ތަރައްްޤީ

ކައުންސިލަރުންގެ އުމުރާ ގުޅޭ އިސްލާހު ބޭރުކޮށްލައިފި


އުމުރުން 65 އަހަރުވުމުން ކައުންސިލަރު ކަމަށް ކުރިމަތިނުލެވޭ ގޮތަށް ލޯކަލް ކައުންސިލްތަކުގެ ޤާނޫނަށް ހުށައެޅުއްވި އިޞްލާޙް މަޖިލީހަށް ބަލައި ގަންނަން ނުފެންނަކަމަށް ފާސްކުރައްވައިފިއެވެ.

ބާރަށު ދާއިރާގެ މެމްބަރ އިބްރާޙީމް ސުޖާޢު ހުށައެޅުއްވި އިސްލާހު މަޖިލީހުން ބޭރުކޮށްލާފައިވަނީ ވޯޓްގައި ބައިވެރިވެޑާއިގެންނެވި 65 މެމްބަރުންގެ އިއްތިފާގުންނެވެ.

އުމުރުން 65 އަހަރުވުމުން ކައުންސިލަރަކަމަށް ކުރިމަތި ނުލެވޭ ގޮތަށް ޤާނޫނަށް އިސްލާހު ހުށައަޅުއްވަމުން ބާރަށު ދާއިރާގެ މެމްބަރު އިބްރާޙީމް ސުޖާޢު ވިދާޅުވީ ޤާނޫނޫ އަސާސީގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމުގެ އެންމެ މަތީ އުމުރަކީ 65 އަހަރު ކަމަށް ބަޔާންކޮށްފައިވާއިރު އެ އުމުރަކީ ސަރުކާރުގެ ހާއްސަ އިނާޔަތްތައްވެސް ލިބޭ އުމުރެއް ކަމަށެވެ. އަދި އެ އިސްލާހުގެ ސަބަބުން  ޒުވާނުނަށް ފުރުސަތު ފަހިވެގެންދާނެކަމަށްވެސް ސުޖާއު ވިދާޅުވިއެވެ.

މި އިޞްލާހަށް ބަހުސްކުރެއްވި ގިނަ މެމްބަރުން ވަނީ އިޞްލާޙާ ދެކޮޅަށް ވާހަކަދައްކަވާފައެވެ. އޭގެތެރޭގައި ސަރުކާރަށް ތާޢީދު ކުރައްވާ މެމްބަރުންވެސް ހިމެނެއެވެ. ގިނަ މެމްބަރުން ވިދާޅުވަމުން ގެންދެވީ އިނންތިހާބު ބޯމަތުވެފައިވަނިކޮށް މި ފަދަ އިސްލާހެއް ހުށައެޅުވުން ޤަބޫލުފުޅު ނުކުރެއްވޭކަމަށެވެ. އަދި މި އިސްލާހުގެ ސަބަބުން ހައްގު ގެއްލިގެންދަނީ ހަމައެކަނި އިންތިހާބަށް ކުރިމަތިލާ ފަރާތަކުގެ އެކަނި ނޫންކަންވެސް ބައެއް މެމްބަރުން ފާހަގަކުރެއްވިއެވެ.

65 އަހަރުވުމުން ކައުންސިލަރުކަމަށް ކުރިމަނުލެވޭގޮތަށް ލޯކަލް ކައުންސިލްތަކުގެ ޤާނޫނަށް ސުޖާޢު އިޞްލާޙު ހުށަހެޅުއްވިއިރު މި ބަދަލު ލާމަރުކަޒީ ގާނޫނަށް ގެންނެވުމަށްވެސް އޭނާ  ހުށައަޅުއްވާފައިވެއެވެ. ލޯކަލް ކައުންސިލްގެ ޤާނޫނުގައި މިހާރު ބުނެފައިވަނީ 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ކައުންސިލަރ ކަމަށް ކުރިމަތިލެވޭނެ ކަމަށެވެ. އަދި އެ މަޤާމަށް ކުރިމަތިނުލެވޭނެ އުމުރެއް ގާނޫނުގައި ބަޔާންކުރައްވާފައެއް ނުވެއެވެ.

65 އަހަރުވުމުން ރައީސުލްޖުމްހޫރިޔާކަމުގެ މަގާމަށްކުރިމަތި ނުލެވޭ ގޮތަށް ޤާނޫނު އަސާސީއަށްވެސް މަޖިލީހުންވަނީ މިދިޔަ އަހަރު އިސްލާހު ގެންނަވާފައެވެ.