ތަރުބަވީ ތަޢުލީމް

ސަރުކާރަށް 3 އަހަރު - ޤުރުއާނުގެ ޢިލްމު ފެތުރުމަށްކުރާ މަސައްކަތް


ކީރިތި ޤުރުއާން ހިތުދަސްކުރުމާއި ފެތުރުމަށްޓަކައި ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވައި، ބޮޑެތި ކާމިޔާބީތަކެއް ހާޞިލް ކުރައްވާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވިދާޅުވެއްޖެއެވެ.

އެގޮތުން މަދުރަސީ ހަޔާތުގައި ޕްރައިމަރީ ނިމޭ ކޮންމެ ދަރިވަރަކީ ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ ދަރިވަރަކަށް ހެއްދެވުމަށްޓަކައި ޚާއްޞަ ޕްރޮގްރާމެއް ފައްޓަވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޤައުމު ބިނާކުރުމުގެ 3 އަހަރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން އަބްދުލްޤައްޔޫމް ރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ ދީނީ ޙާލަތު އޮތީ ވަރަށް ދަށަށް ގޮސްފައި ކަމަށެވެ. އަދި މިކަން ހަމަ ބުއްދިން ވިސްނާ ކޮންމެ ދިވެހި ރައްޔިތަކަށް އެނގިވަޑައިގަންނަވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މިސާލު ޖައްސަވަމުން މިނިސްޓަރ ވިދާޅުވީ ރައިސް ޔާމީން ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ ހުރިހާ މިސްކިތްތަކާއި، އިމާމުން ތިއްބެވީ މުނިސިޕަލް ކައުންސިލްގެ ބެއްލެވުމުގެ ދަށުގައި ކަމަށާއި، މިކަމަކީ ދުނިޔޭގެ އެއްވެސް އިސްލާމީ ޤައުމެއްގައި އެކަން އޮންނަ އުޞޫލެއް ނޫން ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގެ އެންމެ ދުވަސްވީ އިސްލާމްދީން އުނގަންނައިދޭ މަރުކަޒު "މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާ" 2008 ވަނަ އަހަރު ވެރިކަމަށް އައި ސަރުކާރުން އުވާލާފައިވާ ކަމަށެވެ. އެހެންނަމަވެސް ރައިސް ޔާމީންގެ ސަރުކާރުން ރާއްޖޭގައި އިސްލާމްދީން އުގަންނައި ދިނުމަށްޓަކައި ކުރެއްވި މަސައްކަތުން ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ނަމުގައި ޔުނިވަރސިޓީއެއް އުފައްދާފައިވާ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ޤުރުއާންގެ އިލްމު އުގަންނައިދެއްވުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީ މެދުވެރި ކުރައްވައި ރައްޖޭގެ ހުރިހާ ސްކޫލެއްގައި އައު މަންހަޖެއް އުފައްދަވައި، އެ މަންޖަހުގެ ދަށުން ޤުރުއާން ވަކި މާއްދާއެއްގެ ގޮތުގައި ހައްދަވާ ކިޔަވައިދެއްވަން ފައްޓަވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ އިސްލާމިކް މިނިސްޓްރީއާއި، ޤުރުއާނާބެހޭ މަރުކަޒާއި އަދި އެޑިއުކޭޝަން މިނިސްޓްރީ ގުޅިވަޑައިގެން ރާއްޖޭގެ ސްކޫލްތަކުގައި ޕްރައިމަރީ ނިންމާ ކޮންމް ދަރިވަރަކު ޤުރުއާން ހިތުދަސްވެފައިވާ ދަރިވަރަކަށް ހެއްދެވުމަށްޓަކައި ޚާއްޞަ ޕްރޮގްރާމެއް މާލޭގެ ސްކޫލްތަކުގައި ފައްޓަވާފައިވާ ކަމަށެވެ. އަދި އަންނަ އަހަރުތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މި ޕްރޮގްރާމް ފައްޓަވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ސަރުކާރުން އިސްލާމްދީނަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވައިގެން ޙާފިޒުން އުފެއްދުމުގެ ޚާއްޞަ ޕްރޮގްރާމެއް ޤުރުއާނާބެހޭ މަރުކަޒުގައި ފައްޓަވާފައިވާކަން ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި މިސްކިތްތައް ބޭނުންވެފައިހުރި ރަށްރަށުގައި މިސްކިތްތައް ބިނާކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ރާއްޖެއަށް ޚާއްޞަކޮށްގެން ތައްޔާރު ކުރައްވާފައިވާ ޙަތިމްތައް ވަރަށް އަވަހަށް ޢާންމުންނާއި ހަމައަށް ފޯރުކޮށްދެވޭނެ ކަމަށާއި، މިހާރު އެތަކެތި ހުރީ ކަސްޓަމްސްގައި ކަމަށެވެ. މީގެ އިތުރުން ރައްޖެއިން ބޭރުން އިސްލާމްދީނުގެ ޢިލްމު އުނގެނުމަށް ބޭނުންވާ ދަރިވަރުންނަށް އެ ފުރުޞަތު ސަރުކާރުން ފަހިކޮށްދެއްވައި، އިސްލާމީ ބޮޑެތި ޤައުމުތަކުން މަތީ ތަޢުލީމް ހޯއްދެވުމުގެ ފުރުޞަތު ސަރުކާރުން ތަނަވަސް ކޮށްދެއްވާފައިވާ ކަމަށެވެ.