ޤައުމުގެ އިޖުތިމާއީ ދުޅަހެޔޮކަމާއި ހަމަޖެހުމަކީ ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އިޖުތިމާއީ ރައްކާތެރިކަމުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް 4 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ކަނޑައަޅާފައިވެއެވެ. މިއީ ނިމިގެން މިދާ އަހަރަށްވުރެ %8.8 ގެ އިތުރުވުމެކެވެ.
މިބައިގެ ހަރަދު އެކުލަވާލާފައިވަނީ ބަލިމީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެހީއާއި އުމުރުން ދުވަސްވީ މީހުންނަށް ކުރާ ހޭދައާއި ކުޑަކުދިންނާއި އާއިލާއަށްދޭ އެހީފަދަ އިޖުތިމާއީ ރައްކާތެރިކަމާއި ގުޅޭ ޕްރޮގްރާމުތަކުގެ ހަރަދުތައް ހިމަނައިގެންނެވެ.
މި ހަރަދުތައް ހިނގަނީ މައިގަނޑު ގޮތެއްގައި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއާއި ޕެންޝަން އޮފީހާއި ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއާއި، އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ ފަދަ އިޖުތިމާއީ ޚިދުމަތްތައް ފޯރުކޮށްދޭ އިދާރާތައް މެދުވެރިކޮށެވެ.
މި ދާއިރާގެ ހަރަދުގެ އެންމެ ބޮޑު ބައެއް ހިއްސާކުރާނީ ޕެންޝަނުގެ ހަރަދުތަކެވެ. ފާއިތުވި އަހަރެކޭ އެއްގޮތަށް އަންނަ އަހަރުވެސް މިބައި އިތުރުވާނެ ކަމަށް ސަރާރުން ލަފާކުރައްވައެވެ. ސަބަބަކީ ސަރުކާރު ވަޒީފާތަކުން ރިޓަޔަރ ކުރާ ފަރާތްތައް ދޭ އިނާޔަތްތައް އިތުރުވުމެވެ. މިއީ ޕޭ ހާމަނައިޒޭޝަނާއި ސިޔާސަތު އެއްކޮށް ތަންފީޒުކޮށް ނިމުމުން ކުރިޔަށް އޮތް ދެ އަހަރު ރިޓަޔަރ ކުރާ ފަރާތްތަކަށް ލިބޭ އިނާޔަތް އިތުރުވާނެކަމަށް އަންދާޒާކޮށްވާތީ އިތުރުވާ އިތުރުވުމެއް ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.
މީގެ އިތުރުން މި ހަރަދުގެ %80 އަށްވުރެ ބޮޑުބައެއް ހިއްސާކުރާ 65 އަހަރުން މަތީ ފަރާތްތަކަށްދޭ ބޭސިކް ޕެންޝަނަކީ އާބާދީގައި އުމުރުން ދުވަސްވީ މީހުންގެ އަދަދު އިތުރުވާ މިންވަރާއި އެއްވަރަށް ބޮޑުވާ ޙަރަދެކެވެ.
އިޖުތިމާއީ އެހީގެ ތެރޭގައި އެނިވެރިމައިންނާއި ބައްޕައިންނަށް ދޭ އެހީއާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެހީއާއި ތެލަސީމިއާ އެލަވަންސްގެ ސިޔާސަތަށް ބަދަލެއް އައިސްފައިނުވާތީ މި ޕްރޮގްރާމުގެ ހަރަދު 2027 ވަނަ އަހަރު އަދި މެދުރާސްތާގައި އިތުރުވާނެ ކަމަށް މާލީ ވުޒާރާއިން އަންދާޒާ ކުރައްވައެވެ. އެއީ މި އެހީއަށް އެދޭ މީހުންގެ އަދަދު އިތުރުވާ މިންވަރުންނެވެ. އަދި ފޮސްޓަރ އެހީގެ ގޮތުގެ މިހާރު ދޭ މިންވަރު އިތުރުކުރުމަށް ނިންމާފައިވާތީ މި ހަރަދުވެސް އިތުރުވާނެ ކަމަށް ބެލެވޭކަމަށް ވިދާޅުވިއެވެ.
މިދާއިރާގެ ޕީއެސްއައިޕީ ހަރަދުތަކުގެ ތެރޭގައި އަމާން ހިޔާ، އޯލްޑް އޭޖް ހޯމް އަދި ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް ހާއްސަ ޝެލްޓަރތައް ޤާއިމުކުރުން ހިމެނެއެވެ.
މުޖުތަމައުގައި އެކި ސަބަބުތަކާއި ހެދި ބާކީވެ އެކަހެރިވަމުންދާ މީހުންގެ އާބާދީ މަދުކޮށް އިޖުތިމާއީ ގޮތުން ގުޅުން ބަދަހި އޯގާތެރި މުޖުތަމައެއް ބިނާ ކުރުމަކީ ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ.
ސަރުކާރުގެ ބެލުމުގެ ދަށުން އެކި އެކި މަރުކަޒުތަކުގައި އާއިލާތަކާއި ދުރުގައި އުޅެން މަޖުބޫރުވާ ހާލަތްތައް ދިމާވެ ގައުމުގެ އިގްތިސާދު އެއްވެސް ހިއްސާއެއް ނުވެވޭ އެތަށް ބަޔަކީ، ކަރާމާތްތެރި އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ އަދި އަމިއްލަ މަސައްކަތުން އާމްދަނީއެއް ހޯދާ މުޖުތަމައުގެ އެހެން މީހުންނާއި އެކު އުޅެވޭނެ މާހައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން ކޮންމެ އަހަރެއްގައިވެސް ގިނަ މަސައްކަތްތަކެއް ކުރެއެވެ.
ބަޖެޓުގައި އިޖުތިމާއީ ދާއިރާއަށް ކަނޑައަޅާފައިވާ ވަކިވަކި އަދަދުތަކަށް ވަލާއިރު ބަލި މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްދޭ އެހީ 1.07 ބިލިއަނަށް އަށް އާރާނެ ކަމަށް އަންދާޒާކޮށްފައިވެއެވެ. އޭގެ ތެރޭގައި ބަލިބައްޔަށް ބޭސްކުރުމަށް ދޫކުރާ އެހީގެ ގޮތުގައި 251.6 މިލިއަން އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްދޭ އެހީގެ ގޮތުގައި 825.4 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެއެވެ.
އަދި އުމުރުން ދުވަސްވީމީހުންނަށް ކުރާ ޚަރަދު 2.09 ބިލިއަނަށް އާރާނެ ކަމަށް އަންދާޒާ ކުރެވޭއިރު ކުޑަކުދިންނަށާއި އާއިލާއަށްދޭ އެހީގެ ގޮތުގައި 443.7 މިލިއަން ރުފިޔާއަށް އަރާނެކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.
މީގެ އިތުރުން މުޖުތަމައުން އެކަހެރިކުރެވިފައިވާ ފަރާތްތަކަށް އެހީވުމަށް 274.2 މިލިއަން ރުފިޔާއާއި އެހެނިހެން އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް 119.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވެއެވެ.
އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމުތަކަށް ސަރުކާރުން ބޮޑު ހޭދައެއް ކޮންމެ އަހަރަކުވެސް ކުރާއިރު މި އަދަދުތައް އަހަރުން އަހަރަށް އަންނަނީ އިތުރުވަމުންނެވެ. އެހެންނަމަވެސް ސަރުކާރުން މިހާރު ވިލަރެސްކުރާ ސިޔާސަތުތައް އެކުލަވާލަފައިވަނީ ދުޅަހެޔޮ ފުދުންތެރި އަބުރުވެރި ރައްޔިތަކަށް ކޮންމެ މީހަކަށްވެސް ވެވޭނެ މަގު ތަނަސްވަސްކޮށްދިނުމަށެވެ.
އަދި ސަރުކާރުގެ ވެލްފެއާގެ ނިޒާމަށް ބަރޯސާނުވެ އަމިއްލައަށް އާމްދަނީއެއް ހޯދޭނެ މަގުތައް ކޮންމެ ރައްޔިތަކަށްވެސް ފަހިކޮށްދިނުމަށް ތައުލީމީ ނިޒާމާއި ސިއްހީ ނިޒާމުގައިވެސް ބޮޑު އިސްކަމެއް ދީފައިވެއެވެ. އަދި ވަޒީފާގެ ބާރާޒުގައި ވީހާވެސް ބޮޑަށް ދިވެހިން ޝާމިލުކުރެވެން ހުރި ދިމަދިމާ ފާހަގަކޮށް ބިދޭސީން ރިޕްލޭސް ކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބައެއް ވަޒީފާތައް ހާއްސަކުރުން ފަދަ ކަންކަމާއި، އިޖުތިމާއީ ގޮތުން އޯގާތެރި ޝާމިލު މުޖުތަމައެއް ބިނާކުރުމަކީ ސަރުކާރުން މުހިންމު ސަމާލުކަމެއްދެއްވާ ދާއިރާއެކެވެ.