ޚަބަރު

ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުން ނިންމަވާލެއްވުމަށްފަހު ނައިބުރައީސް ފުރާވަޑައިގެންފި


  • މި ބައްދަލުވުން ކުރިއަށްދިޔައީ މި މަހުގެ 1 އިން 4 އަަށް

  • އެކި ސެޝަންތަކުގައި އެމަނިކުފާނު ވަނީ ތަގުރީރުކުރައްވާފައި

ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުން ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފު އެންޓީގާ އެންޑް ބާބިއުޑާއިން ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިދިޔަ މަހުގެ 30ވަނަ ދުވަހު އެ ޤައުމަށް ކުރެއްވި ދަތުރުފުޅަކީ ކޮމަންވެލްތު އިސްވެރިންގެ 28 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ޚާރިޖީ ވަޒީރު އިރުތިޝާމް ޢާދަމް ހިމެނިވަޑައިގެންނަވާހެން ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވައެވެ.

"އެކްސެލެރޭޓިން ޕާޓްނަރޝިޕްސް އެންޑްއިންވެސްޓްމަންޓް ފޯ އަ ޕްރޮސްޕަރަސް ކޮމަންވެލްތު" ގެ ތީމުގެ ދަށުން ކޮމަންވެލްތުގެ 28ވަނަ އިސްވެރިންގެ ބައްދަލުވުން ބާއްވާފައިވަނީ މި މަހުގެ 1 އިން 4 އަށެވެ.

މި ބައްދަލުވުމަކީ، ދުނިޔޭގެ އިޤްތިޞާދީ، ތިމާވެށީގެ އަދި ސަލާމަތީ ގޮންޖެހުންތަކާ ގުޅޭގޮތުން ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިން މަޝްވަރާކުރައްވައި، އެއްބާރުލުން އިތުރުކުރުމަށާއި، ވިލުންތެރިކަން ބިނާކުރުމަށާއި، ވިޔަފާރި ފުޅާކުރުމުގެ އިތުރުން ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށް މަޝްވަރާކޮށް ގޮތް ނިންމުމަށް، މެންބަރު ޤައުމަކަށް ލިބޭ މުހިންމު މަންސައެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި ކޮމަންވެލްތުގެ ބައްދަލުވުން ރަސްމީގޮތުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ރަސްމިއްޔާތުގައި ކޮމަންވެލްތުގެ އެންމެ އިސްވެރިޔާ، އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް 3 ވަނަ އާއި ކޮމަންވެލްތު ޤައުމުތަކުގެ ވަފުދުތައް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ދަތުރުފުޅުގެ ތެރެއިން ނައިބު ރައީސް ވަނީ އެގްޒެކެޓިވް ސެޝަން 2 ގައި ޤައުމީ ލަނޑުދަނޑިތަކަށް އިޙްތިރާމްކުރުމާއެކު އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ޤާބިލުކަން އަށަގެންނެވުމާއި، އަދި ކުރިމަތިވާ ގޮންޖެހުންތައް ޙައްލުކުރުމަށް އެންމެން ގުޅިގެން ޢަމަލީ ގޮތުން މަސައްކަތް ކުރެއްވުމަށް ގޮވާލައްވާފައެވެ.

މޫސުމީ ވިލުންތެރިކަމުން ފެށިގެން ޑިޖިޓަލް ޓްރާންސްފޮމޭޝަނާއި ހަމައަށް ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދުމަށްޓަކައި ތަޖުރިބާ ޙިއްޞާކުރުމާއި، ޢަމަލީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި ގުޅިގެން ޙައްލުތައް ހޯދުމުގައި އެއްބާރުލުން އިތުރުކުރުމަށްވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.

މީގެއިތުރުން، ކޮމަންވެލްތު ވަރުގަދަވުމަކީ ޤައުމުތަކުގެ އަމިއްލަ ބާރާއި ޤާބިލުކަމުގެ މައްޗަށް ބިނާވެ ކުރިއެރުމަށް މަގުފަހިކޮށްދޭ ޖަމާޢަތަކަށް ކޮމަންވެލްތުވުން ކަމުގައި ފާހަގަކުރެއްވިއެވެ.

2040 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމުގެ އަމާޒުތައް ތަކުރާރުކުރައްވައި، 2030 ވަނަ އަހަރުގެ ނިޔަލަށް ޑިޖިޓަލް އިގުތިސާދަކީ ޖީ.ޑީ.ޕީ ގެ 15 އިންސައްތައަށް ހެދުމަށާއި 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހަކަތައިގެ 33 އިންސައްތައަކީ އިޢާދަކުރަނިވި ހަކަތައަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒުތަކަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

މި ލަނޑުދަނޑިތަކަކީ އިތުރަށް ވިލުންތެރި ރާއްޖެއެއް ބިނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ބައެއްކަން ބަޔާންކުރައްވަމުން، ޤައުމީ ތަރައްޤީގެ އެންމެ ބޮޑު ބާރަކީ އަދި އޭގެ މަންފާ ޙައްޤުވާ ބަޔަކީ ރައްޔިތުން، އަދި ޚާއްޞަކޮށް ޒުވާނުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޒުވާނުންނަށް ހުނަރާއި، ޢިލްމާއި، ފުރުޞަތުތައް ފަހިކޮށްދިނުމަކީ މި ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށް ކުރެވޭ ވުނަކުރުމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ބޭރުން އަންނަ ގޮންޖެހުންތައް، ޚާއްޞަކޮށް ދުނިޔޭގެ ސަޕްލައި ޗޭނަށް އަރާ ބުރޫތަކާއި އިޤްތިޞާދީ ނުރައްކާތަކުގެ ސަބަބުން، ދުރުރާސްތާގެ ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށާއި ވުނަކުރުމަށް ޤައުމުތަކަށް އޮތް ފުރުޞަތު ހަނިވަމުންދާކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ވިލުންތެރިކަން އިތުރުކުރަނިވި ބައިވެރިވުންތަކުގެ ތެރެއިން، ޤައުމުތަކުގެ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގައި ކޮމަންވެލްތަށް މުހިންމު ދައުރެއް އަދާކުރެވޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްޙޫރިއްޔާގެ ނައިބު ވަނީ ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން ކުރިއަށްދިޔަ އެހެނިހެން ބައެއް ސެޝަންތަކުގައިވެސް ބައިވެރިވެވަޑައިގެން ރާއްޖޭގެ ފަރާތުން ޚިޠާބު ދެއްވާފައެވެ.