ރާއްޖޭގެ 212 ސްކޫލެއްގައި ދަރިވަރުންގެ ކުރިމަގު ބިނާ ކުރެއްވުމަށްޓަކައި މެދު ނުކެނޑި އެތައް ސަތޭކަ ޓީޗަރުންނެތް ހިދުމަތްކުރައްވަމުން ގެންދަވައެވެ. މި ދެންނެވި ޓީޗަރުން ޤައުމީ ހިދުމްތުގައި ދެމިތިބެ މަތީ ތައުލީމަށް ކިޔަވަމުން ގެންދެވީ އަމިއްލަ މަސައްކަތުންނެވެ. ބައެއް ޓީޗަރުން ޕޭލީވްގައި ކިޔަވަމުން ގެންދެވިއިރު އަނެއްބައި ޓީޗަރުން ތިއްބެވީ ނޯ ޕޭ ލީވްގައެވެ. އަދި ބައެއް ޓީޗަރުން ވަޒީފާއިން ވަކިވެ މަތީ ތައުލީމަށް ވަގުތު ހުސްކުރައްވަމުން ގެންދެވިއެވެ. ގިނަ ޓީޗަރުންނަށް ދިމާވެފައިވާ މި ދަތިތަކަށް މި ސަރުކާރުން ފުރަތަމަ ފަހަރަށް ހައްލު ހޯއްދަވާދެއްވާ ޓީޗަރުން ތަމްރީނުކުރެއްވުމުގެ ޙާއްސަ ޕުރޮގްރާމެއް ފެއްޓެވިއެވެ. އަދި މި ޕުރޮގްރާމްގެ ދަށުން ޓީޗަރުން ތަރައްޤީކުރެއްވުމަށް އެކި ދާއިރާތަކުން ސްކޫލްތަކަށް ފުރުސަތު ހުޅުވާލެއްވިއެވެ.
މަންޒަރު ބަދަލުވެ މިއަދު މުޅި ރާއްޖެއަށް ބަލާލުމުން ފެންނަމުންދަނީ ޓީޗަރުން އެމީހުންގެ ގައުމީ ޒިންމާ އަދާކުރައްވަމުން ޑިޕްލޮމާ ޑިގްރީ އަދި މާސްޓާރސް ފެންވަރަށް ކިޔަވަމުގެންދަވާ މަންޒަރެވެ.
މުދައްރިސުން ތަމްރީނުކުރުމަށް ވޭތުވެދިޔަ ތިންއަހަރު ކުރިޔަށްގެންދިޔަ ޕުރޮގްރާމްތަކަށް ބަލާއިރު، 1236 މުދައްރިސުން ޑިޕްލޮމާ ނިންމާފައިވާއިރު 1014 މުދައްރިސުން މިހާރު ގެންދަވަނީ ޑިޕްލޮމާއަށް ކިޔަވަމުންނެވެ. 101 މުދައްރިސުން ޕޭލީވްގައި ކިޔަވަމުންގެންދަވާއިރު 42 މުދައްރިސުން ޓީޗިންގ ޑިޕްލޮމާގެ ފުރަތަމަ ބުރު ފުރިހަމަ ކުރައްވާފައިވެއެވެ. މި ތިން އަހަރުގެ ތެރޭގައި މުދައްރިސުން އަލަށް ތަމްރީންކުރުމުގެ 2000 ފުރުޞަތު ހުޅުވާލާފައިވެއެވެ. ތަޢުލީމީ ދާއިރާގެ ޚިދުމަތްތެރީންނަށް ޕްރޮފެޝަނަލް ތަމްރީން ދިނުމުގެ ގޮތުން 65 ވޯކްޝޮޕް ހިންގާ 1851 ފަރާތް ތަމްރީން ކުރައްވާފައިވެއެވެ.
img:http://s2.psmnews.mv/images/660x400/14627920307480.jpg|ރައީސް ޔާމިން ސްކޫލް ދަރިވަރުންތަކަކާއި ސަލާމް ކުރައްވަނީ / ފޮޓޯ: ޕީއެސްއެމް
ޚާއްޞައެހީއަށް ބޭނުންވާ ކުދީންނަށް ކިޔަވައިދިނުމަށް ސެޓެފިކެޓް ލެވެލްގެ 30 ޓީޗަރުން ތަމްރީންކޮށް، ޚާއްޞައެހީއަށް ބޭނުންވާ ކުދީންނަށް ކިޔަވައިދިނުމަށް ޑިޕްލޮމާ ފެންވަރުގެ 60 ޓީޗަރުން މި ތިން އަހަރުދުވަހުގެ ތެރޭގައި ތަމްރީނުކުރައްވާފައިވެއެވެ.
ޓީޗަރުންނަށް އަމާޒުކުރައްވައިގެން މި ސަރުކާރުން ދެން ގެންނެވި އެންމެ ބޮޑު އެއް ހެޔޮ ބަދަލަކީ ސަރުކާރުން ޓީޗަރުންގެ މުސާރައިގެ އާއޮނިގަނޑު އެކުލަވާލައި ޓީޗަރުންގެ މުސާރައަށް ބަދަލުތަކެއް ގެންނެވުމެވެ. ޓީޗަރުންގެ އިތުރުގަޑީގެ ފައިސާގެ ގޮތުގައި ކުރިން ދެއްވަމުން ގެންދެވި %5 އިން %10 އަށް މައްޗަށް ޖައްސާލިއެވެ. އަދި މަލްޓިގްރޭޑް ޓީޗަރުންނަށް މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 100 ރުފިޔާގެ އިތުރު އެލަވަންސެއް ދޭން ފެއްޓެވިއެވެ. މީގެ އިތުރުން ޚާއްޞައެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވާދެއްވާ ޓީޗަރުން ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކު 100 ރުފިޔާގެ އިތުރު އެލަވަންސެއް ލިބޭނެގޮތް ހަމަޖައްސަވާދެއްވިއެވެ.
ޓީޗަރުންނެކޭ އެއްގޮތަށް ސްކޫލްތައް ހިންގެވުމަށް ތިއްބެވި ފަރާތަކަށްވެސް ހާއްސަ ޕޮރްގަރާމްތަކެއް ފަރުމާކުރައްވާ 82 ޕްރިންސިޕަލުންނަށް ޑިގްރީ ޕްރޮގްރާމަށް ކިޔަވައިދެއްވާ ހުރިހާ ޕްރިންސިޕަލުން ތާޒާކުރުމުގެ ޕްރޮގްރާމްތައް ހިންގާފައިވެއެވެ. މިދިޔަ އަހަރު ބައިނަލްއަޤްވާމީ ޓީޗަރުންގެ ކޮންފަރެންސެއް ބާއްވަވާ މި ކޮންފަރެންސްގައި 200 ޓީޗަރުން ބައިވެރިވި ކުރައްވާފައިވެއެވެ.