ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ސަރުކާރުން ހިންގަވާ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރ އެމް.އީ.ސީ.ސީގައި ދިވެހި ދަރިވަރުންނަށް ކިޔަވައިދޭން ފެށިފަހުން 18 ދަރިވަރަކު އޯލެވެލް ނިންމާފައިވެއެވެ.
ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ހުންނަ ސޯސަންވިލާގައި ސަރުކާރުން ހިންގަވަމުން އަންނަ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗްރަލް ސެންޓަރ އެމް.އީ.ސީ.ސީގައި ކިޔަވައިދެއްވަން ފެއްޓެވީ 2014 ވަނަ އަހަރުއެވެ. މިއީ ދިވެހި ސަރުކާރުން އިސްނަންގވައިގެން ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހި ދަރިވަރުންނަށް ކިޔައިދެއްވުމުގެ ގޮތުން ހުޅުއްވި ސެންޓަރެކެވެ. އެގޮތުން ސްރީލަންކާގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް އެމް.އީ.ސީ.ސީގައި ޤުރުއާން ދިވެހި އަދި އިސްލާމް އުނގަންނައިދެއްވަމުން ގެންދަވައެވެ.
ކުރިން ރާއްޖޭގެ އެމްބަސީ ހިންގި އިމާރާތް ސޯސަން ވިލާގައި ހިންގަމުން އަންނަ މޯލްޑިވިއަން އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރުގައި، ކިޔަވައި ދިނުމުގެ މަސައްކަތް ކުރިޔަށްދަނީ ލަންކާގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީގެ ބެލުމުގެ ދަށުންނެވެ. ލަންކާގައި ދިރިއުޅެމުންދާ ދަރިވަރުންނަށް ފަސޭހާ ވާނޭ ގޮތަށް ކުލާސްތައް ހަމަޖައްސާފައިވާއިރު، ލަންކާގައި ބަންދު ނޫން ކޮންމެ ދުވަހަކު ހަވީރު 4ން 6ށް އެތަނުގައި ކުލާސްތައް ކުރިޔަށްގެންދެއެވެ. އަދި ދަރިވަރުންނަށް ކިޔަވައިދެއްވަން ޓީޗަރުން ހަމަޖައްސަވައި ނާސަރީން ފެށިގެން ގްރޭޑް ދިހައަކާ ހަމައަށް އެތަނުގައި ކިޔަވައިދެމުންދެއެވެ.
މި ސެންޓަރުގެ މިދިޔަ އަހަރު އަލަށް ޖީސީ އޯލެވެލް ބާއްވަވާ، އިމްތިހާނުގައި 6 ދަރިވަރަކު ބައިވެރިވެ އިމްތިހާން ފުރިހަމަކޮށްފައިވެއެވެ. 2015 ވަނަ އަހަރު އެމްއީސީސީ ގައި 300 އެއްހާ ދަރިވަރުން ތަޢުލީމް ހާސިލް ކޮށްފައިވާއިރު މި އަހަރު 425 ދަރިވަރުން އެ ސެންޓަރުގައި ނާސަރީން ފެށިގެން 10 ހަމައަށް ތަޢުލީމް ހާސިލްކުރަމުންދެއެވެ.
އެމްއީސީސީގައި ފެށުނު މި ކުލާސްތަކާއެކު ސްރީލަންކާގައި ދިރިއުޅެމުންދާ 15 ހާހެއްހާ ދިވެހިންގެ ތެރެއިން ތަޢުލީމް ހާސިލްކުރަމުންދާ ދަރިވަރުންނަށް ސްރީލަންކާގައި ތިބިގެން ދިވެހި އިސްލާމް އަދި ޤުރުއާން ކިޔެވޭނެ މަގު މިއަދު ވަނީ ފަހިވެފައެވެ. މިކަމުގެ ސަބަބުން ލަންކާގައި ކިޔަވަމުންދާ ދަރިވަރުންނަށް ތަޢުލީމް ފުރިހަމަ ކުރުމަށްފަހު ރާއްޖެ އައިސް އަލުން އޯލެވެލްގެ ދިވެހި އިސްލާމް ހަދާކަށް ނުޖެހޭނެއެވެ. އަދި ލަންކާގައި ކިޔަވަމުންދާ ދުވަސްތަކުގައި ތަޢުލީމް ހާސިލްކޮށް ނިމޭއިރު ރާއްޖޭގައި ތިބޭ ދަރިވަރުންނެކޭ އެއްފަދައިން އެ ދަރިވަރުންވެސް ތިބޭނީ އޯލެވެލްގެ އިސްލާމް އަދި ދިވެހި މައްދާ ނިންމާފައެވެ.
އަހަރަކަށްވުރެ އަހަރެއް މި ސެންޓަރަށް ވަންނަ ދަރިވަރުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މި އަންނަ އަހަރުގެ ދިރާސީ އަހަރު ފެށޭއިރު، އަލަށް އެސެންޓަރުގެ ގްރެޑް އެކަކަށް ރަޖިސްޓްރީވި 40 ކުދިންނަށް ވަނީ މިއަހަރުގެ ދިރާސީ އަހަރު ނިންމުމަށް ބޭއްވި ހަފްލާގައި ލިޔުން ޙަވާލުކުރައްވާފައެވެ. މި ސެންޓަރުގައި ކިޔަވައިދެއްވަމުން ގެންދަވަނީ ރާއްޖޭގައި ކިޔަވައިދެއްވާ ޤައުމީ އާ މަންހަޖުގެ މުޤައްރަރާ އެއްގޮތަށެވެ.