ޚަބަރު

މާރަންދޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއިއެކު ކުރިއަށް


  • 300 ފޫޓޫގެ ބަނދަރެއް ތަރައްގީކުރާނެ

  • ގޮނޑުދޮށް ހިމާޔަތްކުރުން ކުރިއަށްދާނެ

އާބާދީގައި 1100 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ހދ. މާރަންދޫގެ ބަނދަރުގެ ޖާގައިގެ ދަތިކަމަކީ، އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން އަންނަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްގެން އެރަށުގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ބާރު ދުވެއްޔެއްގައި ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ. މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ، ޝީޓް ފައިލްކުރުމާއި ފަޅު ފުންކުރުމުގެ މަސައްކަތްތަކެވެ.

މި މަޝްރޫޢާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެމްޓީސީސީގެ ފަރާތުން މި މަޝްރޫޢާ ހަވާލުވެ ހުންނެވި ސައިޓް އިންޗާޖު ޖައިލަމް ހާރޫން ވަނީ، މަޝްރޫޢުގެ ފަންނީ އަދި އަމަލީ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ ތަފްޞީލު ހާމަކުރައްވާފައެވެ. ޖައިލަމް ވިދާޅުވި ގޮތުގައި، މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ އެންމެ މުހިންމު އެއް މަސައްކަތަކީ މުޅިން އައު ބަނދަރެއް ހަދައި، އެ ބަނދަރު މިހާރު ބޭނުން ކުރަމުންދާ ކުޑަ ބަނދަރާ އެއްކޮށްލުމެވެ. މި ބަނދަރުގެ ސަބަބުން ރަށަށް އިތުރު ވެގެންދާނީ، ގާތްގަނޑަކަށް 300 ފޫޓުގެ އައު ބަނދަރެކެވެ. މާރަންދޫއަކީ ކައިރި ރަށްރަށުންވެސް ބޯޓުފަހަރު މަޑުކޮށް، ކުދި އުޅަނދު ފަހަރުވެސް ގިނަވަމުންދާ ރަށަކަށްވާތީ އެރަށަށް އައު ބަނދަރެއްގެ މުހިންމުކަން ޖައިލަމް ވަނީ ފާހަގަކުރައްވާފައެވެ.

"މިހާރު މިރަށުގެ އެގްޒިސްޓިން ހާބަރަކީ، ހޯރަފުށި އަދި އިހަވަންދޫގެ ބޯޓުފަހަރުވެސް މާލެ ދުރުކުރަން ވަދެ އަދި އާރުޓީއެލް މޮބަލައިޒޭޝަން އޮންނަގޮތަށް ޕްލޭން ކޮށްފައިވާ ބަނދަރެއްވީމަ ބަނދަރުގެ ޖާގައިގެ ދަތިކަން އިންތިހާއަށް ރަތްޔިތުންނަށް އޮންނަ ބަނދަރެއް. އެހެންނަމަވެސް މިހާރު މި އިތުރު ކުރެވިގެންދާ ޖާގައާއެކު މި މައްސަލަ މުޅިން ހައްލުވެގެންދާނެ. އަދި ހަމައެހެންމެ އަޅުގަނޑު ފާހަގަކޮށްލާނަން މިރަށަކީ ބާރުސްޕީޑެއްގައި ކުދި ވެސަލްތައް ގިނަވުމުން އަންނަ ރަށެއް ކަމަށްވާތީ، މި ބަނދަރުގެ ސަބަބުން އެމައްސަލައަށް ފުރިހަމަ ހައްލެއް ލިބިގެންދާނެ ކަމަށް ޔަޤީންކުރަން." ޖައިލަމް ހާރޫން ވިދާޅުވިއެވެ.

މާރަންދުގައި އަލަށް ގާއިމުކުރަމުންދާ ބަނދަރާއިއެކު ޓީ-ޖެޓީއަކާއި އަދި ފައިބަރ އުޅަނދުތަކަށް ހާއްސަ ޖެޓީއެއްވެސް ތަރައްގީ ކުރާނެއެވެ. މި މަޝްރޫޢުގެ އިތުރު ފިޔަވައްސެއްގެ ގޮތުން ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ، އެމްޓީސީސީއާ ޙަވާލުކޮށްފައެވެ. މިކަމާއި ގުޅޭގޮތުން ޖައިލަމް ވިދާޅުވީ، އެމްޓީސީސީގެ އަމާޒަކީ ބަނދަރުގެ މަސައްކަތް ނިންމާލުމަށްފަހު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތާއި ބޮޑުހިލައިގެ މަސައްކަތްތައް ފެށުން ކަމަށެވެ.

މި މަޝްރޫޢު ނިމޭއިރު، މާރަންދޫގެ ރައްޔިތުންނަށް ދަތުރު ފަތުރުކުރުމާއި އިޤުތިޞާދީ ގޮތުން ގުނާނުލެވޭ ފަދަ ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ. ޚާއްޞަކޮށް ރަށަށް ދަތުރު ކުރާ ބޮޑެތި އުޅަނދުފަހަރާއި، ކުދި އުޅަނދު ފަހަރުތަކަށްވެސް ބަނދަރުގައި އޮތް ޖާގައިގެ ދަތިކަން މުޅިން ހައްލުވެ، ރައްޔިތުންނަށާއި ދަތުރުވެރިންނަށް ސަލާމަތްތެރިކަމާއެކު އުޅަނދުފަހަރު ފަޅުގައި ބޭއްވުމުގެ ޔަޤީންކަން ލިބިގެންދާނެއެވެ. މީގެއިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތާއެކު ރަށުގެ ރައްކާތެރިކަން އިތުރުވެ، މާރަންދޫގެ އިޖުތިމާއީ އަދި ވިޔަފާރީގެ ހަރަކާތްތަކަށް އައު ދިރުމެއް ލިބޭނެއެވެ.