ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭ ބޯޑުގެ ދާއިމީ ނަތީޖާއަށް ބަލާއިރު މި އިންތިޚާބުގައި ކައުންސިލްތަކުން ހޮވާ މެމްބަރަކަށް ޕީއެންސީގެ ކެނޑިޑޭޓް އަލީ އަހުމަދުއަށް، 314 ވޯޓު އަދި އެމްޑީޕީގެ ކެނޑިޑޭޓް އަލީ ޒާފިރަށް 227 ވޯޓު ލިބިވަޑައިގަންނަވާފައިވެއެވެ. އަދި ޑަބްލިއުޑީސީގެ ރައީސާއިންގެ ތެރެއިން ޕީއެންސީގެ ކެނޑިޑޭޓް މަރިިޔަމް ޒީނާއަށް، 93 ވޯޓު ލިބިވަޑައިގަތް އިރު އޭނާއާ ވާދަކުރެއްވީ އެމްޑީޕީގެ ކެނޑިޑޭޓް މަރިޔަމް ނީނާއަށް ލިބިވަޑައިގަތީ 67 ވޯޓެވެ.
ދިވެހިރާއްޖޭގެ ލޯކަލް ގަވަރްމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑު އިންތިޚާބުގެ ގޮނޑިތައް ކާމިޔާބުކުރުމަކީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީއަށް މި ދަނޑިވަޅުގައި މުހިންމު ކާމިޔާބެކެވެ. ސަބަބަކީ މީގެ ސަބަބުން ލާމަރުކަޒީ ނިޒާމާއި، ރަށްރަށުގެ ހިންގުމުގެ އިތުރުން މަރުކަޒީ ސަރުކާރާއި ކައުންސިލްތަކާ ދެމެދު އޮންނަ ގުޅުމުގައި ޕީއެންސީގެ ދައުރު ފުޅާކުރުމަށް ލިބޭ ފުރުސަތެވެ.
މި އިންތިޚާބު ކާމިޔާބުކުރުމުގެ މުހިންމުކަން ހަމައެކަނި އިންތިޚާބެއް ކާމިޔާބުކުރުމަށްވުރެ މާ ފުޅަލެވެ. މީގެ ތެރޭގައި ސިޔާސީ ތަމްސީލުވުމާއި، އިދާރީ ގޮތުން ނުފޫޒު ފޯރުވުމުގެ އިތުރުން މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކާ އޮންނަ ގުޅުން ދެމެހެއްޓުން ހިމެނެއެވެ. ޕީއެންސީގެ ކައުންސިލަރުން މި ކާމިޔާބު ފާހަގަކުރެއްވީ، ލާމަރުކަޒީ ނިޒާމުގައި ބަސްބުނުމަށް އެ ޕާޓީގެ ޤާބިލްކަމަށް ކައުންސިލަރުން ކުރާ އިތުބާރެއްގެ ގޮތުގައެވެ.
އެލްޖީއޭ ބޯޑު ޕީއެންސީއަށް މުހިންމުވާ ސަބަބުތަކުގެ ތެރޭގައި، ލޯކަލް ގަވަރނަންސް ނުވަތަ ރަށްރަށުގެ ހިންގުމުގައި ބައިވެރިވުން އިތުރުވުން ހިމެނެއެވެ. އަދި ލޯކަލް ކައުންސިލްތައް ހިނގަނީ އުސޫލާ އެއްގޮތަށްކަން ޔަޤީންކުރުމާއި، ރަށްރަށުން އެދޭ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެލްޖީއޭއަކީ މުހިންމު ދައުރެއް އަދާކުރާ އިދާރާއެކެވެ.
އެ އޮތޯރިޓީގެ ބޯޑުގައި ޕީއެންސީ ތަމްސީލުވުމުން، ކައުންސިލްތަކުގެ އިދާރީ ހިންގުމާއި، ލޯކަލް ގަވަރނަންސް އަދި ލާމަރުކަޒީ ނިޒާމާ ގުޅޭގޮތުން ކުރެވޭ މަޝްވަރާތަކުގައި ބަސްބުނުމުގެ ފުރުސަތު ދީ، ކައުންސިލަރުންނާއި ޑަބްލިއުޑީސީން އެ ޕާޓީގެ ކެނޑިޑޭޓަށް އިތުބާރު ކުރިކަން ހާމަވެއެވެ.
ރަށު ކައުންސިލްތަކަކީ ރައްޔިތުންނާއި ސަރުކާރާ ދެމެދު އޮންނަ އެންމެ މުހިންމު އެއް އިދާރާއެވެ. އެލްޖީއޭގައި ޕީއެންސީ ތަމްސީލުވުމަކީ ދައުލަތުގެ މުއައްސަސާތަކާއި ރަށްރަށުގެ ކައުންސިލްތަކާ ދެމެދު އޮންނަ މުއާމަލާތްތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރުމަށް ބޯޑަށް ހޮވުނު މެމްބަރުންނާއި ހަވާލުވި ޒިންމާ އަދާކުރުމަށް ލިބޭ ފުރުސަތެކެވެ.
ލާމަރުކަޒީ ނިޒާމަކީ މަރުކަޒީ ސަރުކާރާއި ރަށު ކައުންސިލްތަކާ ދެމެދު ޒިންމާތަކާއި، ވަސީލަތްތަކާއި އަދި ގޮތް ނިންމުމުގެ ބާރުތައް ބެހިގެންދާ ގޮތެވެ. އެލްޖީއޭގެ ތެރެއިން މިކަންކަމަށް ބަސްބުނުމަށް ކައުންސިލަތަކާއި ޑަބްލިއުޑީސީން ހޮވަނީ ކޮންބައެއްކަން މުހިންމެވެ. ސަބަބަކީ މި ސިޔާސަތުތަކުގެ ސަބަބުން ރަށްރަށް ހިންގާނެ ގޮތަށް ސީދާ ބަދަލުތަކެއް އަންނާތީއެވެ. އެހެންކަމުން މި އިންތިޚާބުގެ ދެ ގޮނޑި ޕީއެންސީއަށް ކާމިޔާބުކުރެވުމަކީ، ޕީއެންސީ ކެނޑިޑޭޓުން ލާމަރުކަޒި ފިކުރަށް ތާއީދު އޮތްކަމުގެ ހެއްކެއް ކަމަށް އެ ފަރާތުން ޤަބޫލުކުރައްވައެވެ.
އެލްޖީއޭއަކީ ލޯކަލް ގަވަރްމަންޓާ ގުޅޭ މައްސަލަތަކުގައި މަޝްވަރާކޮށް ގޮތްތައް ނިންމާ އިދާރީ މުހިންމު މާހައުލެކެވެ. އެހެންކަމުން ލާމަރުކަޒި ނިޒާމަށް ޖަވާބުދާރީކުރުވުމުގައި ވެސް މިއީ މުހިންމު ފިޔަވަޅެކެވެ. އެލްޖީއޭގައި ޕާޓީގެ މަންދޫބުން ތިބުމުން، ކައުންސިލްތަކުގެ މަސައްކަތްތައް ހިނގާގޮތާއި، އިދާރީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކާއި، އަދި ކައުންސިލްތަކާއި ސަރުކާރުގެ މުއައްސަސާތަކާ ދެމެދު ކުރެވޭ މަސައްކަތްތައް ވިލަރެސްކުރުމުގެ މަޝްވަރާތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދެއެވެ. މިއީ ވާދަވެރި އިންތިޚާބަކަށް ފަހު ޕީއެންސީން ހޯދި މުހިންމު ކާމިޔާބެކެވެ.