަދު ކުރައްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފްޓްސްލް ދަނޑު ތަރައްޤީކުރެއްވުމުގެ މަސައްކަތަށް ބަލާއިރު މިއަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 46 ދަނޑުގެ މަސައްކަތް ނިމިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިހާރު މަސައްކަތް ކުރިޔަށްގެންދަވާ ފުޓްސްލް ދަނޑުތަކަށް ބަލާއިރު 17 ފުޓްސަލް ދަނޑެއްގެ މަސައްކަތް ކުރިޔަށްދާކަމަށް ޔޫތް މިނިސްޓްރީން ވިދާޅުވެއެވެ.

ގދ. ތިނަދޫގައި ޢިމާރާތްކުރައްވާ ސްޕޯޓްސް ކޮމްޕްލެކްސް ޢިމާރާތުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް ޔޫތް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިއަހަރު ނިމުމުގެ ކުރިން މި މަސައްކަތް މުޅިން ނިމޭނެކަމަށް ޔޫތު މިނިސްޓްރީން ވިދާޅުވެއެވެ.