ޚަބަރު

ބީއެމްއެލްގެ އައު ހެޑް އޮފީސް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދަނީ


  • އައު ހެޑް އޮފީސް ތަރައްޤީކުރުމަށް ހަމެޖެހިފައިވަނީ ހުޅުމާލޭގައި

  • 14 ފަންގިފިލާގެ މި އިމާރާތުގައި ޕާކިންއަށް ޖާގައެއް ހުންނާނެ

  • ޕްރޮޕޯޒަލް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީހަކީ މިމަހުގެ 30

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް ގެ އައު ހެޑް އޮފީސް އިމާރާތް ތަރައްްްގީކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފިއެވެ. ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި 14 ފަންގިފިލާއަށް ތަރައްޤީކުރާ މި އިމާރާތުގައި ކާރުތައް ޕާކުކުރުމަށާއި ސައިކަލުތައް ޕާކުކުރުމަށް ޚާއްސަ ޖާގައެއް އޮންނާނެއެވެ.

ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލާ ބީއެމްއެލުން އާންމުކުރި އިއުލާނުގައިވާ ކަރުދާހުގައިވާ ގޮތުން އައު އިމާރާތް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 2,648.40 އަކަމީޓަރުގެ ބިމެއްގައެވެ. އިމާރާތުގެ ދިގު މިނުގައި 60 މީޓަރު ހުންނަ އިރު އިމާރާތުގައި ބޭސްމެންޓު ލެވެލްގެ 2 ފްލޯ އިންނާނެއެވެ. އިމާރާތުގެ އެންމެ ތިރީ ފްލޯ ހާއްސަކޮށްފައިވަނީ ކަސްޓަމަރުންނަށް ދޭ ޚިދުމަތްތަކަށާއި، ރީޓެއިލް އަދި ސްޓާފުންނަށް ބޭނުންވާ އެކި ކަންކަމަށެވެ. މި އިމާރާތުގައި ސައިކަލް ޕާކް ކުރުމަށް 400 ޖާގަ އަދި ކާރު ޕާކު ކުރުމަށް މަދުވެގެން 65 ޖާގަ ހުންނާނެއެވެ.

އިމާރާތުގެ 12 ވަނަ ފަންގިފިލާގައި ޓެރަހެއް ހުންނާނެއެވެ. އަދި އިމާރާތުގެ 13 އަދި 14 ވަނަ ފަންގިފިލާ ހާއްސަ ކުރަނީ އެގްޒެކެޓިވް ފްލޯތަކުގެގޮތުގައެވެ. އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަށްޓަކައި އިމާރާރުގެ އެންމެ މަތީގައި ސޯލާ ފާމެއް ތަރައްޤީކުރުމަށް ރާވާފައިވެއެވެ.

ބީއެމްއެލްއިން ވިދާޅުވީ އައު ހެޑް އޮފީސް އިމާރާތްކުރުމަށް ފައިސާ ހަމަޖެއްސުމުގައި އެންމެ ބޮޑަށް އިސްކަންދެނީ ޑޮލަރުން ކަމަށެވެ. އެގޮތުން މި މަޝްރޫއު ހިންގަން ޝައުގުވެރިކަން ފާޅުކުރާ ފަރާތުން ފައިނޭންސިން ހޯދައިދެވޭނެ ކަމަށާއި، ނުވަތަ ބޭންކެއް ނުވަތަ ތިންވަނަ ފަރާތެއް މެދުވެރިކޮށް ވެސް ފައިނޭންސިން ހޯދޭނެ ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސްގެ މިންގަނޑުތަކާއި ލިޔެކިޔުންތައް ބެލެހެއްޓުމުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އާރްއެފްޕީ މަރުޙަލާގައި ކޮންސެޕްޓް ޑިޒައިނާއި މަޝްރޫޢުގެ ތަފްޞީލީ މަޢުލޫމާތު ހިއްސާކުރެވޭނެ ކަމަށްވެސް އިއުލާނުގައިވެއެވެ.

ޝައުޤުވެރިކަން ފާޅުކުރާ މަރުޙަލާގައި، މަޝްރޫޢަށް ކުރިމަތިލާ ފަރާތްތަކުގެ މާލީ ޤާބިލުކަމާއި ފައިސާ ހޯދާނެ މަޞްދަރުތަކުގެ ޚުލާޞާއެއް ހުށަހަޅަންވާނެކަމަށް އެ އިއުލާނުގައި ބޭންކްއިން ވދާޅުވީ ފައިނޭންސިންގއާ ގުޅޭ ތަފްސީލީ މަޢުލޫމާތުތައް، އެއީ ލޯނުގެ އަދަދު، މުއްދަތު، ގްރޭސް ޕީރިއަޑް، އަގު (ޕްރައިސިންގ)، އަނބުރާ ދައްކާނެ ގޮތް، ރަހުނު އަދި އެހެނިހެން ޝަރުޠުތައް ހުށަހަޅަންޖެހޭނީ އާރްއެފްޕީ މަރުޙަލާގަ ކަމަށެވެ. މި މަޝްރޫޢުއަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ އެނެމެފަހުގެ ތާރިހަކީ މިމަހުގެ 30 ވަނަ ދުވަހެވެ.

ބީއެމްއެލްގެ މައި އޮފީސް މިހާރު ހިންގަމުން އަންނަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ އިމާރާތުގައެވެ. ނަމަވެސް، ޒަމާނަށް އަންނަ ބަދަލުތަކާއެކު ބޭންކުގެ އޮޕަރޭޝަންތައް އިތުރަށް ފުޅާވެ، މުވައްޒަފުންގެ އަދަދު އިތުރުވަމުން ދިޔުމާ ގުޅިގެން ޖާގައިގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ.