ރިޕޯޓް

ބަޖެޓު ފާސްކުރުން މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި


ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓް ފާސްކުރެއްވުމުގެ މަސައްކަތް މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކުރައްވައިފިއެވެ. 

އަންނަ އަހަރަށް ލަފާކުރައްވައި ސަރުކާރުން މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ 26.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. 

އަންނަ އަހަރަށް ލަފާކުރައްވައި، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅުއްވާފައިވާ ބަޖެޓް މަޖިލީހުގެ ބަޖެޓް ދިރާސަކުރާ ކޮމެޓީން ވަނީ މިދިޔަ ހަފުތާގައި ފާސްކުރައްވާފައެވެ. އަދި އޭގެ ކުރިން މަޖިލީހުގައި ކުރެވޭ ބަޖެޓްގެ އިބްތިދާއީ ބަޙުސްގެ މަރުޙަލާގައިވެސް ވަނީ ނިންމަވާފައެވެ. ބަޖެޓް ދިރާސާކުރެއްވި ކޮމެޓީން ބަޖެޓާމެދު ގޮތެއް ނިންމެވީ ޖުމްލަ ޢަދަދަށް އެއްވެސް ބަދަލެއް ނުގެންނަވައި ސަރުކާރުން ހުށަހެޅުއްވި ވަރަށެވެ. ނަމަވެސް ބަޖެޓްގައި ހިމެނޭ ޕަބްލިކް ސަރވިސް އިންވެސްޓްމަންޓް ޕްރޮގްރާމް، ޕީއެސްއައިޕީގެ މަސައްކަތްތަކަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ވަނީ ގެންނަވާފައެވެ. އެގޮތުން ބަޖެޓް މަޖިލީހަށް ހުށަހެޅުއްވިއިރު ބަޖެޓްގައި ނެތް މަޝްރޫޢުތަކެއް މިހާރު ބަޖެޓް ކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ޖުމްލަ 21 މަޝްރޫޢެއް މުޅިން އަލަށް ވަނީ ބަޖެޓްކުރެވިފައެވެ. 

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ދައުލަތުގެ ބަޖެޓް، ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމެޓީންވެސް ފާސްކުރައްވާފައިވާއިރު، ކޮމެޓީން ބަޖެޓް ފާސްކުރެއްވުމުގެ ކުރިން، ސިޔާސީ ޕާޓީތަކުން ބަޖެޓް ރިކަމެންޑޭޝަންގެ ގޮތުގައި ހުށަހެޅުއްވުމަށް ބޭނުންވާ ކަންކަން ހުށަހެޅުއްވުމަށް ވަނީ ފުރުޞަތު ދެއްވާފައެވެ. އެގޮތުން އެ ފުރުޞަތުގައި އަންނަ އަހަރުގެ ބަޖެޓަށް ޖުމްލަ 14 ރިކަމަންޑޭޝަނެއް ސިޔާސީ ޕާޓީތަކުން ވަނީ ހުށަހަޅުއްވާފައެވެ. 

އޭގެތެރެއިން 10 ރިކަމަންޑޭޝަނެއް ކޮމެޓީ މަރުޙަލާގައި ފާސްކުރައްވާފައިވީ ނަމަވެސް، އެ ރެކަމަންޑޭޝަންތަކަކީ ސަރުކާރަށް ޢަމަލުކުރުން ލާޒިމް ރިކަމަންޑޭޝަންތަކެއް ނޫނެވެ. އަންނަ އަހަރުގެ ބަޖެޓްގައި ޕީއެސްއައިޕީއަށް ޖުމްލަ އަށް ބިލިއަން ރުފިޔާ ހިމަނުއްވާފައިވާއިރު އެއީ މުޅި ބަޖެޓްގެ 60 އިންސަތައެވެ. އަންނަ އަހަރުގެ ބަޖެޓްގައި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 21.9 ބިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ ލަފާކުރައްވާފައެވެ. އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓު ޑެފިސިޓު 304 މިލިއަން ރުފިޔާއަށް އަރާއިރު މިއީ ޖީ.ޑީ.ޕީގެ 0.5 އިންސައްތައެވެ.