ޚަބަރު

ވަޒީރު ޝިޔާމް، ޗައިނާގެ ޔާޒޫ ބޭ ސައިންސް އެންޑް ޓެކްނޮލޮޖީ ސިޓީއަށް


  • މިއީ ރަސްމީ ދަތުރުފުޅެއްގެ ތެރެއިން ކުރެއްވި ޒިޔާރަތެއް

  • މަސްވެރިކަމާއި ގުޅޭ ދާއިރާތަކުން މަޝްވަރާކުރެއްވި

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސިލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، ޗައިނާގެ ސާންޔާގައި ހުންނަ ޔާޒޫ ބޭ ސައިންސް އެންޑް ޓެކްނޮލޮޖީ ސިޓީ އިންޑަސްޓްރީ ޕްރޮމޯޝަން ސެންޓަރަށް ޒިޔާރަތްކުރައްވައިފިއެވެ.

މި ޒިޔާރަތަކީ، 7 ވަނަ ސިމްޕޯޒިއަމް އޮން ގްލޯބަލް މެރިޓައިމް ކޯޕަރޭޝަން އެންޑް އޯޝަން ގަވަރނަންސް އިންތިޒާމުކުރި ފަރާތްތަކުގެ ޚާއްޞަ ދައުވަތަކަށް ޗައިނާގެ ހައިނާންއަށް މިނިސްޓަރު ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރެއްވި މުހިންމު ޒިޔާރަތެކެވެ.

މި ޒިޔާރަތުގެ މައިގަނޑު މަޤުޞަދަކީ ދެމެހެއްޓެނިވި ގޮތެއްގައި ބްލޫ އެކޮނޮމީ ކުރިއަރުވައި ވަރުގަދަ ކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި، ޒަމާނީ ވަސީލަތްތައް ދެނެގަތުމެވެ. އެގޮތުން މަސްވެރިކަމުގެ ދާއިރާއާއި، އެކުއާކަލްޗަރ ނުވަތަ ކަނޑުމަސް އާލާކުރުން އަދި މެރިން ސައިންސްގެ ދާއިރާއިން ޗައިނާއިން ހޯދާފައިވާ ބޮޑެތި ކުރިއެރުންތަކާއި، ސައިންސާއި ޓެކްނޮލޮޖީގެ އީޖާދުތައް މިނިސްޓަރުގެ ވަފުދުން ވަނީ އަމަލީގޮތުން ބައްލަވާލައްވާފައެވެ.

ޔާޒޫ ބޭ ސައިންސް އެންޑް ޓެކްނޮލޮޖީ ސިޓީއަކީ ކަނޑުގެ ދިރާސާތަކާއި، އެކުއާކަލްޗަރގެ އައު ނަމޫނާތައް ތަރައްޤީ ކުރުމުގައި ބައިނަލްއަޤުވާމީ ގޮތުން ފާހަގަކޮށްލެވޭ މަރުކަޒެކެވެ. މި މަރުކަޒަށް ކުރެއްވި ޒިޔާރަތުގައި ދެ ގައުމުގެ ދެމެދުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތައް ތަރައްޤީ ކުރުމުގެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ މެދު ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.

ވަޒީރު ޝިޔާމް ޗައިނާގެ ސާންޔާގައި ހުންނަ ޔާޒޫ ބޭ ސައިންސް އެންޑް ޓެކްނޮލޮޖީ ސިޓީ އިންޑަސްޓްރީ ޕްރޮމޯޝަން ސެންޓަރަށް ކުރެއްވި މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި ދިވެހި ވަފުދުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ދަތުރުފުޅުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ވަސީލަތްތަކުން އުފެއްދުންތެރިކަން އިތުރުކޮށް، ތިމާވެށްޓާއި ރައްޓެހި ގޮތްތަކަށް މަސްވެރިކަމާއި އެކުއާކަލްޗަރ ކުރިއެރުވުމަށް ބޭނުންވާ ފަންނީ އިލްމާއި ތަޖުރިބާ ހޯދުމަށް މަގުފަހިވެގެންދާނެއެވެ.