ޚަބަރު

ބާރަށުގެ އާސާރުތައް ރައްކާކުރުމަށް މުހިންމު މަސައްކަތަކެއް


  • ކަމަނާ މަގުގެ ބޮޑުބައެއް ވަނީ ނިމިފައި

  • ވާރުގެ ހިމާޔަތްކުރުންވެސް ކުރިއަށްދޭ

ތިލަދުންމަތި އުތުރުބުރީ ބާރަށަކީ ދިވެހިންގެ ތާރީޚީ ރަށެކެވެ. ރާއްޖޭގެ ތާރީޚުގައި މަޝްހޫރު ޝަޚްޞިއްޔަތެއް ކަމަށްވާ ގާޒީ ބަންޑާރައިންނާއި ގުޅޭ މުހިންމު ބިނާތަކާއި އާސާރުތައް ހުންނަ ރަށެކެވެ. މި ތާރީޚާއި، ދޮންބަންދާރައިންގެ ހަނދާންތައް ދިރުވައި އާލާކުރުމުގެ މަޤުޞަދުގައި އެރަށުގައި ހުރި ތާރީޚީ ބިނާތައް ހިމާޔަތްކުރުމުގެ ގިނަ މަޝްރޫޢުތަކެއް ފަށައި، ހަލުވި ދުވެލީގައި ސަރުކާރުން އަންނަނީ ކުރިއަށްގެންދަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި، މި މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހާމަކުރައްވަމުން ބާރަށު ކައުންސިލުގެ ރައީސް ޢަލީ ޝަމީމް ވިދާޅުވީ، ރަށުގެ އާސާރީ ތަރިކަ ރައްކާތެރިކޮށް ކުރިއަށް އަންނަ ޖީލުތަކަށް ފޯރުކޮށްދިނުމަށް ސަރުކާރާއި ކައުންސިލް ގުޅިގެން ކުރަމުންދާ މަސައްކަތްތައް މިހާރު ވަނީ އަމަލީ މަރުޙަލާގެ ނިމުމާ ހަމައަށް ގާތްވެފައިކަމަށެވެ. އެގޮތުން ރަށުގެ އެކި ސަރަޙައްދުތަކުގައި ހިންގޭ މި މަޝްރޫޢުތަކުގެ ސަބަބުން ރަށުގެ ސަގާފީ އަދި ތާރީޚީ ޤަދަރު މައްޗަށް ގޮސް، ފަތުރުވެރިކަމަށް ވެސް އާ ދިރުމެއް ލިބިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢުތަކުގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވާ އެއް މަޝްރުއަކީ އެރަށުގެ ކަމަނާ މަގު ތަރައްޤީ ކުރުމުގެ މަސައްކަތެވެ. ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި އެ މަގުގެ ބޮޑުބައެއްގެ މަސައްކަތް މިހާރުވަނީ ނިންމާލެވިފައެވެ.

"ގާޒީ ބަންޑާރައިގެ ހަނދާންތައް ދިރުވާ އާލާކުރުމުގެ ގޮތުން މިރަށުގައި ވަރަށް ބޮޑު މަޝްރޫޢެއް އެބަ ކުރިޔަށްދޭ. އޭގެ ތެރޭގައި ކަމަނާ މަގުގެ މަޝްރޫޢު މިހާރު ވަނީ ގާތްގަނޑަކަށް ބޮޑުބައި ހަމަ އެއްކޮށް ނިމިފަ. ދެން ހަމައެކަނި އެ މަގުގެ މިހާރު ކުރަންހުރި މަސައްކަތްތަކަކީ ފުއްޓަރާވީ ފަރާތުގައި އިތުރަށް ގާއިމުކުރާ ކުޑަ ގޭލަރީއެއް. މިއީ އުނދޯލި ދާންކޮޅެއް ގޮތަށް ތައްޔާރުކުރާ ކުޑަ ތަނެއް. އޭރުން ގާތްގަނޑަކަށް އެ މަގުގެ ހުރިހާ މަސައްކަތްތައް ނިމިފައި އެއޮތީ." ބާރަށު ކައުންސިލުގެ ރައީސް ޢަލީ ޝަމީމް ވިދާޅުވިއެވެ. މީގެ އިތުރުން، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ކަޅުއޮށްފުންމި ބެއްނެވި ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ވެސް މިހާރު އަންނަނި ކުރަމުންނެވެ. އެ މަސައްކަތުގެ ގާތްގަނޑަކަށް 70 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، އެ ސަރަޙައްދުގެ ބައުންޑަރީ ފާރު މިހާރު ވަނީ އެއްކޮށް ރާނާ ނިމިފައެވެ. އަދި އޭގެ އިތުރުން ދެލިއުންބު، ފެންޖެހި ވަޅުކޮޅާއި، ރަށުގެ އިރުމަތީ ފަރާތުގައި އޭރު އެބޭފުޅުން ބޭނުންކުރެއްވި ގިފިލި ވަޅުގެ ބައުންޑަރީ ވެސް މިހާރު ވަނީ ރާނާ ނިމިފައެވެ. މިހާރު ކުރިއަށްދަނީ އެ ސަރަޙައްދުގެ ޕްލާސްޓަރިންގ މަސައްކަތްތަކެވެ.

މި މަޝްރޫޢުތަކުގެ ތެރެއިން ވާރުގެ މަސައްކަތްތައް ވެސް ހަލުވިކަމާއެކު ކުރިއަށްދާކަން ފާހަގަކުރެވެއެވެ. އެގޮތުން ވާރުގެ ފުރާޅުގެ އީޓްޖެހުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާއިރު، އެތެރެ ޒީނަތްތެރިކުރުމުގެ މަސައްކަތްތަކާއި އެތަނަށް ވަންނަން އަންނަ ވޯކްވޭގެ މަސައްކަތްތައް ވެސް މިހާރު އެބަ ކުރިއަށްދެއެވެ. މިފަދަ އާސާރީ ބިނާތައް ހިމާޔަތްކޮށް ދެމެހެއްޓުމަކީ، މާޒީގެ ސަގާފަތާއި ތަރިކަ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

ބާރަށަކީ ދިވެހި ތާރީޚުގައި ވަރަށް މުހިންމު ވާހަކަތަކަކާއި ގުޅިފައިވާ، ޤައުމީ ބަތަލުންގެ ހަނދާންތައް ފެންނަންހުރި ޚާއްޞަ ރަށެކެވެ. މިފަދަ ތަންތަން ރަނގަޅު ފެންވަރަކަށް ތަރައްޤީކޮށް ހިމާޔަތް ކުރުމުގެ ސަބަބުން، ދިވެހި ތާރީޚަށް ލޯބިކުރާ ފަރާތްތަކަށާއި ދިރާސާކުރާ މީހުންނަށް ވަރަށް ބޮޑު ފަސޭހައަކަށްވެގެންދާނެއެވެ. ސަރުކާރާއި ކައުންސިލް ގުޅިގެން ހިންގާ މިފަދަ ކާމިޔާބު މަޝްރޫޢުތަކުގެ ސަބަބުން ރަށުގެ ތަރައްޤީއަށް އިތުރު ފުރިހަމަކަމެއް ލިބި، ރައްޔިތުންނަށް އޭގެ ފައިދާ ދިގު މުއްދަތަކަށް ލިބިގެންދާނެކަން ކަށަވަރެވެ. އަދި މިފަދަ ތަންނަން ހިމާޔަތްކުރުމުން ފަތުވެރިކަމުންވެސް އޭގެ ފައިދާ ރައްޔިތުންނަށް ލިބިގެންދާނެއެވެ.