ތަރައްްޤީ

"މާލީ މުޢާމަލާތްތަކަށް ހުރި ހުރަސްތައް ވަނީ ނައްތާލެވިފައި"


ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ޝަރުޢީ ދާއިރާއިން މަސައްކަތް ކުރެއްވީ ވިޔަފާރިއާއި މާލީ މުޢާމަލާތްތަކަށް ހުންނަ ހުރަސްތައް ނައްތާލުމަށް ކަމަށް އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ، ވިޔަފާރިއަށް ފަހި މާޙައުލެއް ޝަރުއީ ނަޒަރަކުން ބަލާލުން މި ނަމުގައި މިއަދު ހޮޓެލް ޖެންގައި ކުރިޔަށްދާ ކޮލޯކިއަމް ފެއްޓެވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ޝަރުޢީ ދާއިރާގެ ޤާބިލްކަން އިތުރު ކުރެއްވުމަށްޓަކައި ޒަމާނީ ޖުޑިޝަރީއެއް ޤާއިމްކުރައްވާ، ހަރުދަނާ ކުރެއްވުމަށް މަސައްކަތްތަކެއް ކުރެއްވިފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން ސިވިލް ކޯޓުގައި ޤާއިމްކުރެވިގެން ދިޔަ ޑެސްޕިއުޓް ރެސޮލިއުޝަން ޑިވިޝަންގެ މަސައްކަތް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ކޮލިޓީ އޮފް ޖަސްޓިސް ޕްރޮސެސް އިންޑެކްސްގައި، ޖުޑިޝަރީއެއްގެ ނިޒާމްގެ ހަރުދަނާކަން ވަޒަންކުރުމުގައި ބޭނުންކުރާ ދެވަނަ އިންޑިކޭޓަރއަކީ ކޯޓް އޮޓަމޭޝަން ކަމަށް އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ. އެގޮތުން ކޯޓް އޮޓަމޭޝަން ދާއިރާއިންވެސް ރާއްޖޭގެ ޝަރުޢީ ދާއިރާވަނީ ފާހަގަކުރެވޭ ކާމިޔާބީތަކެއް ހާސިލްކުރައްވާފައި ކަމަށް އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު ވިދާޅުވިއެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދަވާ މި ކޮލޯކިއަމްއަކީ، ވަރލްޑް ބޭންކްގެ ޑުއިން ބިޒްނަޒް އިންޑެކްސްގައި ރާއްޖޭގެ ދަރަޖަ އަހަރަކަށްވުރެ އަހަރެއް ރަނގަޅުކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިސްނެންގެވުމާއި ލަފާފުޅުގެ މަތިން އިކޮނޮމިކް މިނިސްޓްރީން ކުރައްވާ މަސައްކަތުގައި ޝަރުއީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދަވާ ކޮލޯކިއަމެކެވެ.