ތިމާވެށި

ކޮޕް 22ގައި ކާމިޔާބު މަސައްކަތްތަކެއް ކުރެވުނު- މިނިސްޓަރ ތާރިޤް


މިއަހަރުގެ "ކޮޕް 22" ގައި ކާމިޔާބު މަސައްކަތްތަކެއް ކުރައްވާފައިވާކަމަށް އެންވައިރަމެންޓް މިނިސްޓަރ ތާރިޤް އިބްރާޙީމް ވިދާޅުވެއްޖެއެވެ. 

ޕީއެސްއެމްއިން ދެންނެވި ދުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ، މި އަހަރުގެ ކޮޕް ގައިވެސް ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވަކަމަށެވެ. އެގޮތުން، އިންޓަރނޭޝަނަލް ރިނިއުވަބްލް އެނަރޖީ، އައިރީނާގެ އެހީތެރިކަމާއެކު، ކުދި ޖަޒީރާ ގައުމުތަކުގައި އިޔާދަކުރަނިވި ހަކަތައިގެ މަސައްކަތްކުރުމާއި އެކަމަށް ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމަށް މަސައްކަތްކުރެވުނު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިކަމަކީ ރާއްޖެއިން އިސްނަގައިގެން ކުރެއްވި މަސައްކަތެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަންނަ އަހަރުގެ ކޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ފިޖީގައެވެ. މިނިސްޓަރ ތާރިޤް ވިދާޅުވީ، އަންނަ އަހަރުގެ ކޮޕްގައި، މި އަހަރު މަޝްވަރާކުރެވުނު ކަންކަމަށް ހައްލު ލިބިގެންދާކަމަށެވެ. މިއަހަރުގެ ކޮޕްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ލިބޭ ގެއްލުމުން ދިފާއުވުމަށް ބޮޑެތި ޤައުމުތަކުން ކޮންމެ އަހަރަކު ދޭންޖެހޭ ފައިސާ ހަމަޖެހިފައިވާ މުއްދަތުގެ ތެރޭގައި ހޯދުމާ ގުޅޭގޮތުންނެވެ.