ތަރުބަވީ ތަޢުލީމް

ސަރުކާރަށް 3 އަހަރު - ތަޢުލީމީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް


ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޢުމުރާނީގޮތުން ތަރައްޤީ ގެންނެވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް މަޝްރޫޢަކީ ސްކޫލްތައް މަރާމާތުކުރުމާއި، ކުލާސްރޫމްތައް އިތުރުކުރެއްވުމުގެ މަސައްކަތެވެ. ސަރުކާރުން ބޮޑުޚަރަދެއް ކުރައްވައިގެން ކުރައްވަމުން ގެންދަވާ މި މަސައްކަތުގެ ދަށުން މިހާރުވެސް ގެންދަވަނީ ރާއްޖޭގެ ސްކޫލްތަކަކީ ވަޞީލަތް ހަމަ ސްކޫލްތަކަކަށް ހެއްދެވުމަށް އަމާޒު ހިއްޕަވައި، އެއަމާޒަށް ވާޞިލްވެވަޑައިގަތުމަށްޓަކައި މަސައްކަތް ކުރައްވަމުންނެވެ.

ވޭތުވެދިޔަ ތިންއަހަރު ދުވަހު، ދެކުނުގެ އަތޮޅުތަކުގެ ސްކޫލްތަކުގެ ކުލާސްރޫމްތައް އިތުރުކުރެއްވުމަށް ސަރުކާރުން ފަށްޓަވާއިވާ މަސައްކަތްތަކަށް ބަލާއިރު، ގއ. މާމެންދޫ ސްކޫލްގެ 4 ކުލާސްރޫމާއި ހޯލްގެ މަސައްކަތާއި އެއަތޮޅު ދާންދޫ ސްކޫލްގެ ސައިންސް ލެބްގެ މަސައްކަތް ވަނީ މިއަހަރު ނިންމަވާފައެވެ.

ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 9 ކުލާސްރޫމްގެ ތިން ބުރީގެ އިމާރާތުގެ މަސައްކަތުގައި މިހާރު ކުރިޔަށްދަނީ ތަނބުތަކުގެ ރިއެންފޯސްމެންޓްގެ މަސައްކަތްކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މި އަތޮޅުގެ ސްކޫލްތަކުގެ ޖާގަ އިތުރުކުރެއްވުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން އަންނަ އަހަރު މަސައްކަތް ފެއްޓެވުމަށް ބިޑް އިވެލުއޭޝަން ކުރިޔަށްގެންދަވާ ރަށްރަށުގެ ތެރޭގައި ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ތިންކުލާސްރޫމުގެ މަސައްކަތާއި އެ އަތޮޅު ކަނޑުހުޅުދޫ ސްކޫލް ހޯލްގެ މަސައްކަތާއި، ނިލަންދޫ ސްކޫލްގެ 4 ކުލާސްރޫމްގެ މަސައްކަތް އަދި ގެމަނަފުށީ 5 ކުލާސްރޫމާއި ކޮމްޕިއުޓަރ ލެބާއި ސައިންސްލެބާއި އޭވީރޫމް ހެދުމަށްޓަކައި ބިޑް އިވެލުއޭޝަން ކުރިޔަށްދާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި ގއ. މާމެންދޫ ސްކޫލްގެ 9 ކުލާސްރޫމް ޢިމާރާތްކުރެއްވުމަށްޓަކައި، ފައުންޑޭޝަން އެޅުއްވުމަށް ތައްޔާރު ކުރައްވަމުން ގެންދަވާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ގދ. އަތޮޅުގެ ސްކޫލްތަކުގެ ޖާގަ އިތުރުކުރެއްވުމަށް ކުރައްވާ މަސައްކަތުގައި އެ އަތޮޅު ތަޢުލީމީ މަރުކަޒުގެ 12 ކުލާސް ރޫމްގެ ތިންބުރީގެ އިމާރާތާއި މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ވަނީ މިއަހަރު ނިންމަވާފައެވެ.

ގދ. ތިނަދޫ އަބޫބަކުރު ސްކޫލްގެ 6 ކުލާސްރޫމްގެ ތިންބުރީ އިމާރާތުގެ ދެވަނަ ޝީޓް އެޅުއްވުމަށް މިހާރު ދަނީ ތައްޔާރުކުރައްވަމުންނެވެ. އަދި ގދ. އަތޮޅު މަދަރުސާގެ 3 ބުރި ޢިމާރާތުގެ ފޭސް ދޭއްގެ މަސައްކަތާއި ހޯޑެއްދޫ ސްކޫލްގެ 5 ކުލާސްރޫމާއި ސްޕަވައިޒަރ ރޫމްގެ މަސައްކަތުގެ ފައުންޑޭޝަން އެޅުއްވުމަށްޓަކައި މިހާރު ދަނީ ތައްޔާރުކުރައްވަމުންނެވެ.

ފުވައްމުލަކު ސިޓީގެ ސްކޫލްތަކުގެ ޖާގައިތުރުކުރެއްވުމުގެ މަސައްކަތުގައި ހާފިޒް އަޙްމަދު ސްކޫލްގެ 9 ކުލާސްރޫމްގެ 3 ބުރި ޢިމާރާތުގެ މަސައްކަތް ވަނީ މިއަހަރު ނިންމަވާފައެވެ. އަދި ފުވައްމުލަކު އެމް.ޖޭ.އެމް މަލްޓިޕާޕަސް ހޯލް އިމާރާތްކުރެއްވުމަށް ބިޑް އިވެލުއޭޝަން ކުރިޔަށްދާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

އައްޑޫ ސިޓީގެ ކުލާސް ރޫމްތައް އިތުރުކުރެއްވުމުގެ މަސައްކަތަށް ބަލާއިރު، މަރަދޫ ފޭދޫ ސްކޫލް އޮފީސް ޢިމާރާތާއި މަރަދޫ ސްކޫލް 4 ކުލާސްރޫމްގެ ދެބުރީގެ ޢިމާރާތުގެ މަސައްކަތް ވަނީ މިއަހަރު ނިންމަވާފައެވެ. ހިތަދޫ ސްކޫލްގެ 6 ކުލާސް ރޫމްގެ ޝަޓަރިންގެ މަސައްކަތް ކުރިޔަށްދާއިރު އެ ސްކޫލްގެ މަލްޓި ޕާޕަސް ހޯލްގެ ބީމް އެޅުމުގެ މަސައްކަތް ކުރިޔަށް ދާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ހިތަދޫ ނޫރާނީ ސްކޫލްގެ 8 ކުލާސް އެޅުމަށްޓަކައި ފައުންޑޭޝަން މަސައްކަތް ނިމި ތަނބުތައް ޖެހުމުގެ މަސައްކަތް ކުރިޔަށް ދާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މަޢޫލޫމާތުދެއްވައެވެ. މީގެ އިތުރުން ސ. ފޭދޫ ސްކޫލްގެ 4 ބުރީގެ ޢިމާރާތާއި ސ. އަތޮޅު މަދަރުސާގެ 3 ބުރީ އިމާރާތުގެ މަސައްކަތް ކުރުމަށްޓަކައި ސައިޓް ސާފްކޮށް ނިމި، ފައުޑޭޝަން އެޅުމަށްޓަކައި ތައްޔާރުވަމުންދާ ކަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން މަޢޫލޫމާތު ދެއްވައެވެ.