ތަރައްްޤީ

ރައްކާތެރި ބޯފެން ފޯރުކޮށްދިނުމަށް އިތުރު މަޝްރޫޢުތަކެއް ހިންގަނީ


މިހާތަނަށް 24 ރަށެއްގައި ރައްކާތެރި ބޯފެން ލިބޭނެ އިންތިޒާމް ހަމަޖައްސަވާފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމިނިސްޓްރީގެ ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާރޓްމެންޓްގެ ފާއިތުވެދިޔަ ތިންއަހަރު ދުވަހުގެ ކާމިޔާބީ ޢާންމުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ރައްކާތެރި ބޯފެން ފޯރުކޮށްދެއްވުމަށްޓަކައި ސަރުކާރުން ގެންދަވަނީ ޚާއްޞަ އިސްކަމެއް ދެއްވައިގެން ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިހާތަނަށް 24 ރަށެއްގައި ރާއްކާތެރި ބޯފެން ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާފައިވާއިރު، މިހާރުވެސް 15 ރަށެއްގައި ބޯފެން ރައްކާކުރާނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. އެންވަޔަރަމަންޓް މިނިސްޓްރީގެ ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާރޓްމެންޓްގެ ފާއިތުވެދިޔަ 3 އަހަރު ދުވަހުގެ ކާމިޔާބީ ޢާންމުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޠާރިޤް ވިދާޅުވީ ސާފް ބޯފެން ފޯރުކޮށްދެއްވުމަށްޓަކައި އަންނައަހަރު އިތުރު 57 ރަށެއްގެ މަސައްކަތް ފަށްޓަވާނެކަމަށެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާރޓްމެންޓްގެ ފާއިތުވެދިޔަ ތިންއަހަރު ދުވަހުގެ ކާމިޔާބީ ޢާންމުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި އެޑިޕާރޓްމަންޓްގެ މުއައްޒަފުންގެ އަގުވަޒަންކުރައްވައި ހަނދާނީ ފިލާއެއް ދެއްވާފައިވެއެވެ. މި ފިލާ ހަވާލުކޮށްދެއްވީ މިނިސްޓަރ ޡާރިޤް އިބްރާހީމްއެވެ. އަދި މި ރަސްމިއްޔާތުގައި ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާރޓްމަންޓްގެ ކާމިޔާބީ ފާހަގަކުރެއްވުމުގެ ގޮތުން ޚާއްޞަ ކޭކެއްވެސް ފަޅުއްވާފައިވެއެވެ.

މި ރަސްމިޔާތުގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރައްވަމުން ގެންދަވާ 3 ކުންފުނިކަމަށްވާ، ސްޓެލްކޯއާއި އެމް.ޑަބްލިޔު.އެސް.ސީ ގެ އިތުރުން ފެނަކަ ކޯޕަރޭޝަނުން ބައިވެރިވެފައިވެއެވެ.