ޚަބަރު

އޭއައިގެ ނިޒާމު ބެލެހެއްޓުމުގައި ކުދި ޤައުމުތަކުގެ ބައިވެރިވުން އިތުރުކުރަންޖެހޭ: ނަމްޒާ


  • މައުލޫމާތުގެ ސައްހަކަން ކަށަވަރުނުވާ ކޮންޓެންޓު އިތުރުވާތީ ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރުންގެ ދައުރު ބޮޑު

  • ޒިންމާދާރު އޭއައި ގަވަރނަންސަކީ ހަމައެކަނި ފަންނީ ކުރިއެރުމަކަށް އަމާޒުކޮށްގެން ވާނެ ކަމެއްނޫން

އާޓިފިޝަލް އިންޓެލިޖެންސް، އޭއައިގެ ޓެކްނޮލޮޖީ ތަރައްޤީ ކުރުމުގައްޔާއި އެ ނިޒާމުތައް ހިންގާ ބެލެހެއްޓުމުގައި އެންމެހައި ފަރާތްތަކުގެ ޝާމިލުވުން އިތުރު ކުރުމަށާއި، ކުދި އަދި ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ޙައްޤުތަކާއި ބޭނުންތައް ހާމަކުރުމަށް ބައިނަލްއަޤުވާމީ އެއްބާރުލުން ވަރުގަދަ ކުރުމަށް ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ ޗެއާޕާސަން އާމިނަތު ނަމްޒާ ގޮވާލައްވައިފިއެވެ.

ނަމްޒާ މިކަމަށް ގޮވާލެއްވީ، ޗައިނާގެ ވެރިރަށް ބެއިޖިންގގައި ކުރިއަށްދިޔަ 7 ވަނަ ވޯލްޑް މީޑިއާ ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިސަމިޓުގައި ވާހަކަފުޅު ދައްކަމުން ޕީއެސްއެމްގެ ޗެއާޕާސަން އާމިނަތު ނަމްޒާ ވިދާޅުވީ، ޓެކްނޮލޮޖީގެ ކުރިއެރުމުގެ ފައިދާ ވަކިފަރާތެއް އިސްތިސްނާނުކޮށް ހުރިހާ މުޖުތަމަޢުތަކަކަށް ފޯރުކޮށްދިނުމަކީ ދައުލަތްތަކާއި، އީޖާދުވެރިން އަދި މީޑިއާ އިދާރާތަކުގެ މަސްއޫލިއްޔަތެއް ކަމަށެވެ.

ނަމްޒާ ވިދާޅުވީ، އޭއައި މެދުވެރިކޮށް ފަތުރަމުންދާ ދޮގު މަޢުލޫމާތުތަކުގެ ނުރައްކާ ބޮޑުވަމުން އަންނަ ކަމަށެވެ. އެހެންވެ ޒިންމާދާރު އޭއައި ގަވަރނަންސަކީ، ހަމައެކަނި ފަންނީ ކުރިއެރުމަކަށް އަމާޒުކޮށްގެން ވާނެ ކަމެއްނޫން ކަމަށާއި، އޭއައިގެ ނުފޫޒު ގަދަވަމުންދާ ޒަމާނެއްގައި ކުރިމަތިވާ ގޮންޖެހުންތަކަށް އާންމު ރައްޔިތުން ހޭލުންތެރިކުރުވައި، އެފަދަ ބަދަލުތަކަށް ތައްޔާރު ކުރުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "މޯލްޑިވްސް 2.0" ތަޞައްވުރާ އެއްގޮތަށް ރާއްޖެއިން ކުރިއަށްގެންދާ ޑިޖިޓަލް ބަދަލުވުމުގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ނަމްޒާ ވިދާޅުވީ، ޓެކްނޮލޮޖީގެ ކާމިޔާބީ މިނެކިރަންވާނީ ހަމައެކަނި ޤާއިމުކުރެވޭ ޑިޖިޓަލް ވަސީލަތްތަކަކުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެ މީހަކު ދިރިއުޅޭ ރަށަކަށް ނުވަތަ ތަނަކަށް ބެލުމެއްނެތި، ރައްޔިތުންނަށް އެ ޚިދުމަތްތައް ހަމަހަމަކަމާއެކު ފޯރުކޮށްދެވޭ މިންވަރަކީ ޙަޤީޤީ މިންގަނޑު ކަމުގައި ވިދާޅުވިއެވެ.

މީގެއިތުރުން އޭއައި ނިޒާމުތައް ބިނާކުރުމުގައި ކުދި ޤައުމުތަކުގެ ބައިވެރިވުން ކުޑަވުމުގެ ސަބަބުން ދުނިޔޭގެ ޑިޖިޓަލް މުސްތަޤުބަލު ބައްޓަން ކުރާ ޑޭޓާތަކުގައި އެ ޤައުމުތަކުގެ ބަހާއި، ސަޤާފަތް އަދި ޤައުމީ ޙަޤީޤަތްތައް އެކަށީގެންވާ ގޮތެއްގައި ތަމްސީލުނުވާތީ އެކަމަނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އެހެންކަމުން އޭއައި އުފެއްދުމުގެ އިތުރުން އެ ބޭނުންކުރުމުގައި ޢަމަލުކުރާނެ ބައިނަލްއަޤުވާމީ އުޞޫލުތައް އެކުލަވާލުމުގައިވެސް ކުދި ޖަޒީރާ ޤައުމުތަކަށް މާނަހުރި ދައުރެއް ލިބެންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ނަމްޒާ ވިދާޅުވީ، މަޢުލޫމާތުގެ ސައްހަކަން ކަށަވަރުނުވާ އަދި އޮޅުވާލުމަށް އުފައްދާ ކޮންޓެންޓުތައް އިތުރުވަމުން އަންނަ ދަނޑިވަޅެއްގައި ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރުންގެ ދައުރު ބޮޑު ކަމަށެވެ. އެހެންވެ، މީޑިއާ ލިޓަރަސީ ނުވަތަ މަޢުލޫމާތު ވަޒަންކުރުމުގެ ހުނަރު އިތުރު ކުރުމަށާއި، ޒިންމާދާރު ތެދު މަޢުލޫމާތު ފެތުރުމަށް ގޮވާލެއްވިއެވެ. އަދި ޓެކްނޮލޮޖީގެ ކުރިއެރުންތައް ބިނާވާންވާނީ އިންސާނީ ކަރާމާތާއި މަޞްލަޙަތަށް އިސްކަންދީގެން ކަމަށާއި، އޭއައިގެ އަސްލު އަގު ވަޒަންކުރެވެނީ އިންސާނިއްޔަތަށް އޭގެ ސަބަބުން ލިބޭ ލާބައަކުން ކަމަށް ވިދާޅުވިއެވެ.

"މީޑިއާ އިން ދި އިންޓެލިޖެންޓް އޭޖް: ފްރޮމް ކޮންސެންސަސް ޓު އެކްޝަން" މި ޝިޢާރުގެ ދަށުން ބޭއްވި މިއަހަރުގެ ވޯލްޑް މީޑިއާ ސަމިޓަކީ، އޭއައިގެ ސަބަބުން މީޑިއާ ދާއިރާއަށް ކުރިމަތިވާ ގޮންޖެހުންތަކާއި ލިބޭ ފުރުސަތުތަކާ ގުޅޭގޮތުން ބައިނަލްއަޤުވާމީ ފެންވަރުގައި މަޝްވަރާކުރުމަށް ދުނިޔޭގެ މީޑިއާތަކުގެ ވެރިންނާއި މަންދޫބުން ބައިވެރިވި މުހިންމު ބައްދަލުވުމެކެވެ.