ޚަބަރު

ޕީއެސްގެ މަޤާމަކީ މިނިސްޓަރުންގެ ނާއިބުންގެ ދަރަޖައިގެ މަޤާމެއް


ޕަރމަނަންޓް ސެކްރެޓަރީއަކީ، ސަރުކާރުގެ މަޤާމުތަކުގެ އޮނިގަނޑުގައި މިނިސްޓަރުންގެ ނާއިބުންނާ އެއް ފެންވަރަށް ދަރަޖަކުރައްވާފައިވާ މަޤާމެއްކަމަށާއި އެ މަޤާމުގައި ތިއްބަވާ ބޭފުޅުންނާމެދު އިޙްތިރާމާއެކު ޢަމަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ސަރުކާރުގެ އޮފީސްތަކަށް އަންގައިފިއެވެ.

މިކަން އަންގަވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމުގައި ވިދާޅުވެފައިވަނީ ޕަރމަނަންޓް ސެކްރެޓަރީންނަކީ، އެ މަޤާމުގައި ތިއްބެވި ބޭފުޅުން ވަޒީފާ އަދާކުރާ މިނިސްޓްރީގެ މިނިސްޓަރުގެ ދަށުން މިނިސްޓްރީ ހިންގަވައި ބެލެހެއްޓެވުމާއި، އެ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން މިނިސްޓަރަށް ލަފާ އަރުވައި އެހީތެރިވެދެއްވުމާއި، އެ މިނިސްޓްރީގެ ދާއިރާގެ ސިވިލް ސަރވިސްގެ މުވައްޒަފުންނާބެހޭ އެންމެހައި ކަންތައްތައް ހިންގަވައި ބެލެހެއްޓެވުމުގެ ޒިންމާ ޤާނޫނީ ގޮތުން ޙަވާލުވެވަޑައިގެންފައިވާ މަސްއޫލްވެރިޔާކަމަށެވެ. އަދި، ޕަރމަނަންޓް ސެކްރެޓަރީއަކީ، ސަރުކާރުގެ މަގާމުތަކުގެ އޮނިގަނޑުގައި މިނިސްޓަރުންގެ ނާއިބުންނާ އެއް ފެންވަރަށް ދަރަޖަކުރައްވާފައިވާ މަގާމެއްކަމަށްވެސް ބަޔާންކުރައްވާފައިވެއެވެ.

ސަރުކާރުގެ އޮފީސްތަކުން ބާއްވާ ބައްދަލުވުންތަކަށާއި، ޙަފްލާތަކަށް ދަޢުވަތު ދެއްވުމުގައާއި، އެފަދަ ބައްދަލުވުންތަކާއި ޙަފްލާތަކުގައި އިށީނދެވަޑައިގެން ތިއްބެވުމުގެ ތަރުތީބު ކަނޑައަޅުއްވާއިރު، މިނިސްޓަރުންގެ ނާއިބުންނާ އެއް ފެންވަރުގައި ޕަރމަނަންޓް ސެކްރެޓަރީންގެ މަޤާމުގައި ތިއްބެވި ބޭފުޅުންނާމެދު ކަންކަން އިންތިޒާމު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދަންނެވުމުގައި ބަޔާންކުރައްވާފައިވެއެވެ.