ތިމާވެށި

މެޓް އޮފީސް އައިއެސްއޯ ނުވަހާސް އެކެއްގެ މިންގަނޑަށް މަތިކުރަނީ


ރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާގެ މަސައްކަތްތައް އައިއެސްއޯ ނުވަހާސް އެކެއްގެ މިންގަޑަށް ފެއްތެވުމުގެ ތައްޔާރީތަކުގެ ހުރިހާ ކަމެއް މި އަހަރު ނިންމަވާނެކަމަށް އެންވައިރަމެންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

މީޓިއޮރޮލޮޖިކަލް ސެންޓަރުގެ ފާއިތުވެދިޔަ ތިންއަހަރުގެ މަސައްކަތްތަކުގެ މަޢުލޫމާތު ޢާންކުރައްވަމުން، މިދާއިރާގެ މަސްއޫލިއްޔަތު އޮންނަ ވަޒީރު، މިނިސްޓަރ އޮފް އެންވައިރަމެންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމް ވިދާޅުވީ، މޫސުމާބެހޭ ޤައުމީ އިދާރާގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެއްވަށް، އައިއެސްއޯ ނުވަހާސް އެކެއްގެ ސާރޓިފިކޭޝަން ހޯއްދެވުމުގެ މަސައްކަތް މިއަހަރު ނިންމަވާނެކަމަށެވެ.

އެ އިދާރާގެ މުވައްޒަފުންގެ ފަންނީ ޤާބިލްކަން އިތުރުކުރައްވަން އޮނިގަނޑެއް އެކުލަވާލައްވައި ނިންމަވާފައިވަނީވެސް މި ހިނގާ 2016 ވަނަ އަހަރުތެރޭގައެވެ. މޫސުމާބެހޭ ކަންކަމުގެ ތަފްޞީލް ދިރާސާކުރެއްވުމަށް ރާއްޖޭގައި ބޭނުންކުރައްވަމުން ގެންދެވި ޑޮޕްލަރ ވެދަރ ރާޑަރ ހަލާކުވެ ބޭނުން ނުކޮށް ހުންނަތާ 6 އަހަރުދުވަސް ވެފައިވަނިކޮށް މިދިޔަ ތިންއަހަރުގެ ތެރޭގައި ކުރެއްވި މަސައްކަތުން އެ ރާޑަރ މިހާރު ވަނީ ބޭނުންކުރައްވަން ފަށްޓަވާފައެވެ. މިއީ ވަރަށް އިސްކަން ދެއްވައިގެން ބޮޑު ޚަރަދެއް ކުރައްވައި ފުރިހަމަކުރެއްވި މަސައްކަތެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

img:http://s4.psmnews.mv/images/660x400/14797425023269.jpg|މެޓް އޮފީހުގައި ބޭނުންކުރާ ބައެއް އިކިއުޕްމަންޓްތައް / ފޮޓޯ: ޕީއެސްއެމް

ރާއްޖޭގެ މޫސުމާބެހޭ ކަންކަން ފުޅާދާއިރާއެއްގައި ބައްލަވައި، އެ މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް ލިބިދެއްވުން ހަރުދަނާކުރެއްވުމަށް، 19 ސަރަޙައްދެއްގައި އޮޓޮމެޓިކް ވެދަރ ސްޓޭޝަން ރާއްޖޭގައި ވަނީ ޤާއިމްކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ 2013 ވަނަ އަހަރު މި ސަރުކާރު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، އޭގެތެރެއިން 13 ސްޓޭޝަނެއް ހަލާކުވެފައިވާކަމަށެވެ. އެހެންނަމަވެސް އޭގެތެރެއިން 7 ސްޓޭޝަނެއް މަރާމާތުކުރައްވައި މިހާރު ބޭނުންކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، އިތުރު ވެދަރ ސްޓޭޝަންތައް ޤާއިމްކުރެއްވުމަށާއި އަދި ސެންޓަރުތަކަށް ބޭނުންވާ އިކްއިޕްމެންޓް ހޯއްދެއްވުމުގެ މަސައްކަތް ޖަޕާން ސަރުކާރުގެ އެހީގައި ކުރައްވަމުން ގެންދަވާކަމަށެވެ.

ޗައިނާ އެއިޑްގެ ދަށުން އޮޝަން ބޮއިން ސިސްޓަމެއް އައްޑޫސިޓީގައި ހަރުކުރައްވާފައިވަނީވެސް ފާއިތުވި ތިންއަހަރުގެ ތެރޭގައެވެ.