ޚަބަރު

"އަގީދާއަށް ދޭ ހަމަލާތަކާ ދެކޮޅަށް އެންސީޓީސީއާއި އައިޔޫއެމް ގުޅިގެން މަސައްކަތްކުރެވޭނެ"


  • ތައުލީމު ބޭނުން ކުރަންވާނީ މުޖުތަމައުގެ ފައިދާއަށްކަމަށް ވިދާޅުވި

ބަވަނަވަމުން އަންނަ ދުނިޔޭގައި ދިވެހީންގެ އަގީދާއަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު ހަސަން ރަޝީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، އައިޔޫއެމްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ދެވަނަ ސެޝަން ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ. ވަަޒީރުވަނީ، ރާއްޖޭގައި އިސްލާމީ ތަޢުލީމު ފެތުރުމަށް އެ ޔުނިވަރސިޓީން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު ހަސަން ރަޝީދު ވިދާޅުވީ، އުނގެނުމަކީ ދީނީ ވާޖިބެއް ކަމަށާއި އެއީ ތިމާއަށާއި މުޖުތަމައަށް އަދި ޤައުމަށް ފާގަތިކަމާއި ތަރައްގީ ލިބުމަށް މަގުފަހިކޮށްދޭ ކަމެއް ކަމަށެވެ. އެހެންކަމުން ތައުލީމާއި، ހުނަރާއި، އިލްމީ ވިސްނުންތެރިކަމުގެ ބޭނުން ކުރަންޖެހޭނީ، މުޖުތަމައަށް ފައިދާވާނެ ގޮތަށް ޤައުމު އާރާސްތުކުރުމަށް ކަމަށް ވިދާޅުވިއެވެ.

ބަވަނަވެފައިވާ ދުނިޔޭގައި ދިވެހިންގެ އަގީދާއާ ކުޅުމަށް އެކި ހަމަލާތައް އަމާޒުވަމުން އަންނަކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، އެފަދަ ފިކުރުތަކާ ދެކޮޅަށް ތަޢުލީމީ މުއައްސަސާތަކުން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.

"މިއަދު ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ، އިސްލާމީ އެއްވެސް މަދުރަސާއަކުން ނުވަތަ ޔުނިވަރސިޓީއަކުން ދީނީ ޢިލްމު އުނގެނިފައިނުވާ ހާލަތްތަކުގައިވެސް ބައެއް ފަރާތްތަކުން ދީނީގޮތުން ފަތުވާ ނެރެ، ޅަ ސިކުނޑިތައް ތަޣައްޔަރު ކުރަމުން ދިޔުން. އެހެންކަމުން މިކަންކަން ދެނެގަތުމަށްޓަކައި ދިފާޢީ ވުޒާރާގެ ދަށުން ހިންގަމުންދާ ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި، އިސްލާމީ ޔުނިވަރސިޓީ ގުޅިގެން މިކަމުގައި މުހިންމު މަސައްކަތްތަކެއް ކުރެވިދާނެ ކަމުގައި ދެކެން." ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު ވިދާޅުވިއެވެ.

ދިފާޢީ ވަޒީރު ވިދާޅުވީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަކީ ޤައުމުގައި އިސްލާމީ މަތީ ތަޢުލީމު ފޯރުކޮށްދިނުމުގައި މުހިންމު ރޯލެއް އަދާކުރާ ޢިލްމީ އިންސްޓިޓިއުޓެއް ކަަމަށާއި އެއީ ދިވެހިންގެ އިސްލާމީ ވަހުދަތު ރައްކާތެރިކޮށް، ދަމަހައްޓައި ދިވެހިންގެ މެދުގައި އެއްބައިވަންތަކަން ދަމަހައްޓައިދޭ ހިޔާވައްސެއް ކަމަށެވެ.

ޤައުމު ބިނާކުރުމުގައި އެންމެ ވަރުގަދަ ހަކަތައަކީ ތަޢުލީމީ ޒުވާނުންކަން ފާހަގަކުރައްވައި ވަޒީރު ވަނީ، އިސްލާމީ ޔުނިވަރސިޓީން ދަސްވެނިވާ ދަރިވަރުން ނަމޫނާ ދައްކައި، ހާސިލުކުރި ތަޢުލީމާއި ތަރުބިއްޔަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ޤައުމުގެ ތަރައްގީގައި ހިއްސާއަކަށްވުމަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.