ޚަބަރު

އެމްއެމްއޭގެ "މަނީ ޗޭންޖަރ ސިސްޓަމް" އިފްތިތާހުކޮށްފި


  • މި ސިސްޓަމް އިފްތިތާހުކޮށްދެއްވީ އެމްއެމްއޭ ޑެޕިއުޓީ ގަވަރުނަރު

  • ސިސްޓަމް ބޭނުން ކުރާނީ 1 ޑިސެންބަރުން ފެށިގެން

މަނީ ޗޭންޖިންގ ވިޔަފާރިކުރުމުގެ ލައިސަންސް ދީފައިވާ ފަރާތްތަކުގެ މަސައްކަތްތައް ޒަމާނީކޮށް ހަރުދަނާކުރުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން "މަނީ ޗޭންޖަރ ސިސްޓަމް" އިފްތިތާހުކޮށްފިއެވެ.

މި ސިސްޓަމް އިފްތިތާހުކޮށްދެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑެޕިއުޓީ ގަވަރުނަރު އައިޝަތު އަސްނާ ހަމްދީއެވެ.

މި ސިސްޓަމަކީ މަނީ ޗޭންޖިންގ ވިޔަފާރިކުރާ ފަރާތްތަކުގެ އިދާރީ އަދި އޮޕަރޭޝަނަލް މަސައްކަތްތައް ޑިޖިޓަލް ކުރުމަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ. އަދި މި ސިސްޓަމްގެ ސަބަބުން، އިދާރީ މަސައްކަތްތައް އޮޓޮމޭޓްކުރެވި، އެމްއެމްއޭއާއި ލައިސަންސް އޮންނަ ފަރާތްތަކާ ދެމެދު ކުރެވޭ މުއާމަލާތްތައް އަވަސްވެ ފަސޭހަކަމާއެކު ކުރެވިގެންދާނެ ކަމަށްވެސް އެމްއެމްއޭއިން ވިދާޅުވެއެވެ.



އެމްއެމްއޭއިން ވިދާޅުވީ މި ސިސްޓަމްގެ ސަބަބުން މުއާމަލާތްތައް ރިކޯޑްކުރުމަށާއި ރިޕޯޓްކުރުމަށްވެސް ފަސޭހަވެގެންދާނެކަމަށެވެ. މި ސިސްޓަމް މެދުވެރިކޮށް ގަވާއިދުން ފޮނުވަންޖެހޭ މައުލޫމާތުތައް ހިއްސާކުރުމުގެ އިތުރުން، ފައިސާ މާރުކުރުމުގެ މުއާމަލާތްތަކުގެ ރިޕޯޓުތައް ހުށަހެޅޭނެއެވެ. މިކަމުގެ ސަބަބުން މި ދާއިރާގެ ކަންކަން ސުޕަވައިޒްކޮށް ބެލެހެއްޓުމުގައި އިތުރު ފަސޭހަތަކެއް ލިބި މާލީ ދާއިރާ އިތުރަށް ހަރުދަނާވުމަށް މަގުފަހިވެގެންދާނެކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.

1 ޑިސެމްބަރު 2026 އިން ފެށިގެން، މަނީ އެކްސްޗޭންޖް ލައިސަންސް އޮންނަ ހުރިހާ ފަރާތްތަކަކުންވެސް މުއާމަލާތްތައް ރެކޯޑްކޮށް ރިޕޯޓް ކުރުމަށް ބޭނުންކުރާނީ މި ސިސްޓަމްކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ.