ތަރައްްޤީ

ރިޝްވަތު ދިނުން- ފިލުވާލަން ދަތި ނުރައްކާތެރި ވަބާއެއް


ދުނިޔޭގައި ފެތުރިފައިވާ ނުރައްކާތެރި، ބޮޑެތި ވަބާތަކުގެ ތެރެއިން ފިލުވާލަން އެންމެ އުނދަގޫ އެއް ވަބާއަކީ ރިޝްވަތާއި ކޮރަޕްޝަންކަމަށް ރާއްޖޭގެ މިސްކިތްތަކުގައި މިއަދު ދެއްވި ޚުޠުބާގައި ބަޔާންކުރައްވައިފިއެވެ. ފަހުގެ ދިރާސާތަކާ ޙަވާލާދެއްވައި ޚުޠުބާގައި ވިދާޅުވެފައިވަނީ ދުނިޔޭގެ ގިނަ މުޖުތަމަޢުތަކުގައި ކޮރަޕްޝަންގެ ޢަމަލުތައް ޢާންމުވެފައިވާ ކަމަށެވެ.

މާލެއާއި ރާއްޖޭގެ ކަންކޮޅުތަކުގެ މިސްކިތްތަކުގައި ދެއްވި ހުކުރު ޚުޠުބާ ބިނާކުރައްވާފައިވަނީ، ރިޝަވަތުގެ ސަބަބުން ތަރައްޤީއަށް އެޅިގެންދާ ހުރަސްތަކުގެ މައްޗަށެވެ. ޚުޠުބާގައި ބަޔާންކުރައްވާފައިވާ ގޮތުގައި، ރިޝްވަތާއި ނާޖާއިޒު ފައިދާއާއި ޚިޔާނާތުގެ ޢަމަލުތައް މުޖުތަމަޢުގައި ގިނަވެ، އެކަންކަމަކީ، ވަރަށް އާދައިގެ ކަންކަމުގެ ގޮތުގައި ދެކުމަކީ ދަރިންގެ މުސްތަޤްބަލާއި ޤައުމުގެ ކުރިއެރުމާއި ތަރައްޤީ، އަރައިނުގަނެވޭފަދަ ވަޅުގަނޑަކަށް ވެއްޓިދާނެ ކަންކަން ކަމަށެވެ.

ކޮންމެ މީހަކުވެސް އެމީހަކާ ޙަވާލުކުރެވިފައިވާ މަސައްކަތަކަށް ތެދުވެރިވެ، އަމާނާންތެރިވުމަކީ، އިސްލާމް ދީނުގައި ވާޖިބުކުރައްވާފައިވާ ކަމެއްކަން ފާހަގަކުރައްވަމުން، ޚުޠުބާގައި ވިދާޅުވެފައިވަނީ، ތިމާއަށް ޙައްޤު ނޫން ކަމެއް ނުވަތަ އެއްޗެއް ލިބިގަތުމުގެ ބޭނުމުގައި ނުވަތަ ކަމަކުން ބަރީޢަވެ، ސަލާމަތްވެގަތުމަށް ފައިސާ ނުވަތަ އެނޫންވެސް އެއްޗެއް މީހަކަށް ނުވަތަ ބަޔަކަށް ދިނުމަކީ ރިޝްވަތުކަމަށެވެ. މީގެތެރޭގައި ޤަވާޢިދާ ޚިލާފަށް ކަންތައްތައް ނިންމުމަށް ނުވަތަ ކުރުވުމަށް ދޭ ފައިސާއާއި ތަކެއްޗާއި ކެއުމާއި ސަޔާއި މިފަދަ އެތައް ކަމެއް ރިޝްވަތުގެ ތެރޭގައި ހިމެނޭކަމަށް ބަޔާންކުރައްވާފައިވެއެވެ.

ރިޝްވަތަކީ، މާތް ﷲ ޙަރާމްކުރައްވާފައިވާ ބޮޑު ފާފައެއް ކަމަށާއި އެކަމުގައި އުޅޭ އެންމެންގެ މައްޗަށް މާތް ﷲ ގެ ލައުނަތް ޙައްޤުވާކަމަށް ކީރިތި ރަސޫލާ ޙަދީޘްފުޅުރައްވާކަން ޚުޠުބާގައި ހަނދާންކޮށްދެއްވާފައިވެއެވެ. ރިޝްވަތު ދޭ މީހުންނާއި ރިޝްވަތު ހިފާ މީހުންނާއި ރިޝްވަތު ހިފުމަށް މެދުވެރިވާ މީހުންނަށް ފަހުން ލިބޭނެ ގެއްލުމާއި ހަލާކު މާބޮޑުކަން ވިސްނާލަންޖެހޭކަމަށާއި، އެކަމުގެ ގެއްލުން ތިމާގެ އިތުރަށް ތިމާގެ ޒިންމާގެ ދަށުގައި ތިބޭ މީހުންނަށް ލިބޭނެކަން ޚުޠުބާގައި އިޝާރާތްކުރައްވާފައިވެއެވެ.

"ޙަރާމްތަކެތި އަނބިދަރީންނަށް ކާންދިނުމަކީ، ތިމާމެންގެ ދަރީން ބަސްނޭހުމަށާއި ވިޔާނުދާ ޢަމަލުތައް ކުރުމަށާއި ބޮޑެތި ޖަރީމާތައް ހިންގުމަށް މަގުފަހިވާނެ ކަމެއް. އަނބިދަރީންގެ ދެކެ ޙަޤީޤީ ލޯބިވާ އެއްވެސް މީހަކު އެފަދަ ކަމެއް ކުރާނެތޯ. އެއީ ތިމާ އެބަޔަކު ދެކެ އެންމެ ލޯބިވާ، ތިމާއަށް އެންމެ ހެޔޮއެދޭ މީހުން. އެހެންނަމަވެސް ދުނިޔޭގެ ވަގުތީ އުފަލާއި އަރާމު ހޯދުމަށްޓަކައި އެމީހުންވެސް ހަލާކުގެތެރެއަށް އެއްލައިލަނީ އެއްވެސް ފިކުރެއް ވިސްނުމެއް ނެތި. ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކުޑަކޮށްވެސް ބިރުވެތިވުމެއް ނެތި." މިއަދުގެ ހުކުރު ޚުޠުބާގައިވެއެވެ.

މުޅިރާއްޖޭގައި ދެވުނު މި ހުކުރު ޚުޠުބާގައި ބަޔާންކުރައްވާފައިވާ ގޮތުގައި ދުނިޔޭގައި ފެތުރިފައިވާ ނުރައްކާތެރި ބޮޑެތި ވަބާތަކުގެ ތެރެއިން، ފިލުވައިލަން އެންމެ އުނދަގޫ އެއްވަބާއަކީ ރިޝްވަތާއި ކޮރަޕްޝަންގެ ޢަމަލުތަކެވެ. ފަހުގެ ދިރާސާތަކާ ޙަވާލާދެއްވައި ބަޔާންކުރައްވާފައިވާ ގޮތުގައި ދުނިޔޭގެ ވަރަށް ގިނަ މުޖުތަމަޢުތަކުގައި ކޮރަޕްޝަންގެ ޢަމަލުތައް ވަނީ ޢާންމުވެފައެވެ.

"ބައެއް މުޖުތަމަޢުތަކުގައި ކޮންމެވެސް މިންވަރެއްގެ ކޮމިޝަނެއް ނެތި އެއްވެސް ކަމެއް ނުކުރެވޭ. ރިޝްވަތުގެ ސަބަބުން މުޖުތަމޢުގެ އަމަންއަމާންކަމާއި ހަމަހަމަކަން ގެއްލި، އެތައް ބަޔަކަށް ލިބެންޖެހޭ ޙައްޤުތައް ނުލިބި، އެތައް ބަޔަކަށް ނުޙައްޤުން އެތަކެއް އެއްޗެއް ލިބެމުންދޭ.. އެތައް ބަޔެއްގެ ކަންތައްތައް އެތައްދުވަހަކަށް ލަސްވަމުންދާއިރު އަނެއް ބަޔެއްގެ ކަންތައްތައް ދުވަހުން ދުވަހަށް ނިމިގެންދޭ.. މި ހުރިހާ ކަމަކީވެސް ޤައުމާއި މުޖުތަމަޢު ހަލާކުގެ ތެރެއަށް ވެއްޓިގެން ދިއުމަށް މެދުވެރިވެގެންދާ ކަންކަން. ޤައުމުގެ ދުވެލި މަޑުޖެހި ކުރިއެރުމަށް ހުރަސްއެޅޭ ކަންކަން." މިއަދުގެ ހުކުރު ޚުޠުބާގައިވެއެވެ.

ރިޝްވަތަކީ މާތް ﷲ ޙަރާމްކުރައްވާފައިވާ ނުބައިކަން ބޮޑު ޢަމަލެއްކަން ހަނދާންކޮށްދެއްވަމުން، ރިޝްވަތާއި ކޮރަޕްޝަންގައި ހިމެނޭ މީހުންނަށް ހެޔޮވިސްނުން ދެއްވުން އެދިވަޑައިގެން ޚުޠުބާގައި ދުޢާކުރައްވާފައިވެއެވެ.