ޚަބަރު

ލިބޭ އަނިޔާތައް ސިއްރުނުކޮށް އެކަމާ ދެކޮޅަށް ތެދުވާން ޖެހޭ!


އަންހެނުންނާއި އަދި އަންހެންކުދިންނަށް ކުރާ އަނިޔާގެ ތިންސަތޭކައަށްވުރެ ގިނަ މައްސަލަ ވޭތުވެދިޔަ އަހަރުގެތެރޭގައި ހުށަހަޅާފައިވާކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މިއީ ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ވޭތުވެދިޔަ އަހަރު ހުށަހަޅާފައިވާ މައްސަލަތަކުގެ 80 އިންސައްތައެވެ.

މިއަދަކީ އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބައިނަލްއަޤްވާމީ ފެންވަރެއްގައި ފާހަގަކުރާ ދުވަހެވެ.

ދުނިޔޭގެ އާބާދީގެ ކޮންމެ ތިން އަންހެނަކުން އެއް އަންހެނަކީ އެމީހުންގެ ދިރިއުޅުމުގެ ކޮންމެވެސް ހިސާބެއްގައި ކޮންމެވެސް ބާވަތެއްގެ އަނިޔާއެއް ތަޙައްމަލުކޮށްފައިވާ މީހެކެވެ. މިފަދަ އަނިޔާ ކުރިމަތިވަނީ ޢާއްމުކޮށް އިތުބާރުކުރެވޭ، ގާތް މީހެއްގެ ފަރާތުންނެވެ. އަނިޔާއަކީ ހަމައެކަނި ބޭރުން ފެންނަ ޖިސްމާނީ އަނިޔާއެއް އެކަންޏެއްވެސް ނޫނެވެ. އަންހެނުންނަށް ކުރާ އަނިޔާތަކުގެ ތެރޭގައި ޖިސްމާނީ އަނިޔާ، ނަފްސާނީ އަނިޔާއާއި ޖިންސީ އަނިޔާ ހިމެނެއެވެ. ކަމާބެހޭ މާހިރުން ވިދާޅުވާގޮތުގައި މިފަދަ އަނިޔާތަކުގެ ސަބަބުން އަނިޔާ ލިބޭ ފަރާތްތައް އެހެން މީހުންނަށް ކުރާ އިތުބާރު ގެއްލި، އަނިޔާއާ ދެކޮޅަށް ތެދުވުމުގެ ހިތްވަރު ގެއްލިގެންދެއެވެ.

tw:https://twitter.com/FLCmv/status/802047205817204736

ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައިވެސް އަންހެނުންނަށް ކުރާ އަނިޔާ ރެކޯޑްކުރެވޭ މިންވަރު އިތުރުވަމުންނެވެ. މިގޮތުން 2013 ވަނަ އަހަރު އެއޮތޯރިޓީއަށް 19 މައްސަލައެއް ހުށަހަޅާފައިވެއެވެ. މީގެތެރެއިން 16 މައްސަލައަކީ އަންހެނުންނަށް އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަލަތަކެވެ. އަދި 2014 ވަނަ އަހަރު 149 މައްސަލައެއް ހުށަހަޅާފައިވެއެވެ. މީގެތެރެއިން 26 މައްސަލައެއް އަންހެނުންނާއި ގުޅުންހުރި މައްސަލަތަކުގެ ގޮތުގައި ހިމެނެއެވެ.

މިދިޔަ އަހަރު ޖުމްލަ 438 މައްސަލައެއް ހުށައަޅާފައިވެއެވެ. މީގެތެރޭގައި އަންހެނުންނަށް އަނިޔާކޮށްގެން ހުށަހަޅާފައިވާ މައްސަލަތަކުގެ ގޮތުގައި 352 މައްސަލައެއް ހިމެނެއެވެ. އަދި މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް 513 މައްސަލައެއް ހުށަހަޅާފައިވާއިރު، މީގެތެރޭގައިވެސް އަންހެނުންނަށް އަނިޔާކޮށްގެން ހުށަހެޅޭ މައްސަލަތައް ގިނަކަމަށް އެފްޕީއޭއިން ވިދާޅުވެއެވެ.

އަންހެނުންނަށް ކުރާ އަނިޔާތަކުގެ ތެރޭގައި ގެވެށި އަނިޔާއާ ގުޅޭ މައްސަލަތައްވެސް ހިމެނެއެވެ. މިގޮތުން 2014 ވަނަ އަހަރު އަނިޔާ ލިބިފައިވާ 18 އަހަރުން ދަށުގެ އަންހެންކުދިންގެ ޢަދަދު 11 ގައި ހުރިއިރު، 2015 ވަނަ އަހަރު މިޢަދަދު ހުރީ 83 ގައެވެ. 

tw:https://twitter.com/HopeforWomenmv/status/801042452777816064

ކަމާބެހޭ މާހިރުން ވިދާޅުވާގޮތުގައި އަނިޔާ ފެށިގެން އަންނަނީ ދެމީހެއްގެ ދެމެދުގައި އުފެދޭ ގުޅުމެއްގެ ތެރެއިން ފުރަތަމަ ދިމާވާ ކުދިކުދި ކަންކަމުގައި އަނިޔާ ލިބޭ ފަރާތުން އަޅާނުލައި ދޫކޮށްލުމުންކަމަށެވެ. މިފަދަ ކަންކަމީ ހަމައެކަނި ދެމީހެއްގެ ދެމުގައިވާ މައްސަލަތަކެއް ކަމަށް ނިންމައި، އެފަދަ މައްސަލަތައް ރިޕޯޓްނުކުރުމަކީވެސް މިފަދަ ކަންކަން ކުރާ މީހުންނަށް ދެވޭ އިތުރު ހިތްވަރަކަށް ނޫނީ ނުވާނެއެވެ. އަނިޔާ ހުއްޓުވަން ދިމާވާ އެންމެ ބޮޑު އެއް ހުރަހަކީ އެކަން ރިޕޯޓްކުރުމަށް ފަސްޖެހި، ހިތްދަތިކަމާއެކުގައިވެސް އެކަންތައް ތަޙައްމަލުކުރަމުން ގެންދާ ގެންދިއުމެވެ. އެހެންކަމުން އަނިޔާތަކާ ދެކޮޅަށް ތެދުވުމަށް ފަރުދީ ފެންވަރުގައާއި އިޖްތިމާޢީ ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކުރަންޖެހެއެވެ.

tw:https://twitter.com/SHE_Maldives/status/801718939273170944

އަނިޔާލިބިފައިވާ އަދި އަނިޔާ ލިބެމުންދާ ކޮންމެ މީހަކުވެސް ދެނެގަންނަންޖެހެނީ އަނިޔާގެ ބިރުވެރިކަމުގެ ތެރޭގައި ދިރިއުޅެން ނުޖެހޭނެކަމެވެ. އެހެންކަމުން އަނިޔާއެއް ތަޙައްމުލްކުރަމުންދާ މީހަކު ދެނެގަނެވޭނެ ގޮތްތަކާއި، މިފަދަ ކަންކަން ހުއްޓުވުމަށް ފަރުދީ ފެންވަރުގައި ކުރެވިދާނެ ކަންކަން ދެނެގަތުން މުހިއްމެވެ. މިކަމަށް ޢާއްމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީން ދަނީ ހިންގަމުންނެވެ.

އަނިޔާއާ ދެކޮޅަށް މުޖުތަމަޢު ހޭލުންތެރިކުރުމުގެ ބޭނުމުގައި، އދ. ގެ ޖެނެރަލް އެސެމްބްލީން 1999 ވަނަ އަހަރު ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހަކީ އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބައިނަލްއަޤްވާމީ ފެންވަރެއްގައި ފާހަގަކުރާ ދުވަހުގެ ގޮތުގައި ޤަރާރަކުން ވަނީ ކަނޑައަޅާފައެވެ.