ޚަބަރު

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރަން އަމުރުކުރައްވައިފި


ޖެނުއަރީމަހުގެ 14 ވަނަ ދުވަހު ބޭއްވެވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބު 2 މަސް ދުވަހަށް ފަސްކުރުމަށް ސިވިލް ކޯޓުން އަމުރުކުރައްވައިފިއެވެ. 

ސިވިލް ކޯޓުން އިންތިޚާބު ފަސްކުރުމަށް އަމުރު ނެރުއްވީ، ލޯކަލް ކައުންސިލް އިންތިޚާބު ދެ މަސްދުވަހަށް ފަސްކޮށްދިނުމަށް އެދި ޕީޕީއެމުން ސިވިލްކޯޓަށް ހުށައެޅި މައްސަލަ ބެއްލެވުމަށްފަހުއެވެ. އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ސިވިލް ކޯޓުން މިއަދު ކުރި ޙުކުމްގައި ވިދާޅުވެފައި ވަނީ އަންނަ އަހަރު ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިޙާބު ފަސްކުރުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށާއި އެ އިންތިޙާބުގައި ވާދަކުރައްވާ ފަރުދުންނަށް އިންތިޙާބީ ހައްޤުގައި ކުރަންޖެހޭ މަސައްކަތް ކުރެއްވުމަށް މަގުފަހިވެ، އިތުރުވަގުތު ލިބިގެންދާނެ ކަމެއްކަން އެނގެން އޮންނާތީ މިގޮތުގެ މައްޗަށް އަންނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޙާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅުއްވާފައިވާ ތާރީޙަށް ބަދަލު ގެންނަވަންޖެހޭ ކަމަށެވެ.

އެހެންކަމުން ކައުންސިލް އިންތިޙާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ކަނޑައަޅުއްވާފައިވާ ތާރީޙުން ފެށިގެން ދެމަސް ދުވަހުގެ މުއްދަތެއް ލިބޭނެ ތާރީޙެއްގައި ލޯކަލް ކައުންސިލް އިންތިޙާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ޙުކުކްކުރައްވާ ކަމަށެވެ.

އެޙުކުމްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ އެންމެ މެމްބަރުންގެ ގިނަ ސިޔާސީ ޕާޓީ ކަމަށްވާ ޕްރޮގްރެސް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގެ ހިންގުން އިންތިޤާލުވުމުން ޕާޓީގެ ޑޭޓާބޭސްއާއި ޕާޓީގެ މެމްބަރުންގެ ދަފްތަރު ލިބިފައިނުވާ ކަމަށެވެ. 

މިދިޔަ ހަފްތާގެ ތެރޭގައި ޕީޕީއެމުން ސިވިލްކޯޓަށް ހުށައެޅި މައްސަލާގައި ބުނެފައިވަނީ އެޕާޓީއަކީ މި ވަގުތު ސީޔާސީ މައިދާނުގައި ޙަރާކާތްތެރިވާ އެންމެ ބޮޑު އަދި އެންމެ ގިނަ ރައްޔިތުން ތަމްސީލުކުރާ ޕާޓީކަމަށްވެފައި ޕާޓި ހިންގުމުގައި ދިމާވި އުދަނގޫތަކެއްގެ ސަބަބުން ކަނޑައެޅިފައިވާ ތާރީޚްގައި އިންތިޚާބު ބޭއްވުމަށް ބޭނުންވާ ތައްޔާރީތައް އެކަށީގެންވާ ގޮތެއްގައި ވެވިފައިނުވާކަމަށެވެ.

މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ މުއްދަތު އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހަށް ހަމަވާނެއެވެ. އިންތިހާބާބެހޭ ޤާނޫނު ބުނާގޮތުން މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ މުއްދަތު ހަމަވުމުގެ 30 ދުވަސް ކުރިން އިންތިޚާބު ބާއްވައި މަޤާމުތަކަށް މީހުން އިންތިޚާބުކުރަންޖެހޭނެއެވެ.